ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ވާދަކުރައްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަނެއްކާވެސް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ވިދާޅުވެ ދެއްވީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އާއި އަދި މިހާރު މާލޭގެ މޭޔަރެއްގެ ގޮތުގައި ހުންނަވައިގެން ކަންތައްތައް ކުރައްވަމުންދާ ގޮތެވެ. ވިދާޅުވީ މީގެ ކުރިންވެސް އަދި މިހާރު ވެސް މުއިއްޒު ގެންގުޅުއްވަނީ ހަމަނުޖެހޭ ސިޔާސަތުތަކެއް ކަމަށެވެ.

"މަގެއް ހަދައިފިއްޔާ އަލުން ގާ އަޅަން ޖެހޭ، އިމާރާތެއް ހަދައިފިއްޔާ ލިފްޓުމަދުވެގެން ލިފްޓުލާން ޖެހޭ،" މުއިއްޒަށް ފާޑުކިޔަމުން މާރިޔާ ވިދާޅުވިއެވެ.

އެއް ކަމެއްގެ ގޮތުގައި މާރިޔާ ފާހަގަކުރެއްވީ މާލޭގެ ޕާކިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި ގެނައި މެކެނިކަލް ލިފްޓެވެ. ނަމަވެސް އެ ލިފްޓުވެސް ބޭނުންނުކުރެވި ގޮސް މިހާރު އެ އޮތީ "ބާ ދަނގަޑަށް" ވެފައި ކަމަށް ވިދާޅުވިއެވެ.

މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން އިންދި ކަދުރުރުއްތަކުގެ މައްސަލާގައި ވެސް މާރިޔާ ވަނީ މުއިއްޒަށް ފާޑު ވިދާޅުވެފައެވެ. ވިދާޅުވީ ބޮޑު އަގުގައި ގަނެގެން އިންދި ކަނދުރު ރުއްތަކުން "ފެހި" ކުލަ ނުފެންނަ ކަމަށެވެ. "އެއްޗެހި މަރުވާންދާންހެން ހީވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެއަށް ފަހު މާރިޔާ ފާޑުވިދާޅުވީ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދަތިވާ ގޮތަށް ޕޭމަންޓުގައި ހޮޅިޔައް ޖަހަމުންދާޔތީއެވެ. ވިދާޅުވީ އޭގެ ސަބަބުން މީހުންނަށް ހިނގައިބިގާވެ އުޅެން ދަތިވާ ކަމަށެވެ.

"ޕޭމަންޓު އެ އޮތީ ހަލާކު ކޮށްލާފައި އެއްޗެހި ރަނގަޅު ކުރަން ޖެހިއްޖެއްޔާ ޕީއެންސީ ސަލަފުގެ އެ ބޭފުޅުންތޯ ނިކުމެވަޑައިގެން އެކަން ކުރައްވާނީ އެއީ ސުވާލު އުފެދޭ،"

ސިޓީ ކައުންސިލްގެ މުވައްޒަފުން ލައްވައި ކައުންސިލްގެ ވަސީލަތްތައް ނަހަމަ ގޮތުގައި މުއިއްޒު ބޭނުންކުރައްވަމުން ގެންދަވާކަމުގެ ތުހުމަތު މާރިޔާ ކުރެއްވިއެވެ.

ކުރީގެ ސަރުކާރުގައި 2018 ވަނަ އަހަރު އެމްޑީޕީން ރިޔާސީ ކެމްޕޭނު ކުރަން ފުރުސަތު ނުލިބޭކަން ފާހަގަކުރައްވައި ބައެއް ނޫސްތަކުގެ ހެޑްލައިންތައް ކިޔުއްވަމުން މާރިޔާ ވިދާޅުވީ އޭރު މަގުމަތީގައި ބެނާއެއް ދާމަލުމުގެ ފުރުސަތު ވެސް އެމްޑީޕީއަށް ނުލިބޭ ކަމަށެވެ. އެކަމަކު މިހާރު ޕީޕީއެމް/ޕީއެންސީއަށް މިނިވަންކަމާއި އެކު ކެމްޕޭނު ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ކެމްޕޭނަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށްވެސް ވިދާޅުވިއެވެ.