އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު ބާތިލް ކުރުމުގެ މައްސަލައަކީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އިންޑިއާ އައުޓް ހަރަކާތެއް ފަށާފައި ވަނިކޮށް ގައުމުތަކާ ދެކޮޅަށް އެފަދަ ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ގަރާރެއް ނެރުއްވި އެވެ. އެ ގަރާރުގެ ދަށުން އިންޑިއާ އައުޓް ބެނާތަކާއި ޕޯސްޓަރުތައް ފުލުހުން ނެގިއެވެ.

އެ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފް ގަރާރެއް ކަމަށް ބުނެ ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގާނޫނު އޮތްގޮތުން ދުސްތޫރީ މައްސަލައަކަށް ވާނީ ގާނޫނުތަކާއި ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ގުޅޭ މައްސަލަތައް ކަމަށެވެ. ނަމަވެސް ރައީސްގެ ގަރާރަކީ ގާނޫނުއަސާސީގެ ދަށުން ނެރުއްވި ގަރާރެއް ކަމަށް ވިޔަސް، އެއީ ގާނޫނެއް ނުވަތަ ގާނޫނީ ބާރު ލިބޭ ގަވާއިދެއްގެ ދަރަޖަ އޮތް އެއްޗެއް ނޫން ކަމަށް ހުކުމުގައިވެއެވެ.

އެހެންވެ، ރައީސްގެ ގަރާރުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ނުބެލެވޭތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެއެވެ.

ރައީސްގެ ގަރާރުގެ އިތުރުން އާންމު ގާނޫނުތަކުގެ ދަށުން އަމާންކަމަށް ގެއްލުން ލިބޭ ވާހަކަ ދެއްކުން މަނާކުރާ މާއްދާ ބާތިލްކުރަން އެ މައްސަލާގައި އެދިފައިވާތީ ބެހޭގޮތުން ހައި ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އެ މާއްދާ ގޯސް ކަމަށް ދައުލަތުން ވެސް އެއްބަސްވެފައިވާތީ އެ މާއްދާ ބާތިލްކުރަން ޖެހޭނެ ކަމަށެވެ.

އެ މާއްދާ ބާތިލްކުރުމާ މެދު ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ފަނޑިޔާރު ނިޔާޒްގެ ރައުޔަކީ އެ މާއްދާ ބާތިލްކުރަން ނުޖެހޭނެ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ނިޔާޒް ވިދާޅުވީ އަމާން ކަމަށް ގެއްލުން ލިބޭ ވާހަކަ ދެއްކުން ގާނޫނަކުން މަނާ ކޮށްފައި އޮތްއޮތުމަކީ އޭގެ ޒާތުގައި އެއީ ގޯހެއް ކަމަށް ބަލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.