ހުޅުމާލޭގެ މުނިސިޕަލް ކަންކަން މާލެ ސިޓީ ކައުންސިލުގެ ދަށަށް ގެންދަން ވައުދުވެވަޑައިގަންވަމުން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އިފްތިތާހުކޮށްފިއެވެ.
މެނިފެސްޓޯ ލޯންޗުކޮށްފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި ބޭއްވި ޖަލްސާގައެވެ.
މެނިފެސްޓޯގައިވާ ގޮތުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދި ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ހުޅުމާލޭގެ މުނިސިޕަލް އެންމެހާ ކަންކަން މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރެވޭނެއެވެ.
މިހާރު ހުޅުމާލެ ސިޓީ ހިންގަމުންދާ އާބަންކޯއިން އެކަމަށް ބޭނުންކުރަމުންގެންދާ ބަޖެޓާއި ވަސީލަތްތަކާއެކު ބަދަލުކުރުން އަދި އެ ބަޖެޓުން އެކަމަށް މުވައްޒަފުން ނެގުމާއި، މުވައްޒަފުން ބަދަލުވާން ބޭނުންވާނަމަ، ބަދަލުކުރާނީ އެ މުވައްޒަފަކަށް މިހާރުވެސް ލިބެމުންދާ މުސާރައިގައިކަމަށްވެސް މެނިފެސްޓޯގައިވެއެވެ.
މުއިއްޒުގެ މެނިފެސްޓޯގައި ބޯހިޔާވަހިކަމަށް ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދީފައިވެއެވެ. އޭގެ ތެރޭގައި ސޯޝަލް ހައުސިން ފޯރުކޮށްދޭ ޑިވެލޮޕަރުންނާއި އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ، ކުޑަ އިންޓެރެސްޓް ރޭޓެއްގައި، ލިބޭނެ ގޮތް ހަމަޖެއްސުމަށް ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމާއި ގޯއްޗެއް ނުވަތަ އެޕާޓްމަންޓަކަށް އެދޭ އަދި ޝަރުތު ހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދިނުން ހިމެނެއެވެ.
މުއިއްޒު ވައުދުވެވަޑައިގަންނަވަނީ ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65 ހާސް ގެދޮރު ޔަގީންވާނެގޮތަށް، ގައުމީ ތަރައްގީގެ މައި ތަނބުގެ ގޮތުގައި ގްރޭޓާ މާލޭ ރީޖަން އިތުރަށް ތަރައްގީ ކުރުމާއި، ގެދޮރު އިމާރާތްކުރަން އަމިއްލަ ފަރުދުން ފަށާ، އެކި ސަބަބުތަކާހުރެ ކުރިއަށްނުގެންދެވި ހުއްޓިފައިހުރި މަސައްކަތްތައް ނިންމާލުމަށްޓަކައި ލުއި ބޭންކް ލޯނު ސްކީމެއް އަލަށް ތައާރަފް ކުރުމާއި މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްގީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމެވެ.
ގެދޮރުވެރިކަމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއްއްކަން ފުރިހަމައަށް ބަލައިގަނެ، އެކަން ކަށަވަރުކުރަން ގާނޫނުތައް އެކުލަވާލުމާއި ސިޔާސަތުތައް ރާވާ، ތަންފީޒުކުރުންވެސް މެނިފެސްޓޯގައި ހިމެނެއެވެ.
އަދި އަލަށް ގެދޮރު ބޭނުންވާނެ ފަރާތްތައް ދެނެގަނެވޭނެ ނިޒާމެއް ގާއިމުކޮށް، ފޯމު ހުށަހެޅުމަކާ ނުލައި، ބޯހިޔާވަހިކަން ލިބޭނެގޮތް ހެދުންވެސް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
ހުޅުމާލޭގެ މުނިސިޕަލް ކަންކަން މާލެ ސިޓީ ކައުންސިލުގެ ދަށަށް ގެންދަން މުއިއްޒު ވައުދެވަވަޑައިގެންފާއިރު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ކައުންސިލްތަކުގެ ހުރިހާ ބާރެއް އެ މިނިސްޓްރީގެ ދަށަށް ގެންދެވިއެވެ.