އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫނު، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވަން ކަރެކްޝަންސްގައި އެދިވަޑައިގެންފައިވާކަން ހަތާވީސްއަށް އެނގިއްޖެއެވެ.
ނަން ހާމަނުކުރަން ޝަރުތުކޮށް "ހަތާވީސް"އަށް ވާހަކަ ދެއްކި ފާރިސްގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވީ ޔާމީންއާ އެކު ބައްދަލުވުމެއް ހަމަޖައްސައިދޭން ފާރިސް ކަރެކްޝަންސްގައި އެދިވަޑައިގެންފައިވާތާ ތިން ހަފްތާވެއްޖެ ކަމަށެވެ.
ފާރިސް އެކަމަށް އެދިވަޑައިގެންނެވީ އިންތިހާބުގައި ޔާމީނަށް ވާދަކުރުމަށް ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއިދުކުރި ދުވަހުއެވެ. ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި މި މަހުގެ ހަވަނަ ދުވަހުއެވެ. މައުލޫމާތު ދިން ފަރާތުން ބުނީ އޭގެ ފަހުންވެސް އެތައް ފަހަރެއްގެ މަތިން ކަރެކްޝަންގައި އެދުމުންވެސް އަދި މިހާތަނަށް ބައްދަލުވުން ހަމަޖައްސާފައިދީފައި ނުވާ ކަމަށެވެ.
ފާރިސް، ޔާމީނާ ބައްދަލުކުރުމަށް އެދިވަޑައިގެންފައި ވަނީ ޔާމީންގެ ތާއިދު އޭނާ އަށް ހޯދުމަށެވެ. އަދި ތާއިދު ލިބޭނެކަމުގެ ފެހި ސިގްނަމް ޕީޕީއެމްގެ ތެރެއިން ފާރިސްއަށް ލިބިވަޑައިގެންފައިވާ ކަމަށްވެއެވެ. ނަމަވެސް ޔާމީންގެ ފަރާތުން ނުވަތަ ފާރިސްގެ ފަރާތުން މިކަން ރަސްމީކޮށް ކަށަވަރުވާ ގޮތް ވަނީ އަދި ނުވެއެވެ.
ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ޑރ މުހައްމަދު މުއިއްޒުއަށް ޔާމީންގެ ފުރިހަމަ ތާއިދު އެބައޮތް ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.