ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން ފަހުވަގުތު ބާސެލޯނާ މޮޅުވި މެޗުގައި އެ ޓީމުގެ 16 އަހަރުގެ ކުޅުންތެރިޔާ، ލެމިން ޔަމާލް ތަފާތު ދައްކައިފިއެވެ.
ވިޔަރެއާލްގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ހޯމް ޓީމުގެ މައްޗަށް ބާސެލޯނާ ކުރި ހޯދީ 3-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ބާސެލޯނާ ވަނީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ތާވަލުގެ ތިންވަނައަށް އަރައިފައެވެ. އެންމެ ފަހުގެ ލީގު ޗެމްޕިއަންކަން ވެސް ހޯދި ބާސެލޯނާއިން މިފަހަރުގެ ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ.
ރޭގެ މެޗު ފަށައިގެން ދެވަނަ މިނަޓުގައި ބާސެލޯނާއިން ލީޑު ނެގިއެވެ. މި ލަނޑު ޖަހައިދިނީ 18 އަހަރުގެ ގަވީއެވެ. ގަވީ ލަނޑު ޖަހަން އެސިސްޓް ހަދާފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިޔާ ޔަމާލްއެވެ. އެއާއެކު ޔަމާލް ވެގެން ގޮސްފައިވަނީ ސްޕެނިޝް ލީގުގައި ވެސް އެސިސްޓް ހެދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
ބާސެލޯނާއިން ވަރުގަދައަށް ފެށި އެ މެޗުގައި ގަވީގެ ގޯލުން ނެގި ލީޑު މެޗުގެ 15 ވަނަ މިނަޓުގައި އިތުރަށް ފުޅާކޮށްދިނީ ފްރެންކޯ ޑެ ޔޮންގެވެ. ދެ ގޯލުގެ ލީޑަކާއެކު ބާސެލޯނާއަށް ހަމަޖެހިލަން ފުރުސަތު ލިބުނު ނަމަވެސް ވިޔަރެއާލްއިން ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަހަތުން އަރައި ވަނީ ދެ ލަނޑު ޖަހައިފައެވެ. އެ ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ޖުއާން ފޮއިތުއާއި އެލެކްސެންޑަރ ޝޮލޮތުއެވެ.
ދެވަނަ ހާފު ފެށިތަނާހެން ވިޔަރެއާލް އިން ވަނީ ގޯލެއް ޖަހައި މެޗުގައި ލީޑު ނަގައިފައެވެ. އެލެކްސް ބައެނާގެ އެ ގޯލާއެކު ވިޔަރެއާލަށް މެޗުން މޮޅުވުމުގެ އުންމީދު ލިބުނު ނަމަވެސް ފެރާން ޓޮރެސް ވަނީ މާގިނައިރުތަކެއް ނުވަނީސް ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
އަދި މެޗު ނިމެންދަނިކޮށް ޔަމާލް ވަރަށް ރީއްޗަށް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއެއް ވަނީ ދަނޑިއަށް އަމާޒުވެފައެވެ. ދަނޑީގައި ޖެހިފައި ނުކުތް ރިބައުންސް ބޯޅަ މުޅިން ހުސް ގޯލަށް ފޮނުވާލައިގެން ބާސެލޯނާއަށް ލީޑު އަނބުރާ ހޯދައިދިނީ ލެވަންޑޮސްކީީއެވެ.
އެ މެޗުގައި ޔަމާލް ދެއްކި މޮޅު ކުޅުމާއެކު އުމުރުން 16 އަހަރުގައި އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. ރޭގެ މެޗަކީ އޭނާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ދެވަނަ މެޗެވެ.