ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ ފަރާތްތައް "ވާނުވާ" ޖަހާފައި ތިބޭ ތިބުން މުޅިން ހައްލު ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 9ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ ދުވާފަރުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރާ މީހެއްގެ މައްޗަށް ދައުވާ ކުރުމާއި މެދު އެންމެ ލަސްވެގެން އެއް ދުވަސް ނުވަތަ ދެ ދުވަސް ތެރޭގައި ގޮތެއް ނިންމޭ ވަރަށް ދިވެހި ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރައްވާނެ ކަމަށެވެ.

ދައުލަތެއް ހިންގުމަށް ޝަރުއީ ދާއިރާ މިނިވަންވެފައި އޮތުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އެކަމަށް ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ކަމަށެވެ.

ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮތީ "ނަމެއްގައި" މިނިވަން ގައުމެއްގައި ގޮތަށް ކަމަށް ވިދާޅުވެ މި ސަރުކާރަށް މުއިއްޒު ފާޑު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕީއެންސީގެ ސިޔާސަތަކީ ގައުމު އިސްކުރުން ކަމަށެވެ. އަދި ގުޅުން ބާއްވާނީވެސް ރާއްޖެއަށް ރަނގަޅަށް އެދޭ ފަރާތްތަކާއި ކަމަށާއި، އެކަމަކު ކޮންމެ ގައުމަކާއި ދެމެދުވެސް އިންތަކެއް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

"މިނިވަންކަމާއި މެދު ކޮމްޕްރޮމައިޒެއް ނުކުރެވޭނެ. ސިޔާދަތީ ބާރު ދުލެއް ނުކުރެވޭނެ" މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި އެހެން އެއްވެސް ގައުމެއްގެ ސިފައިންނަށް ނުތިބެވޭނެ ކަމަށާއި އަދި "އަޑި ނޭގެ" އެގްރީމެޓު ހަދައިގެން އެހެން ގައުމުތަކުން ސިފައިން އުޅޭނަމަ އެކަން ހަމަޔަކަށް އަޅުވަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި އިންތައް ފަހަނައަޅާއި ދަންޏާ އެއީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން"

މުއިއްޒު ވިދާޅުވި މިހާރު ފެންނަނީ ގައުމަށް ގައްދާރުވެ، މިނިވަންކަން ދޫކޮށްލަން އެއްބަސްވަމުންދާ މަންޒަރު ކަމަށެވެ. ގައްދާރުވުމަކީ ދޫކޮށްނުލެވޭނެ ކަމެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ގައުމު ހަމަ މަގަށް އަޅުވަނާމަ އެކި ނަންނަމުގައި ގައުމަށް ގައްދާރުވުން ނިމުމަކަށް ގެންނަން "ސިސްޓަމް" ގާއިމު ކުރަން ޖެހޭނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ޖުޑިޝަރީއަށް ހުށަހަޅާ ރިފޯމްގެ ތެރޭގައި މެނިފެސްޓޯގައި ހިމަނާފައި އޮންނާނެ ގައުމަށް ގައްދާރުވުން ނުވަތަ ހައިޓްރީޒަންގެ ކުށާއި އޭގެ އަދަބު ބަޔާންކުރާ ގާނޫނެއް އިރާދަކުރެއްވިއްޔާ ތައާރަފްކުރާނެ. އޭރުން ކޮންމެ ކޮންމެ މީހަކަށް ކޮންމެ ފަދަ މަގާމެއްގައި ހުރެފައި ބޭނުންހާ ގޮތަކަށް އެ މަގާމުގެ ބޭނުންކޮށްގެން އަމިއްލަ ފައިދާ ހޯދަން މިހާރު މި ހިންގާ ފަދަ ކަންކަމެއް ނުހިންގޭނެ" މުއިއްޒު ވިދާޅުވިއެވެ.

ދުވާފަރަށް މުއިއްޒުގެ ވައުދުތައް

  • ބިން ހިއްކުން
  • ގެދޮރުވެރިކަމުގެ ހާއްސަ މަޝްރޫއުއެއް
  • ޒުވާނުން އާމްދަނީ ލިބޭނެ ފުރުސަތު ފަހިކޮށްދިނުން
  • ހޮސްޕިޓަލެއް ގާއިމްކުރުން
  • ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުން

މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ހޮވިވަޑައިގެންނެވިޔަސް ރަށުގައި ކުރިއަށްދާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށެވެ. އެއަށްވުރެ ރަނގަޅަށް އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.