ގދ. ތިނަދޫ ޒުވާނުންނަށް ހާއްސަކޮށްގެން، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ފޯރަމެއް ފަށަފައިފިއެވެ.

"ހަތާވީސް" އަށް މައުލޫމާތު ދިން އެމްޑީޕީގެ ޔޫތް ވިންގުގައި ހަރަކާތްތެރިވާ ރިޝްތާ ޝުޖާ ވިދާޅުވީ "ހިގަ ހިގުވައިލުމާ"ގެ ނަމުގައި ކުރިއަށްދާ އެ އިވެންޓަކީ އެމްޑީޕީ ތިނަދޫގެ ޔޫތު ވިންގުގެ ފަރާތުން އެ ރަށު ޒުވާނުންނަށް ހުޅުވާލައިގެން ހިންގާ ޔޫތް ފޯރަމެއް ކަމަށެވެ. "ހިގަ ހިގުވައިލަމާ"ގެ މާނައަކީ "ހިނގާ ހިންގާލާމާ"އެވެ.

ތިނަދޫގައި ކުރިއަށް ގެންދާ ފޯރަމްގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ

މިއަދު އެކަކުން ހަޔަކަށް ކުރިއަށް ގެންދާ އެ ފޯރަމްގެ މައިގަނޑު މަގުސަދަކީ ތިނަދޫގެ ޒުވާނުންގެ ބައިވެރިކޮށްގެން އެމްޑީޕީގެ ޒުވާނުންގެ މެނިފެސްޓޯގައި ހިމެނޭކަންކަމާ މެދު މަޝްވަރާކުރުމެވެ. އެ މަޝްވަރާ ބައްދަލުވުމުގައި އެ ރަށަށް ހާއްސަކޮށްގެން ކުރެވޭނެ ކަންތައްތައް ބަލައި ހޯދުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ލީޑާޝިޕާ ހަމަޔަށް ނޫނީ ރައީސް ވަޑައިގަންނަވާއިރު ރައީސަށް އެކަންތައްތައް ހުށަހެޅުން. މިކަން ކުރެވޭނެ މަގެއް ހޯދައިދިނުން" ރިޝްތާ ވިދާޅުވިއެވެ.

ފޯރަމްގެ މަގްސަދުތަކުގެ ތެރޭގައި ސްކޫލު ނިންމާ ކުދިން ސިޔާސީ މައިދާނަށް އަހުލުވެރިކުރުމާއި އެ ފަރާތްތައް ސިޔާސީ ކަންކަމުގައި އުޅުމަށް ފުރުސަތު ހޯދައި ދިނުންވެސް ހިމެނެއެވެ.

ގދ. ތިނަދޫގައި މިއަދު ބޭއްވި ޒުވާނުންގެ ފޯރަމްގެ ތެރެއިން— ފޮޓޯ/ އެމްޑީޕީ

މިއަދުގެ ފޯރަމްގައި 65 ޒުވާނަކު ބައިވެރިވެފައިވާއިރު ތިނަދޫ އެމްޑީޕީ ޔޫތް ވިންގުގެ ފަރާތުން ރާވާފައިވަނީ ހުވަދޫ އަތޮޅުގެ އެހެން ރަށްރަށުގައި ވޯކްޝޮޕެއް ގޮތަށް އެ ހަރަކާތް ކުރިއަށް ގެންދަންށެވެ.

އެމްޑީޕީގެ ޒުވާނުންގެ މެނިފެސްޓޯގައި ޒުވާނުންނާއި ކުޅިވަރު ވުޒާރާއަކީ ދެ ވުޒާރާއަކަށް ހެދުމާއި ޔޫތު-ކޯ އެއް ގާއިމުކޮށް ޔޫތު ލީޑަރުން އުފައްދުމުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުމަށް ހާއްސަ ކޯ-ވޯކިންގް ސްޕޭސް ގާއިމުކުރާއިރު، ޒުވާނުންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް ފުރުސަތު ދިނުން ހިމަނާފައިވެއެވެ.