ޓިކެޓް ނެގުމަށް ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެ މިއަދު ފަށާ، އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެއިން ބައިވެރި ނުވާން ނިންމައިފިއެވެ.

އޭއެފްސީ ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިން ތަމްރީންތައް ހަދަމުން އައިސް މިދިޔަ ތިން ދުވަހުވެސް ވަނީ މުބާރާތަށް ފުރަން ތައްޔާރުވެފައެވެ. އެކަމަކު އެ ތިން ދުވަހު ވެސް ފުރޭ ގޮތް ނުވެ، އެފްއޭއެމުން އެކަމުގައި އެކަށޭނެ ޖަވާބެއް ނުދީ އޮތުމަށްފަހު ރޭ އެ އިދާރައިން ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ.

އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ޓިކެޓް ފައިސާ ހަމަޖެއްސުމަށް ޔޫތު މިނިސްޓްރީގައި މިދިޔަ މަހުގެ 7 ވަނަ ދުވަހު އެދިފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ އެ މިނިސްޓްރީން މިއަދާ ހަމައަށް ވެސް ދޫކޮށްފައި ނުވާތީ އެހެން ގޮތް ގޮތުން ޓިކެޓަށްވާ ފައިސާ ފުރަން ވަރަށް ގާތްވެފައިވަނިކޮށް ހަމަޖެހުނު ކަމަށެވެ. އެކަމަކު ފުރަން ކުޑަތަން ވެފައިވަނިކޮށް އެ ފައިސާ ހަމަޖެހުމުން ޓިކެޓް ނުލިބުނީ ކަމަށް އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމުން އިތުރަށް ބުނީ މުބާރާތުގެ މެޗުތައް ފަސްކޮށްދިނުމަށް ވެސް އެދިފައިވާ ކަމަށާއި، އެހެން ނަމަވެސް މެޗުތައްް ފަސްކުރަން އެކަށީގެންވާ ވަގުތު ނެތުމުން އެކަން ނުވާނެކަން ވަނީ އެފްއޭއެމްއަށް އަންގާފައި ކަމަށެވެ. އެ ސަބަބުތަކާއެކު މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ބައިވެރި ނުވާން ނިންމާފައިވާ ކަމަށްވެސް އެފްއޭއެމުން ބުނެއެވެ.

"އަޅުގަނޑުމެން އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނާ މަޝްވަރާ ކުރެވުނު މެޗު ލަސް ކުރަން، އެކަމަކު ވަގުތު ކުޑަތަން ވެފައި ވާތީ އެފަރާތުން އެއްބަހެއް ނުވި. އިންޑިއާ އިން އެދުނީ މުޅި ޝެޑިއުލް ފަސްކުރަން. މިއާ ގުޅިގެން އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ގަތަރު 2024 ކޮލިފަޔާސް އިން އަޅުގަނޑުމެން ރަސްމީކޮށް ވަކިވިކަން ހިތާމައާ އެކު އަންގަން."

އެފްއޭއެމްގެ ޖެނެރެލް ސެކެއްޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ ގައުމީ ޓީމެއް މިކަހަލަ ދަތުރެއް ކުރުމަށް މިލިއަނެއްހާ ދިވެހި ރުފިޔާ ޙަރަދުވާ ކަމަށެވެ. އަދި އެފްއޭއެމްއަށް އެއްވެސް އެއާލައިނަކުން ކްރެޑިޓް ލައިނެއް ގާއިމުކޮށްފައި ނެތް ކަމަށެވެ.

ޗައިނާގެ ޑަލިއަންގައި ކުޅޭ އެ ގުރޫޕްގެ ކޮލިފައިންގައި ދިވެހި ޓީމު ކުޅެން ޖެހޭ ފުރަތަމަ މެޗުގައި މާދަމާ ރާއްޖޭގަޑިން 1:30 ގައި އޮތީ އިންޑިއާ އާ ދެކޮޅަށެވެ.

މި މަހު ބާއްވަން ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ 19 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭން ވާދަ ކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. ނޭޕާލުގައި އޮންނަ އެ މުބާރާތަށް ވެސް ގައުމީ ޓީމަށް ދެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.