ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އިންޑިވިޖުއަލް އެވޯޑް، "ބެލަންޑޯ" އެވޯޑަށް ނޮމިނޭޓްވި 30 ކުޅުންތެރިންގެ ޝޯޓް ލިސްޓް ރޭ އާއްމުކޮށްފިއެވެ.

ކޮންމެ އަހަރެއްގެވެސް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހޮވުމަށް ފްރާންސް ފުޓްބޯލް މެގަޒިންއިން ދޭ ބެލަންޑޯ އެވޯޑަށް ނޮމިނޭޓްވީ ކުޅުންތެރިންގެ ލިސްޓް ރޭ ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. އަންހެން އަދި ފިރިހެން ލިސްޓެއްވެސް އާއްމުކޮށްފައިވާ އިރު، މި އެވޯޑަކީ 1956 އިން ފެށިގެން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެވެ. ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރު އެ އެވޯޑް ނުދިން ނަމަވެސް ބާކީ 66 އަހަރު އެވޯޑް ވަނީ ދީފައެވެ.

އެގޮތުން 2016 ވަނަ އަހަރާއި ހަމައަށް ބެލަންޑޯ އެވޯޑް ބެލިފައި ވަނީ ފުޓްބޯޅައިގެ ރަސްމީ އެވޯޑަށެވެ. އެއަހަރާ ހަމައަށް އެވޯޑް ދެނީ ފީފާފެ ބައިވެރި ވުމާއެކު "ފީފާ ބެލަންޑޯ އެވޯޑް" ގެ ނަމުގަ އެވެ. ފީފާފެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓިނޯ 2016 ވަނަ އަހަރު ފީފާގެ ރައީސް ކަމާ ހަވާލުވެ އޭނާ ނިންމީ ފީފާއިން ވަކި އެވޯޑެއް ދިނުމަށެވެ. އެގޮތުން "ފީފާ ދަ ބެސްޓް" އެވޯޑްގެ ނަމުގައި އެވޯޑެއް ތައާރަފް ކުރި އެވެ.

ބައި ގަރުނަށް ވުރެން ދުވަސްވީ މި އެވޯޑް އެންމެ ގިނަ ފަހަރު ކާމިޔާބުކުރީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއެވެ. މެސީ ވަނީ ހަތް ފަހަރު އެ އެވޯޑް ހާސިލް ކޮށްފައެވެ. މެސީ އަކީ މި އަހަރުގެ އެވޯޑުގެ ވެސް ފެވަރިޓެކެވެ. މެސީ ވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕް އާޖެންޓީނާއަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި މެސީ ވަނީ އެ ވޯލްޑްކަޕުގައި އެތައް ރެކޯޑެއް ވެސް މުގުރާލައިފައެވެ.

އޭގެ އިތުރުން ފްރާންސްގެ ޕީއެސްޖީއާއެކު ފްރާންސް ލީގާއި ފްރެންޗް ކަޕުވެސް މެސީ ވަނީ ކާމިޔާބުކޮށްފައެވެ. އަދި މިފަހުން އިންްޓަ މައިއޭމީއާއެކު އެމެރިކާގެ އެމްއެލްއެސް ލީގު ކަޕުވެސް މެސީ ވަނީ ކާމިޔާބުކޮށްފައެވެ.

މެސީއާއި އެންމެ ބޮޑު ވާދައެއް މިފަހަރުގެ އެވޯޑުގައި ކުރާނެ އެކަކަކީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ ސްޓްރައިކަރު އާލިންގް ހާލަންޑެވެ. ހާލަންޑް ވަނީ މިދިޔަ ސީޒަނުގައި ސިޓީއާއެކު ޗެމްޕިއަންސް ލީގު ހޯދައި، ޕްރިމިއާ ލީގު ކާމިޔާބުކޮށް އަދި އެފްއޭކަޕް ވެސް ކާމިޔާބުކޮށްފައެވެ. މި މުބާރާތްތަކުގައި ހާލަންޑް ގިނަ ގޯލުތަކެއް ޖަހާފައިވާ އިރު އޭނާ ވަނީ ޕްރިމިއާ ލީގުގައި 36 ގޯލު ޖަހައިގެން އެ ލީގުގެ ރެކޯޑު ހަދައިފައެވެ.

ހާލަންޑް ވަނީ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. އަދި މިފަހުން ޔޫއެފާއިން ހޮވި ޔޫރޮޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހާލަންޑް ވަނީ ހޯދައިފައެވެ.

މީގެ އިތުރުން ޕީއެސްޖީގެ ކިލިއަން އެމްބާއްޕޭއަކީވެސް މިފަހަރުގެ އެވޯޑަށް ރަނގަޅު ވާދައެއް ކުރާނެ ކުޅުންތެރިއެކެވެ. ޕީއެސްޖީއާއެކު ލީގާއި ފްރެންޗް ކަޕް ކާމިޔާބުކުރި އިރު، އެމްބާއްޕޭއަކީ ލީގުގެ ޓޮޕް ސްކޯރާއެވެ. އަނެއްކޮޅުން މިދިޔަ އަހަރުގެ ވޯލްޑްކަޕުގެ ފައިނަލަށް ފްރާންސް ގެންދިއުމުގައިވެސް އެމްބާއްޕޭގެ ހިއްސާ އިންތިހާއަށް ބޮޑެވެ. އަދި ފައިނަލުގައި ވެސް ހެޓްރިކް ހަދައި، އެމްބާއްޕޭ ވަނީ އެ މުބާރާތުގެ ގޯލްޑެން ބޫޓް ހޯދައިފައެވެ.

މިފަހަރުގެ ބެލަންޑޯ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ.