ހއ. ދިއްދޫގެ ބިން ހިއްކައި އެއާޕޯޓެއް އަޅަން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

"ދިވެހިންގެ ރާއްޖެ" ނަމުގައި ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ރަށުގެ ރައްޔިތުން އެންމެ ބޮޑު އެދުމަކީ ބިން ހިއްކައި އެއާޕޯޓެއް އެޅުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ބިން ހިއްކަން ޖެހެނީ ބިން ނެތުމުން ކަމަށެވެ. އެއީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައިވެސް ކަންތައް ކުރެއްވި ގޮތް ކަމަށާއި ބިން ހިއްކުމުގެ ސަބަބުން ތަރައްގީއަށް ގިނަ ކަންތައްތަކެއް ހާސިލުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ޔާމީންގެ ދައުރުގައި ހައުސިން މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވި މުއިއްޒު ވިދާޅުވީ ބިން ހިއްކުމުގެ ވައްޓަފާޅިއާ ބިން ހިއްކުމަށްޓަކައި ކުރަން ޖެހޭ ކަންކަން ޕީޕީއެމްގެ ސަރުކާރުގައި ރައްޔިތުންނަށް ދަސްވެފައިވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އެދޭ ގޮތަށް ދިއްދޫގެ ބިން ހިއްކަން ވައުދުވެވަޑައިގެންނެވިއެވެ.

"މިރަށުގެ ބިން ހިއްކައި މި ރަށުގައި އެއާޕޯޓު އެޅުމަށް ކުރަން ޖެހޭ ކަންކަން ކުރުމަކީ އިރާދަކުރެއްވިއްޔާ ދާދީ ފަސޭހަކަމެއް. އެކަން ތިބޭފުޅުންނަށް ހާސިލްކޮށްދޭނަން" މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

ބިން ހިއްކުމާއި އެއާޕޯޓު އެޅުމުން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި ޕީއެންސީގެ ސަރުކާރެއްގައި ގެދޮރުވެރިކަމަށް ފަހު ދެން އެންމެ އިސްކަމެއްދެނީ ވަޒީފާތައް އުފެއްދުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވަޒީފާއެކު ޒުވާނުންނަށް ލިބިގެންދާނީ އިގްތިސާދީ ބާރުވެރިކަމާއި އަމިއްލަ ފުދުންތެރިކަން ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަކީ އަޅުގަނޑުމެން ޝައުގުވެރިކަމާއެކު ހޯދައި ދޭނެ ޔަގީންކަމެކޭ" މުއިއްޒު ވިދާޅުވިއެވެ. މާލޭގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު ދެއްވި ޔަގީންކަމަކީ މިހާރު ކުންފުނިތަކުގެ ސިޔާސީ ވަޒީފާގައި ތިބި މީހުން ވަކިނުކުރާނެކަމެވެ.