ސައުދީ ޕްރޯ ލީގުގައި ރޭ އަލް-ނަސްރުން އަލް ހަޒްމުގެ އަތުން ބޮޑު މޮޅެއް ހޯދި މެޗުގައި ލަނޑު ޖަހައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ކެރިއަރުގެ 850 ވަނަ ގޯލު ހަމަކޮށްފިއެވެ.
ރޮނާލްޑޯއަކީ މިހާރުވެސް ފުޓުބޯޅާގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާއެވެ. އަދި ރޭ އޭނާ ޖެހި ގޯލާ އެކު ވަނީ މިހާތަނަށް ކެރިއަރުގައި މިވީ 21 ވަރަކަށް އަހަރުގެ ތެރޭ 850 ވަނަ ގޯލު ހަމަކޮށްފައެވެ. މިއީ އޭނާ މިފަހަރުގެ ސައުދީ ލީގުގައި ކާމިޔާބު ކުރި ހަ ވަަނަ ގޯލެވެ.
ލީގުގެ މިވަގުތުގެ ޓޮޕް ސްކޯރާގެ މަގާމުގައި ވެސް ހުރި ރޮނާލްޑޯއަށް ވަނީ މިދިޔަ މެޗުގައި އަލް ޝަބާބް ކޮޅަށް ހެޓްރިކަކާއެކު 850 ވަނަ ގޯލު ހަމަކުރަން ފުރުސަތު ލިބިފައެވެ. އެކަމަކު އެ ޕެނަލްޓީ އޭނާ ޖަހަން ދިނީ ޓީމުގެ އެހެން ކުޅުންތެރިޔަކަށެވެ.
ރޭގެ މެޗުން އަލް ހަޒްމުގެ މައްޗަށް އަލް ނަސްރުން ކުރި ހޯދީ 1-5 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ލަނޑު ޖެހުމުގެ އިތުރުން ރޮނާލްޑޯ ވަނީ ދެ އެސިސްޓް ވެސް ކޮށްފައެވެ. އެ މެޗުގައި އަލް ނަސްރުގެ ބާކީ ގޯލުތަކަކީ އަބްދުއްރަހްމާން ގަރީބް އާއި އަބްދުﷲ އަލް ޚައިބަރީ އަދި އޮޓާވިއޯގެ އިތުރުން ސާޑިއޯ މާނޭ ކާމިޔާބުކުރި ގޯލުތަކެވެ.
ރޮނާލްޑޯގެ ފުރަތަމަ ކުލަބު ސްޕޯޓިންގް ލިސްބަންއަށް އޭނާ ޖެހި އިރު، ދެން ބަދަލުވި މެންޗެސްޓާ ޔުނައިޓެޑަށް ދެފަހަރުގެ މަތިން ކުޅެ، ވަނީ 145 ގޯލު ޖަހައިފައެވެ. އަދި އޭނާ އެންމެ ބޮޑު ކާމިޔާބީތަކެއް ހޯދި ރެއާލް މެޑްރިޑަށް 450 ގޯލު ޖަހައިދީފައިވާއިރު، ޔުވެންޓަސްއަށް ވަނީ 101 ގޯލު ޖަހައިފައެވެ. މީގެ އިތުރުން ގައުމީ ޓީމަށް 123 ގޯލު ޖަހައިދީފައިވާ އިރު، އަލް ނަސްރަށް މިހާތަނަށް 26 ގޯލު ވަނީ ޖަހައިފައެވެ.
މި މޮޅާއެކު އަލް ނަސްރު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. ލީގުގައި މިހާތަނަށް ފަސް މެޗު ކުޅުނު އިރު، ފުރަތަމަ ދެ މެޗުން އަލް ނަސްރު ވަނީ ބަލިވެފައެވެ. އެއާއެކު އެ ޓީމުން ހަވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކުއެވެ. އެ ލީގުގެ އެއްވަނައިގައި އަލް ހިލާލް އޮތީ 5 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ.