ދިވެހި ލީގުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު މީގެ ކުރިން ދެމެހެއްޓި އަލީ އަޝްފާގު (ދަގަނޑޭ) ގެ އެ ރެކޯޑު ކްލަބް ވެލެންސިއާގެ ޒުވާން ކުޅުންތެރިޔާ ޔޫސުފް އަޔާން އާމިރު މުގުރާލިތާ ތިން ދުވަސް ފަހުން އެ ޓީމަށް ކުޅެމުން އަންނަ އީތަން އިބްރާހިމް ޒަކީ އެ ރެކޯޑު މުގުރާލައިފިއެވެ.
ދިވެހި ލީގުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ދެވަނަ އަށް އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑުވެސް އޮތް އީތަން މިއަދު މުގުރާލީ ދިވެހި ލީގުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑެވެ. ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ކުޅެ 2-1 އިން ވެލެންސިއާ ބަލިވި އެ މެޗުގައި އީތަން ގޯލު ޖެހި އިރު އީތަންގެ އުމުރަކީ 14 އަހަރާއި ނުވަ މަހާއި ދެ ދުވަހެވެ.
އީތަން މި ރެކޯޑު މުގުރާލީ 20 އަހަރެއްވުރެން ގިނަ ދުވަސް އެ ރެކޯޑު އޮތް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ އެ ރެކޯޑް ވެލެންސިއާއަށް ކުޅެމުން އަންނަ އަޔާން މުގުރާލިތާ ތިން ދުވަސް ފަހުންނެވެ. ގްރީންސްޓްރީޓްސް އާ ދެކޮޅަށް ކުޅުނު މެޗުގައި އަޔާން އެ ގޯލު ޖެހި އިރު އޭނާގެ އުމުރަކީ 15 އަހަރާއި ހަ މަހާއި 13 ދުވަހެވެ.
މީގެ އިތުރުން މިއަދުގެ މެޗުގައި އިތުރު ރެކޯޑެއް އެ ޓީމަށް ކުޅެމުން އަންނަ މުހައްމަދު އިލާން އިމްރާން ވެސް ވަނީ ހަދަައިފައވެެ. ދިވެހި ލީގުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑްވެސް އޮތް އިލާން މިއަދު މުގުރާލީ ދިވެހި ލީގުގައި އެސިސްޓް ކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑެވެ. އީތަންގެ ގޯލަށް އެސިސްޓް ކޮށްދިން އިރު އިލާންގެ އުމުރުަކީ ކީ 14 އަހަރާއި ހަ މަހާއި 22 ދުވަހެވެ.
ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް އަހުމަދު ބައްސާމް މުހައްމަދު ނައީމް ހުސްކޮށްލި ބޯޅައަކުން ޔޫވީ އަށް އެއްވަރު ކޮށްދިނީ ޝަނާން ރަޝާދެވެ. ޔޫވީން މެޗުގައި ލީޑު ނެގީ 57 ވަނަ މިނިޓުގައި ޝަނާން ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލައިގެން ބައްސާމް ކާމިޔާބު ކޮށްދިން ގޯލުންނެވެ.