ގދ. ހޯޑެއްދޫ އަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން އެރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމުގެ ލިސްޓު ރަށުގެ ކުޑަކުދިންތަކެއް އެމަނިކުފާނަށް އަރުވައިފިއެވެ.
ހޯޑެއްދޫ އަށް ވަޑައިގަތުމުން މުއިއްޒަށާއި އިދިކޮޅު ލީޑާޝިޕަށް އެރަށުން ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ. އެރަށުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ އެމަނިކުފާނު އެރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ތިބި އާއްމުންނާއި ސަލާމް ކުރައްވަމުން ދަނިކޮށް ކުޑަކުދިންތަކެއް އެމަނިކުފާނާއި ސަލާމް ކުރައްވާ ގަނޑެއް ހަވާލުކުރި ކަމަށެވެ.
ފިޔާތޮށި ކުލާގައިވާ އެ ގަނޑުގައި އޮތީ އެރަށުގެ ތަރައްގީ އަށް އެކުދިން ބޭނުންވާ ކަންކަމުގެ ވާހަކަތަކުގެ ލިސްޓެއް ކަމަށެވެ.
"ކޮންމެއަކަސް ރަށުގެ ތަރައްގީ އަށް ތިޔަ ބޭފުޅުން [ހޯޑެއްދޫ ރައްޔިތުން] ވަރަށް ބޮޑަށް ފެންބޮވައިގެންފައި ތިޔަ ތިއްބެވީ. އެއީ ކޮންމެ ދިމާލެއްގައި ކަމަށް ވިއަސް އެކަން އޮންނާނެ ގޮތް އޮންނަން ޖެހޭނެ ގޮތް. ސަރުކާރަކަށް ރައްޔިތުންނަށް ދެންނެވޭނެ އެއްޗަކީ ތިމަންނާމެންނަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދޭށޭ. ނުކޮށްދެންޏާ ފަސް އަހަރު ވާންވާއިރަށް ދެން އޮންނާނީ ބަދަލު ކުރުން،" މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ދިވެހި ގައުމުން ފެނިގެން ދަނީ މިހާރު އޮތް އެމްޑީޕީގެ ސަރުކާރު ބަދަލު ކުރުމަށް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު ކަމަށެވެ. އެގޮތުން ހޯޑެއްދޫގެ ރައްޔިތުން ވެސް މިއަދު ބޭނުންވަނީ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދޭ ހެޔޮވެރިކަމެއް ކޮށްދޭނެ ސަރުކާރެއް އައުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ހޯޑެއްދޫގެ ޒުވާނުންނަށް އިންޑޯ އަދި އައުޓް ޑޯ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މީގެއިތުރުން ގދ. ހޯނޑެއްދޫ ކައިރީގައި އޮތް ކަޑެވާރެހާގައި ޓޫރިޒަމްގެ މަޝްރޫއުތައް ހިންގޭނެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ވެސް ރަށުގެ ބޮޑު މަގުތަކުގައި ތާރު އެޅުމާއި ރިވެޕްމެންޓް ޖަހައި ގިރާ ސަރަހައްދު ހިމާޔަތް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަމައެއާއެކު އެރަށުގެ ސިއްހީ މަރުކަޒު ތަރައްގީކޮށް، ލެބޯޓަރީއެއް ހެދުމާއި މިސްކިތެއް ހެދުމާއި ކްލާސްރޫމްތައް އެޅުމާއި ގެދޮރުވެރިކަމުގެ މަޝްރޫއުއެއް ކުރިޔަށް ގެންދަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.