ޕީއެންސީގެ ސަރުކާރެއްގައި އަރަބި، އިސްލާމީ ތައުލީމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެ ކަމަށް އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ށ. ކަނޑިތީމުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭގައި ހުންނަ އަރަބިއްޔާ ސްކޫލަކީ މި ސަރުކާރުން ވަރަށް އިހުމާލުވެފައިވާ ތަނެއް ކަމަށެވެ. އެ އިމާރާތް ހަލާކުވާން ފެށުމުން ބެލެނިވެރިންނާއި ސްކޫލުން އާދޭސް ކުރުމުން ދަރިވަރުން ތިބީ "ގުދަނަކަށް" ލާފައި ކަމަށް ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު ވިދާޅުވީ އަރަބިއްޔާއަށް ބޭނުންވާ ބިން މާލޭ ލެންޑް ޔޫޒް ޕްލޭނުގައި އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން (ސިޓީ ކައުންސިލުން) ހެދި ޕްލޭނުގައިވެސް އެބައޮތް. އެހެން ނަމަވެސް ސަރުކާރުން އަރަބިއްޔާ ސްކޫލަށް ބެލެނިވެރިންނަށް ދިނީ ދޯކާއެއް" ސަރުކާރަށް ފާޑުކިޔަމުން ވިދާޅުވިއެވެ.

އެހެންކަމުން މާލޭގައި އަރަބި އިސްލާމި ތައުލީމުދޭ، އަރަބިއްޔާ ސްކޫލު ގާއިމްކުރުމަށްޓަކައި ޕީއެންސީގެ ސަރުކާރެއްގައި އެކަށީގެންވާ ބިމެއް ކަނޑައަޅާނެ ކަމުގެ ވައުދު މުއިއްޒުވެވަޑައިގެންނެވިއެވެ.

"އެތަނުގައި އަރަބިއްޔާ ސްކޫލުގެ ޒަމާނީ ސްކޫލެއް އަޅައިދީ މި ޒަމަނަށް ފެތޭ ގޮތަށް އަރަބިއްޔާ ސްކޫލު ހިންގުމަށްޓަކަށް ކުރަން ޖެހޭ ހުރިހާކަމެއް ކުރާނެ ވާހަކަ ދަންނަނަވަން" މުއިއްޒު ވިދާޅުވިއެވެ.