އޭނާ އަދިވެސް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހައާ އެކު ކަމަށާއި ދެވަނަ ދައުރަކަށް ރައީސް އިންތިހާބު ކުރައްވަން ހުންނެވީ ތައްޔާރަށް ކަމަށް ދީނީ އިލްމުވެރިޔާ ޝޭހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރުގެ އިންތިހާބުގައި މިހާރުގެ ރައީސް ސޯލިހަށް ތާއިދުކުރެއްވި އިލްޔާސް މި ފަހުން، އާއިލާއާއެކު ދިރިއުޅުއްވަމުން ގެންދަވަނީ މެލޭޝިޔާގައެވެ.
ރޭ ހުޅުމާލެގައި ހުޅުވި އައްޑޫ ހިތަދޫ ސިޓީގެ ދެކުނު ދާއިރާގެ "ތިން ފިޔަ ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި އިލްޔާސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އައްޑޫގައި ބޭއްވި ޖަލްސާގައި އަށް ފަހު އެމްޑީޕީ ފޯޑިއަމެއްގައި އިލްޔާސް ވާހަކަ ދެއްކެވި ފަހަރެވެ.
"އަޅުގަނޑު ހަނދާނަށް އަންނަނީ 2018 ވަނަ އަހަރު ރާއްޖެއަށް އާއި ހާލަތާއި ދިމާވިގޮތް. އަދިވެސް ކުރިމަތީގައި އެނބުރޭ. އެ ދުވަހުގައި ނެގި ފިޔަވަޅު މަތީގައި އަދިވެސް އަޅުގަނޑު މިހުރީ. ބަދަލެއް ނުކުރަން." ސިޔާސީ ކަންކަމުގައި ދުރުގައި ހުންނެވިޔަސް އަދިވެސް ތާއިދު އޮތީ ރައީސް އަށްކަން ހާމަކުރައްވާ އައްޑޫ އެމްޑީޕީ ސަޕޯޓަރުންނަށް މުހާތަބު ކުރައްވައި އެ ސިޓީއަށް ނިސްބަތްވާ އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ރައްޔިތުން އެކަތިގަނޑަކަށްވެގެން ނޫނީ މިހާތަނަށް ކާމިޔާބެއް ލިބިފައިނުވާ ކަމަށާއި، މި ސަރުކާރު ދެމިއޮތީވެސް އެކަތިގަނޑެއްގެ ގޮތުގައި އޮތުމުން ކަމަށް ވިދާޅުވިއެވެ. ރައީސް ސޯލިހަކީ އެއްވެސް ބަޔަކަށް އިންކާރު ނުކުރައްވާ ބޭފުޅެއް ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
"އަޅުގަނޑު އެންމެ ބޮޑަށް އުފާވާ އެއް ކަމަކީ އަޅުގަނޑު ހުދު ޒަމީރު ގަބޫލުނުކޮށްގެން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް ކީއްވެހޭ ހަނު ހުންނަވަނީ، ވަރަށް ކެތްތެރިކަން ކުޑަވެގެން ގޮސް އެ ވާހަކަ ދެއްކީމަވެސް ވިދާޅުވީ ޝޭހުމެނެއް ނޫންހޭ ނަސޭހަތްތެރިވަނީ ކެތްތެރިވާށޭ،" ރައީސަކީ ކެތްތެރި އަދި މަޑު މައިތިރި ބޭފުޅެއްކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވިއެވެ.
ކަންކަމުގައި ހިޔާލާ ފިކުރު ތަފާތުވި ކަމުގައިވީ ނަމަވެސް އައްޑޫ ރައްޔިތުން އެކަތިގަނޑަށްވުމަށް އިލްޔާސް ތަކުރާރުކޮށް ގޮވައިލެއްވިއެވެ. ވާދަވެރިން ދައްކާ ވާހަކަތަކަށް ރައްދު ނުދިނުމަށްވެސް އިލްތިމާސްކުރެއްވިއެވެ.
"އަޅުގަނޑުމެން އެކަތިގަނޑަކަށްވެއްޖެނަމަ ދިވެހިރާއްޖޭގެ އެއްވެސް ބަޔަކަށް އެއްވެސް ކަމެއް ނުކުރެވޭނެ... އިހުލާސްތެރިކަމާއި އެކު މަސައްކަތްކޮށްފިނަމަ ކުރީގައި ލިބުނުފަދަ ކާމިޔާބީއެއް ލިބިގެންދާނެ. އެއްވެސް ހާލެއްގައި ފަހުރުވެރިވެ އެއްވެސް ބަޔަކަށް އެއްޗެއް ކިޔުމުގެ ބޭނުމެއް ނެތް" އިލްޔާސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ރައިސްސޯލިހުގެ ވެރިކަމަށް ކެއްތެރި ވެެއްޖެ ނަމަ ޖެހެނީ ފުޅަށް ބުޑަށް . ގައުމެއް ހޯދާ ނުފެންނަ ހިސާބަށް މިގައުމުގަ ތަޅުލާފަ ހުރި އެއްވެސް ތަނެެއް ނެތް . ގައުމުގެ ސަލަަމަތާގުޅޭކަންކަން ވެސް ހުންނަނީ އިންޑިޔާހައިކޮމިޝަނާގުޅިފަ . ތިވަރަށް އެތިވަރުބޮޑިއެއްގެ ބޭނުމަށް ގައުމަށް ޣައްދާރުވާކަށް ނުވާނެ ތިހާތާއިދު ބޮޑު މީހެއްނަމަ ތިދާއިރާއަކުން ގޮޑިއަށް ހޮވޭތޯ ބަލާބަލަ .
ވަރަވެސް ބިންދާލި