"އިންތިހާބު ބޮއިކޮޓްކުރަންވެސް ތާއިދު، ޕީޕީއެމުން ކެންޑިޑޭޓަކު ނެރެންވެސް ތާއިދު؟މަކަރުވިންނަކަށް ކާމިޔާބެއް ނުވާނެ" މުއިއްޒު 2023 ހޭޝް ޓެގް ޖަހައި އެކްސް (ޓްވިޓާ) ގައި މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ލިޔުއްވީ މީހެނެވެ.
މުއާޒުގެ ޓްވީޓުން އެކަނިވެސް ޕީޕީއެމްގެ އެތެރޭގެ ތަޅާފޮޅުންގަނޑު ވަރަށް ސާފެވެ. ސާފުކޮށް އެ ވިދާޅުވަނީ ކުރީގެ ރައީސް ޔާމީން އެންގެވި އެންގެވުމާއި ދެކޮޅުކަމެވެ. ޔާމީނަށް ވާދަނުކުރެވޭތީވެ ޕީޕީއެމް/ޕީއެންސީ އިން އިންތިހާބުގައި ވާދަކުރަން އެމަނިކުފާނު ބޭނުންފުޅުވެވަޑައިނުގަންނަވާކަން ލިޔުއްވާ ފޮނުއްވި މެސެޖާއެކު ޕާޓީ ތެރެ ދިޔައީ ކެކިއަރައިގެންނެވެ. އެތައް ދުވަސްތަކެއްވަންދެން މަޑުމަޑުން ރޯވަމުން ދިޔަ ހުޅުގަނޑު މިއަދު ރާސްލާފައި ދިޔައީ ފަޅައިގެންނެވެ. ބަންޑުން ޖަހާލީ އުދާސްތަކެވެ. އެހެން ނުވާންވީ ސަބަބުތަކެއް ނެތެވެ.
ޔާމިނަށް ވާދަނުކުރެވޭނަމަ ނިކުންނާނީ މާލޭގެ މޭޔަރު ޑރ މުއިއްޒު ކަމަށް އޮތީ ނިންމާފައެވެ. ރަނިންމޭޓުވެސް އޮތީ ކަނޑައަޅާފައެވެ. ހުދު ޔާމީންވެސް އޮތީ އެކަމަށް "އެޕްރޫވް" ދެއްވާފައެވެ. ލޯ ކުރިމަތިން މި ހުރިހާ ކަމެއް ފެންނަން އޮއްވާ އިންތިހާބު ބޮއިކޮޓް ކުރަން ގޮވާލުން އެއީ ގިނަ ބަޔަކަށް ބަލައިގަނެވޭނެ ކަމަކަށް ނުވީއެވެ.
"ބެކަޕް ކެނޑިޑޭޓެއް ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ވަނީ ކަނޑައަޅާފައި އެހެންވީމަ މިއީ މިހާރު މުއިއްޒު އިންތިހާބަށް ނެރެ މަސައްކަތްކުރަން ޖެހޭ ވަގުތު" ރުމާލު ފަހެއް ނަމަކަށް ކިޔާ އައިޑީއަކުން މުއާޒު ކުރި ޓްވީޓަށް ރިޕްލައި ދެމުން ބުންޏެވެ.
އެ އެންމެންވެސް މިހެން ބުނާ ސަބަބަކީ ސެނެޓުގެ މެޖޯރިޓީ މުއިއްޒުއަށް އޮތުމުންނެވެ. އެހެންވެ މުއިއްޒުއަށް ސަޕޯޓުކުރާ ސެނެޓަރުންނާ އާއްމު މެމްބަރުން ދެކޭ ގޮތުގައި އިންތިހާބުގައި މުއިއްޒު ކޮންމެހެންވެސް ވާދަކުރަން ޖެހެއެވެ. ސީދާ ޔަގީންވެފައި ނެތް ނަމަވެސް ހަބަރުތައް ބުނާ ގޮތުން ޕީއެންސީގެ ފަރާތުން މުއިއްޒުގެ ކެނޑިޑޭސީ އިލެކްޝަން ކޮމިޝަނަށް ވައްދާނެއެވެ. އެކަމަކު މިކަން ޔަގީންކުރަން ތަކުރާރުކޮށް މުއިއްޒު އަށް ގުޅުމުންނާއި މެސެޖް ކުރުމުން ފޯނަށް ޖަވާބު ނުދެއްވައެވެ. މިއަޑު އެރީތާ މާގިނަ އިރުތަކެއް ނުވަނީސް ޕީޕީއެމް/ޕީއެންސީގެ ރަސްމީ ތަތްގަނޑުތައް ފޮރުވާފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. އެކަމަކު އޭގެ ކުރިން މުއިއްޒުގެ ފޯމްގައި ތަތްގަނޑު ޖަހާފައިވާ ކަމަށްވެއެވެ.
އެހެންކަމަށްވާނަމަ މުއިއްޒުގެ ކެނޑިޑެސީ ފޯމް މާދަމާ އިލެކްޝަނަށް ހުށަހަޅާނެއެވެ.
އެކަމަކު ދެން ކުރިމަތީގައި އޮތް އެންމެ ބޮޑު ސުވާލަކީ މުއިއްޒުގެ ފަހަތަށް ޕީޕީއެމް އަރާނެބާވައެވެ؟ ޔާމީންއާ ދެކޮޅަށް ކެނޑިޑޭޓަކު ނެރެން ނިންމުމުގެ ސަބަބުން ޕާޓީ ތެރެއަށް ކިހާ އަސަރެއް ކުރާނެ ބާވައެވެ؟ މިއީ މިވަގުތު އެންމެ ބޮޑަށް ޖަވާބު ބޭނުންވާ ސުވާލެވެ. ނޫނީ މި ފެންނަނީ އެމްޑީޕީ ދެބައިވެގެން ދިޔަހެން ޕީޕީއެމްވެސް ދެބައިވެގެންދާ މަންޒަރު ހެއްޔެވެ؟ އަނެއްކޮޅުން ޔާމީނަކީ ޕާޓީގެ ލީޑަރު ކަމަށްވިޔަސް ސެނެޓުން ނިންމާ ނިންމުން ބަލައިނުގަންނަނީ ކީއްވެބާވައެވެ؟ ޕާޓީ އަތުން ދޫވެދާނެތީ އެމަނިކުފާނު ބިރު ގަންނަނީތޯއެވެ؟ ކޮންމެގޮތެއްވިޔަސް ޕާޓީގެ ލީޑާޝިޕުން ސަޕޯޓަރުންނަށް ޖަވާބެއް ދޭން ޖެހެއެވެ. ވާނުވާ އަންގަން ޖެހެއެވެ.