ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓްކުރަން ޕީޕީއެމް/ޕީއެންސީގެ ސެނެޓުން ދެކޭ ގޮތް ހޯދަން އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ދެއްވީ ޓެސްޓެއް ކަމަށާއި އެ ޓެސްޓުން ދެ ޕާޓީގެ ސެނެޓުގެ މެޖޯރިޓީ ފޭލްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) މިރޭ ވިދާޅުވެއްޖެއެވެ.

ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމުމާއި ގުޅިގެން އިންތިހާބު ބޮއިކޮޓު ކުރުމަށް ޔާމީން އެދިވަޑައިގެންނެވި ނަމަވެސް އެކަން އެގޮތަށް ކުރަން ނުފެންނަ ކަމަށް ސެނެޓުން އިއްޔެ ވަނީ ފާސްކޮށްފައެވެ. އިންތިހާބު ބޮއިކޮޓްކުރަން ފެންނަ ކަމަށް ވޯޓު ދިނީ 46 ސެނެޓަރުންނެވެ. އަދި އިންތިހާބު ބޮއިކޮޓް ކުރުމާއި ދެކޮޅަށް ވޯޓު ދެއްވީ 67 މެމްބަރުންނެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ސެނެޓަރުން ރައީސް ޔާމީނާ ދޭތެރޭގައި އެ ނިންމެވި ނިންމުމާއި ދޭތެރޭގައި އަޅުގަނޑު މިތާގައި ހުރެ ހިތާމަކުރަން" ޕީޕީއެމް އޮފީސް ކުރިމަތީގައި ޔާމީން މިނިވަންކުރަން ގޮވާލައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވިއެވެ.

ޓޮމް ވިދާޅުވީ ޕާޓީގެ މެމްބަރުން، އިއްޔެ ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަކީ ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ވާހަކަތަކެއް ކަމަށެވެ. އެއީ ކޮން ވާހަކަތަކެއް ކަމެއް ވިދާޅެއް ނުވެއެވެ. އަދި ވާހަކަ ދެއްކެވި ބައެއްގެ ނަމެއްވެސް ހާމައެއް ނުކުރެއެވެ. އެކަމަކު އެ ވާހަކަތަކުގެ ވީޑިއޯތަކައި އެކަމާއި ގުޅުންހުރި ފޮޓޯތައް ހުރި ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ވާހަކަތައް ޔާމީނާ ހަމަޔަށް ގެންގޮސް ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ރައީސް ޔާމީން ނިކުންނެވި (ޖަލުން) ދުވަހަކުން އެ ފޮޓޯތަކާއި ވީޑިއޯތަކާއި، ދެއްކި ވާހަކަތައް ރައީސް ޔާމީނާ ހިސާބަށް ގެންދާނަން" ސެނެޓަރުންނަށް ބަހުގެ ހަމަލާތައް ފޮނުވަމުން ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް އިހްލާސްތެރިކަމާއެކު ދެކިގެން އަދި ކޮންމެ ފަހަރަކު ރައީސް ޔާމިން ދޫކޮށްލާ، އޭ ގޮވާފައި އިއްޔެ އެންމެން ރައީސް ޔާމިން ޓެސްޓުކުރަން ދެންނެވީމާ ކީކޭތީ ސެނެޓުން ވިދާޅުވީ؟ ނޫނޫކޭ" ސެނެޓުގެ ނިންމުމަށް ފާޑުކިޔަމުން ޓޮމް ވިދާޅުވިއެވެ.

ނޯޓެއްގައި ލިޔުއްވާ ޔާމީން އިއްޔެ ފޮނުއްވި މެސެޖުގައި ވިދާޅުވީ އެމަނިކުފާނަށް އިންތިހާބު ހައްގުތައް ގެއްލިފައިވާކަމަށް ގަބޫލުކުރާނަމަ ނުވަތަ ޖަލުގައި ހުންނެވި ނުހައްގުން ކަމަށް ގަބޫލުކުރާނަމަ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.

އެއީ ޕާޓީގެ މެމްބަރުންނަށް އުދަނގޫ ކަމެއް ކަމަށާއި އެކަމަކު ޔާމީން އެދިވަޑައިގެންނެވި ގޮތަށް ކަންކަން ނުވުމަކީ އެންމެ އެދޭ ގޮތް ނޫން ކަމަށް ޓޮމް ވިދާޅުވިއެވެ.