ޕީޕީއެމްގެ ވެރިކަން ގެއްލި އަދި ރައްޔިތުންގެ މަޖިލީހުގެ ބިޔަބޮޑު އަގުލަބިއްޔަތު ޕީޕީއެމަށް ގެއްލި މާޔޫސްވެފައި އޮއްވާ ޕީޕީއެމަށް ކިރިޔާވެސް ދިރުމެއް ލިބުނީ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަން ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވި ހިސާބުންނެވެ. އެ ހިސާބުން އޭނާގެ ރިޔާސީ ކެމްޕެއިން ނުރަސްމީ ސިފައެއްގައި ފެށިއްޖެ މުއިއްޒަށް ތާއީދު ކުރާ ފަރާތްތަކުން ފެށިއެވެ.

ޔާމީން ފަހުން މިނިވަންވެ ވަޑައިގަތުމާ އެކު މުއިއްޒުގެ އެ ހަރަކާތްތައް މަޑުޖެހުނު ނަމަވެސް މިދިޔަ އަހަރު އެމަނިކުފާނަށް އިއްވި ޖަލު ހުކުމާ ހިސާބުން އަނެއްކާވެސް އެ ހަރަކާތްތައް މަޑުމަޑުން ފެންނަން ފެށި އެވެ. ފުރަތަމަ ފެނުނީ މުއިއްޒަށް ނުރަސްމީ ސިފައެއްގައި ކެމްޕެއިން ކުރައްވަން މާލޭ ސިޓީ ކައުންސިލްގެ ޕީޕީއެމްގެ މެމްބަރަކު ފެށްޓެވި މަސައްކަތާއެކު ޔާމީނާއި ޕީޕީއެމްގެ ލީޑާޝިޕް އެލާޓްވި މަންޒަރެވެ. ޖަލުގައި ހުންނަވައިގެން ޔާމީންގެ އެންގެވި އެންގެވުމާ އެކު އެ މެމްބަރުގެ މައްސަލަ ބަލަން ފެށި އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ޑރ. މުއިއްޒު އިންތިހާބުވި ރޭ, ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ފޮޓޯ | ހަތާވީސް

ރިޔާސީ އިންތިހާބުގެ ވަގުތު ގާތްވަމުން ދިޔައިރު ޔާމީން ރިޔާސީ ޓިކެޓް ދޫކޮށްލަން ބޭނުންފުޅު ނުވިނަމަވެސް ޕީޕީއެމް ސެނެޓުގެ ބޮޑު އަގުލަބިއްޔަތެއްގެ ރުހުން މުއިއްޒަށް ލިބިގެން ދިޔަކަން އޭރު އޮތީ އެންމެންނަށްހެން އެނގިފަ އެވެ. ފަހު ވަގުތު އިތުރު ގޮތެއް ނެތިގެން އެހެން ކެންޑިޑޭޓަކު ހޯދަން ޔާމީން ފުރުސަތު ދެއްވި ނަމަވެސް އަދި ޕީއެންސީގެ ރިޔާސީ ޓިކެޓް ހަނި ގޮތަކަށް މުއިއްޒު ހޯއްދެވިޔަސް ޕާޓީގެ ލީޑާޝިޕް މުޅިއަކުން މުއިއްޒަށް ރުހުމެއް ނުދެ އެވެ. އަދި މުއިއްޒަށް ޓިކެޓް ދިނުމަށްފަހު ވެސް ފަހު ވަގުތުގައި ޕީޕީއެމްގެ ޓިކެޓްގައި އެހެން ކެންޑިޑޭޓަކު ނެރުމުގެ ޕްލޭނެއް ވެސް ގެންގުޅުނެވެ.

އިންތިހާބަށް މުއިއްޒު ނިކުމެވަޑައިގަތީ މުޅި ޕީޕީއެމްގެ ލީޑާޝިޕްގެ ރުހުމާ އެއްކޮށެއް ނޫނެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ފުރިހަމަ ރުހުމެއް މުއިއްޒަކަށް ނެތެވެ. އެހެންވީއިރު މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފިނަމަ ޔާމީންގެ ސިޔާސީ ހަޔާތްޕުޅަށް ދެން ވާނެ ގޮތާ މެދު ސުވާލު އުފެދެ އެވެ.

މައުމޫން ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވިއިރު ރައީސް ޔާމީނާ ބައްދަލުކުރައްވަނީ ---

ކުރީގެ މާޒީއަށް ބަލާއިރު ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ރައީސްކަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދުރުކޮށް ޕާޓީ އަތުލެއްވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމުން އެމްޑީޕީގެ ކޮންޓްރޯލް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގެއްލުނެވެ. އެހެންކަމުން ޔާމީނަށް ވެސް އެ ހާލަތު ދިމާވާނެ ކަމަށް އެއް ބަޔަކު ލަފާކުރެ އެވެ.

ނަމަވެސް މުއިއްޒު ވިދާޅުވި ގޮތުގައި މާޒީގައި ސިޔާސީ ލީޑަރުން ބާކީވެގެން ދިޔަ ނަމަވެސް އޭނާގެ ވެރިކަމެއްގައި ޔާމީނާއި އޭނާއާ ދެމެދު އެފަދަ މައްސަލައެއް ދިމާނުވެ, ވެރިކަމުގެ ފުރިހަމަ ބާރުތައް އޭނާއަށް އޮންނާނެ އެވެ. އަދި ޕީޕީއެމްގެ ރައީސެއްގެ ހައިސިއްޔަތުން ޔާމީންގެ ސިޔާސީ މަސައްކަތް ކުރެއްވުމަށް ހުރަސް ނާޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު: ހަތާވީސް ފޮޓޯ | އާދަމް ނަޒީރު

"ކުރީގެ މާޒީގައި ކަންތައްތަކެއްވި ގޮތަކަށް އަޅުގަނޑާއި ޔާމީނާ ދެމެދު ކަންތައްތަކެއް ނުހިނގާނެ. އެމަނިކުފާނަށް އެމަނިކުފާނުގެ ސިޔާސީ ހަޔާތް ކުރިއަށް ގެންދިއުމުގައި އަޅުގަނޑުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ. އެމަނިކުފާނަށް އެމަނިކުފާނުގެ ހައިސިއްޔަތު އޮންނާނެ." "ހަތާވީސް" އަށް ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވި އެވެ.

ހަމައެއާ އެކު ޔާމީންގެ ހިޔަނީގައި އަދި އެމަނިކުފާނުގެ ފޮޓޯފުޅު ބޭނުން ކުރައްވައިގެން ވެރިކަމަށް ވަޑައިގަތުމަށްފަހު މުއިއްޒަށް ވެރިކަން ކުރެއްވުމުގެ ފުރިހަމަ ފުރުސަތު ޔާމީން ދެއްވާނެ ކަމާ މެދު ވެސް އެއް ބަޔަކު ސުވާލު ކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެން މުހައްމަދު މުއިއްޒު -- ފޮޓޯ/ އަވަސް

މުއިއްޒު ވިދާޅުވީ ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތުގައި އޭނާއަށް ފުރުސަތު ދެއްވޭ ގޮތަށް ޕްލޭންތައް ރޭއްވެވުމަކީ ވެސް ޔާމީން އޭނާއަށް ވެރިކަން ކުރެއްވުމުގެ ފުރިހަމަ ބާރު ޔާމީން ދެއްވާނެ ކަން އެނގޭ ކަމެއް ކަމަށެވެ. އަދި ޔާމީނަކީ އަބަދުވެސް ގައުމު އިސް ކުރައްވާނެ ބޭފުޅެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެމަނިކުފާނާއި އަޅުގަނޑާ ދެމެދު އޮންނަނީ ގާތް ގުޅުމެއް. އެހެންވީމަ ނުފެނޭ މައްސަލަ ދިމާވާނެ ތަނެއް. އަޅުގަނޑަށް ސަރުކާރު ހިންގުމުގައި ކުރިއަށް ގެންދިއުމުގައި އަޅުގަނޑަށް ވަރަށް ފަސޭހަކަމާ އެކީގައި ކުރިއަށް ދެވޭނެ." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު އަންނަ އަހަރުގެ މަޖިލިސް އިންތިހާބަށް ޕީޕީއެމާއި ޕީއެންސީ ނިކުންނާނީ ވެސް ޔާމީނާ އެކު ގުޅިގެންނެވެ.