ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ފަރާތުން ޓިކެޓު ހަވާލު ކޮށްފައިވާ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާއި ގުޅިގެން އިންތިހާބު ބޮއިކޮޓު ކުރުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ނަމަވެސް އެކަން އެގޮތަށް ކުރަން ޕީޕީއެމް/ޕީއެންސީ ސެނެޓުން ފާހެއް ނުވިއެވެ.

ޔާމިނަށް އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު އެމަނިކުފާނު ޕާޓީގެ ލީޑާޝިޕަށް ފޮނުވި މެސެޖުގައި އެދިވަޑައިގެންނެވީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.

"އަޅުގަނޑުގެ އިންތިހާބު ހައްގުތައް ގެއްލުވާލުމާ ގުޅިގެން އަޅުގަނޑަށް ތާއިދުކުރާ އެއްވެސް ބޭފުޅަކު ވޯޓްނުލާ މި އިންތިހާބު ބޮއެކޮޓްކުރަން ގޮވާލަން" ޔާމީން ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.

އެ މެސެޖަށް ގޮތެއް ނިންމަން މިއަދު ޕީޕިއެމް އޮފީހުގައި ތިން ގަޑިއިރަށްވުރެ ގިނަ އިރުވަންދެން ކުރިއަށް ދިޔަ ޕީޕީއެމް/ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި އިންތިހާބު ބޮއިކޮޓްކުރަން ފެންނަ ކަމަށް ވޯޓު ދިނީ 46 ސެނެޓަރުންނެވެ. އަދި އިންތިހާބު ބޮއިކޮޓް ކުރުމާއި ދެކޮޅަށް ވޯޓު ދެއްވީ 67 މެމްބަރުންނެވެ. އެ ބައްދަލުވުން ހޫނުވެ އެއް ސެނެޓަރަކު އަނެއް ސެނެޓަރަށް ބަހުގެ ހަމަލާތައްވެސް ފޮނުވިއެވެ.

އޭގެ ފަހުން ބައްދަލުވުން ކުރިއަށް ގެންދިޔައީ އާއްމު މެމްބަރުން އޮފީހުން ނެރުމަށް ފަހުއެވެ. އެ ދަނޑިވަޅުގައި އޮފީސް ތެރޭގައި ހަމަނުޖެހުންވެސް ހިނގިއެވެ.

އެކަމަކު ހަމަނުޖެހުން ހިންގީ ބޭރުން އައިސް އޮފީހަށް ވަންނަން މަސައްކަތްކުރި ބަޔަކު ކަމަށް ޕީޕީއެމްގެ ސެނެޓް މެމްބަރުން ވިދާޅުވިއެވެ. އެކަން ހަމަޔަކަށް އަޅުވަން ފުލުހުންވެސް ހަރަކާތްތެރިއެވެ.

ޕީޕީއެމްގެ "ޕްލޭން ބީ" ގައި ޔާމީނަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި ޕީޕީއެމުން އެހެން ކެނޑިޑޭޓަކު ނެރޭނީއެވެ. އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖައްސާފައިވަނީ ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލެވެ. ޔާމީންގެ އެދިލެއްވުމަކަށް ޕީއެންސީން ވަނީ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅައިފައެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންފައި ވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުއިއްޒަށެވެ.

މުއިއްޒަކީ ޕީޕީއެމްގެ ނާއިބު ރައީސްގެ ގޮތުގައި ހުންނެވި ބޭފުޅަކަށްވީ ނަމަވެސް ޕީއެންސީގެ ޓިކެޓަށް ވާދަ ކުރެއްވުމަށް މުއިއްޒު ވަނީ އެޕާޓީއާ ގުޅިވަޑައިގެންފައެވެ. އެކަމަކު މުއިއްޒު އަކީ "ޕްލޭން ސީ" ކަމަށް ޕީޕީއެމުން ބުނެއެވެ. ޕްލޭން ބީ ގައި ނިކުންނަވާނީ ކޮން ކެނޑިޑޭޓެއް ކަމެއް ޕީޕީއެމުން ކަނޑައަޅާފައެއް ނާޅައެވެ.