ކޮވިޑް-19 ގެ ސަބްވޭރިއެންޓާއެކު ކޭސްތަކުގެ އަދަދު 80 ފަސެންޓަށް އިތުރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ކޮވިޑުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިއުއެޗްއޯ އިން އުވާލީ މޭ މަހުއެވެ. ނަމަވެސް، ވައިރަސް ފެތުރެމުން ގޮސް މިއުޓޭޓްވަމުން ދާނެ ކަމުގެ އިންޒާރު ދީ، ބައެއް ފަހަރު ބަލި ޖެހޭ މީހުންނާއި ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭނެ ކަމަށާއި މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ވަނީ ދީފައެވެ.
ޑަބްލިއުއެޗްއޯ ނެރުނު އަޕްޑޭޓްގައި ބުނެފައިވަނީ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ގާތްގަނޑަކަށް 1.5 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި މިއީ އޭގެ ކުރީ 28 ދުވަހާ އަޅާބަލާއިރު 80 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. ނަމަވެސް މަރުވި މީހުންގެ އަދަދު ވަނީ 57 ޕަސެންޓް ދަށަށް ގޮސްފައެވެ.
ޑަބްލިއުއެޗްއޯއިން ބުނީ އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ހުޅަނގު ޕެސިފިކް ސަރަހައްދުން ކަމަށާއި އެ ސަރަހައްދުން ބަލި ފެތުރޭ މިންވަރު 137 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަޕާން ފަދަ އުތުރު ހެމިސްފިއާގެ ބައެއް ގައުމުތަކުގައި ހޫނު މޫސުމާ ދިމާކޮށް ކޭސްތައް ވަނީ މިފަހަކަށް އައިސް އިތުރުވެފައެވެ.
ހޫނު މޫސުމުގެ އެއްވުންތަކާއި ދަތުރުފަތުރާއި އިމިއުނިޓީ ދަށްވުމާއި އާ ސަބްވޭރިއަންޓެއް ގެ ސަބަބުން މި އަދަދު އިތުރުވުމުގައި ދައުރެއް އަދާކުރާ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
ބުދަ ދުވަހު ޑަބްލިއުއެޗްއޯއިން ވަނީ އޮމިކްރޯން ސަބްވޭރިއަންޓް އީޖީ.5 އަކީ "އިންޓްރެސްޓްގެ ވޭރިއަންޓެއް" ގެ ގޮތުގައި ކަނޑައަޅާފައެވެ. ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ މެދުތެރޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން 17 އިންސައްތައަކީ އީޖީ.5 އެވެ.
ޔުނިވާސިޓީ އޮފް ޖެނީވާގެ އިންސްޓިޓިއުޓް އޮފް ގްލޯބަލް ހެލްތުގެ ޑިރެކްޓަރު އެންޓޮއިން ފްލަހޯލްޓް ވިދާޅުވީ ކޮވިޑް-19ގެ ހަގީގީ ހާލަތު އަދިވެސް ސާފުނުވާ ކަމަށެވެ.
"ސިއްހީ އިދާރާތަކުން މިހާރުން މިހާރަށް ކޮވިޑް-19 ގެ ސިއްހީ ކަންކަން މޮނިޓާ ކުރުމުގެ އިތުބާރު ހިފޭ ނިޒާމެއް އަލުން އިއާދަކުރަން ޖެހޭ،" ވައިރަހުގެ ޓްރެންޑްތައް ދެނެގަތުމަށް ޓަކައި "ވޭސްޓްވޯޓާ" އެނަލައިޒް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.
ޑަބްލިއުއެޗްއޯއިން ވަނީ ވެކްސިން ޖެހުމުގެ މަސައްކަތް އިތުރުކުރުމަށް ގއުމުތަކަށް އިލްތިމާސްކޮށްފައެވެ.
ފާމަސޫޓިކަލް ކުންފުނިތައް ކަމަށްވާ ފައިޒާ/ބަޔޯއެންޓެކް، މޮޑާނާ އަދި ނޮވަވެކްސް އިން އަންނަނީ އެ މީހުންގެ ކޮވިޑް ވެކްސިން އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރަމުން ނެވެ.