ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެއްޖެއެވެ.

ގދ. ތިނަދޫ އަށް މުއިއްޒު ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ތިނަދޫ އަށް ވަޑައިގަތުމުން ތިނަދޫގެ ގިނަ އަދަދެއްގެ އާއްމުން ވަނީ ނިކުމެ މުއިއްޒާއި އިދިކޮޅު ލީޑާޝިޕަށް މަރުހަބާ ދެންނެވުމަށް ނިކުމެފައެވެ.

ތިނަދޫގައި މިރޭ ބޭއްވި ރިޔާސީ ކެމްޕެއިންގެ ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި 8،000 މީހުންގެ އާބާދީއެއް ރަށެއްގައި އޮތް ނަމަ ސިޓީއަކަށް އެރަށެއް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ | ޕީޕީއެމް

އެމަނިކުފާނު ވިދާޅުވީ ތިނަދޫގައި މިހާރު ލިބެން ހުރި ހިދުމަތްތަކާއި ވަސީލަތްތަކާއި އަދި އެރަށަށް މިހާރު އައިސްފައިވާ ކުރިއެރުމާއެކު އެ ރަށަށް ސިޓީއެއްގެ ދަރަޖަ ލިބެންޖެހޭ ކަމަށެވެ.

މުއިއްޒުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އިދިކޮޅު ލީޑަރު އަދި ރައީސް ޔާމީންގެ ސަރުކާރުގައި ތިނަދޫ އަށް ގެނެސްފައިވާ ތަރައްގީއާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި ހަމައެކަނި ތިނަދޫ އަށް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި ތިނަދޫ އަށް އިންގިލާބީ ބަދަލެއް ގެނެސްދީފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވާހަކަދައްކަަވަނީ: ފޮޓޯ | ޕީޕީއެމް

"އަޅުގަނޑު ގަބޫލު ކުރަނީ 8،000 މީހުން ހަމަވާނަމަ ސިޓީއަކަށް ބަދަލު ކުރެވޭނެ. އަޅުގަނޑުގެ އަތުގައި ތިބޭފުޅުން ހިފައިފިނަމަ އަޅުގަނޑުމެންދާނީ ތިޔަބޭފުޅުންނާއިއެކު ބާރަށް ކުރިޔަށް،" އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު ވިދާޅުވިއެވެ.

ތިނަދޫ އަށް މުއިއްޒު ވަނީ މި ނޫނަސް ގިނަ ވައުދުތަކެއް ވެފައެވެ. އެގޮތުން އެއާޕޯޓް ތަރައްގީ ކުރުމާއެކު ތިނަދޫ އަށް އިގްތިސޯދީ މަންފާ އިތުރު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.