ހިޔާ ފްލެޓުތަކަށް ވަން މީހުންގެ އަތުން ދިޔަ ހަރަދުގެ އެވްރެޖު އަގެއް ދޭނަން: މުއިއްޒު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު ފަރާތްތަކުން އެތަންތަނަށް ވަނުމަށްޓަކައި ކުރި ހަރަދުތަކުގެ އެވްރެޖު އަގެއް ޕީއެންސީގެ ވެރިކަމެއްގައި އަނބުރާ ދޭނެ ކަމުގެ ޔަގީންކަން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ހުޅުމާލޭ ފޭސް އެކެއްގައި އޮތް ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ވެރިކަން ބަދަލުވެގެން އޭރު ދިޔައީ އެ ފްލެޓުތަކުގެ މަސައްކަތްތައް ނިމެމުން ދަނިކޮށް ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އައުމަށްފަހު އެންމެ ފުރަތަމަ މަސައްކަތް ކުރީ އެތަން ބޮޑު ކުރުމަށް ކަމަށް ބުނެ ތަޅާލުމަށް ކަމަށާއި ނަމަވެސް އެއްވެސް ކަމެއް ނުކޮށް އެންމެ ފަހުން އެތަން ހުރި ގޮތަށް ރައްޔިތުންނަށް ދިނުމަށް މި ސަރުކާރުން ނިންމި ކަމަށެވެ.

“އެހެންނަމަވެސް ރައީސް ޔާމީން ވެރިކަމުގައި ނިންމަވާފައި އޮތީ އަޅުގަނޑުމެން އެކަން ކުރަން ތިބި މީހުންނަށްވީމަ މި ދަންނަވަނީ ނިންމަވާފައި އޮތީ ފަސް ޑިޒައިނެއް ފަސް ގޮތަކަށް، ޑިޒައިން އޮޕްޝަން ރައްޔިތުންނަށް ދޭ ގޮތަށް. އެ މަސައްކަތް ނިންމަންދާ ފިނިޝިން ލޯން 48 މިލިއަން ޑޮލަރުގެ ލޯނު އޭރުގައި އޮތީ އެޗްޑީސީ ކިޔާ ކުންފުންޏެއް. އެޗްޑީސީން ނަގާ ގޮތަށް ހުރިހާ ކަމެއް ނިންމާފައި. ފައިސާ ހަމަޖެހިފައި,” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފްލެޓު ލިބުނު ފަރާތްތަކަށް އެ ފްލެޓުތައް ނިންމުމަށް ފަސް ޑިޒައިންގެ ތެރެއިން ބޭނުން ޑިޒައިނެއް ނެގުމަށްފަހު އެ ފައިސާ ބޭނުން ކޮށްގެން އެތަންތަނުގެ ފިނިޝިން ނިންމުމަށް އޮތީ ރައީސް ޔާމީން ސަރުކާރުގައި ނިންމަވާފައި ކަމަށެވެ.

“އެކަން އެހެން އޮއްވާ މި ސަރުކާރުން އައިސް ލޯނު ވެސް ދޫކޮށްލީ މި ދެންނެވި ގޮތަށް ތަން ނިންމީކީއެއް ވެސް ނޫން. ހަތަރު ފާރު ހަވާލުކުރީ,” މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުން އުފުލަން ޖެހުނީ ބޮޑު ތަކުލީފެއް ކަމަށާއި އެތަންތަން ނިންމުމަށް ރައްޔިތުން އަތުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހުނު ކަމަށެވެ. މުއިއްޒު ވިދާޅުވީ އެންމެ ނިކަމެތި މީހާ އަދިވެސް އެތަން ނުނިިމިގެން އުޅޭ ކަމަށެވެ.

"އަޅުގަނޑުމެން ކަން ކުރާނެ ގޮތަކީ އެވްރެޖް ގޮތެއްގައި އެ ދިޔަ ހަރަދަށް ބަލާފައި އާބަންކޯއިން އެ ކޯސްޓް އޮރިޖިނަލީ ޕްލޭން ކުރި ގޮތަށް، އެ ކޯސްޓް ބެއާކުރާ ގޮތަށް މި ކުރެވުނު ހަރަދު އެވްރެޖްކޮށްފައި އަނބުރާ ދައްކާގޮތަށް،"

ތަކުރާރުކޮށް މުއިއްޒުގެ ވާހަކަފުޅުގައި ވަނީ އޭނާގެ ސަރުކާރުން ދެއްވާނީ އެވްރެޖު އަގެއް ކަމަށެވެ. ނަމަވެސް އެ އަގަކީ އެކަށީގެންވާ ރަނގަޅު އަގަކަށް ވާނެ ކަމަށް ފާހަގަކުރެއްވިއެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ އެވްރެޖް އަގެއް ދޭނަމޭ. ދޭނަމޭ މި ވިދާޅުވީ ރައްޔިތުން އަތުން ދެއްކި ހަރަދު އަނބުރާ ރިކަވާ ކުރެވޭ ގޮތް، ވީހާވެސް ރަނގަޅަކަށް ކުރެވޭނެ ގޮތް، އެވްރެޖް އަގެއްގައި. ބައެއް ބޭފުޅުން ވަރަށް އަގުބޮޑުކޮށް އެބަހުރި އެޕާޓްމެންޓްތައް ހަދާފައި، އެހެންވީމަ އެއްކޮށް ކަވާ ނުވެދާނޭ. އެހެން ނަމަވެސް އެވްރެޖް އަގެއް ކަނޑައެޅީމައި އޭރު އަޅުގަނޑުމެން ހެދި ހިސާބުން ބަލާނަމަ އެވްރެޖްކޮށް ދެލައްކަ ރުފިޔާ އެއީ،" މުއިއްޒު ވިދާޅުވިއެވެ.