ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަށް އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވިއްޖެ ނަމަ ޕީޕީއެމުން ނެރޭ ކެންޑިޑޭޓަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް އިންތިހާބު ކޮށްފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމު މުއިއްޒު ކަމަށް ޕީޕީއެމް/ޕީއެންސީން ކަނޑައެޅި ވާހަކަ ދޮގުކޮށްފިއެވެ.
ޔާމީނަށް ކުރިމަތިނުލެވޭނެ ހާލަތެއް ސުޕްރީމް ކޯޓުން ނިންމި ކަމުގައިވީ ނަމަވެސް އެޕާޓީއާ އެއް ލީޑާޝިޕެއްގެ ދަށުން ހިންގަމުން އަންނަ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒަކީ "ވޯސްޓް ކޭސް ސިނާރިއޯ" ކަމަށް ޔާމީންގެ ރަނިންމޭޓު އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ އިއްޔެ ވިދާޅުވެފައެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެކަމަކު ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފައެވެ.
އެހެންކަމުން ޔާމީންގެ އެދިލެއްވުމަކަށް ޕީއެންސީން ވަނީ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅައިފައެވެ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންފައި ވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުއިއްޒަށެވެ. މުއިއްޒަކީ ޕީޕީއެމްގެ ނާއިބު ރައީސްގެ ގޮތުގައި ހުންނެވި ބޭފުޅަކަށްވީ ނަމަވެސް ޕީއެންސީގެ ޓިކެޓަށް ވާދަ ކުރެއްވުމަށް މުއިއްޒު ވަނީ އެޕާޓީއާ ގުޅިވަޑައިގެންފައެވެ.
މުއިއްޒު އަކީ ޕްލޭން ސީ ކަމަށް ބުނުމުން ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ކޯޅުން ބޮޑުވުމުގެ ސަބަބުން ޕީޕީއެމްއިން ނެރޭ ކެނޑިޑޭޓް ނުވަތަ "ޕްލޭން ބީ" އަކީ މުއިއްޒު ކަމަށް ޕާޓީގެ ލީޑާޝިޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
އެކަމަކު އެފަދަ ނިންމުމެއް ނިންމާފައިނުވާކަން ޕީޕީއެމްގެ ލީޑާޝިޕްގެ ދެ ބޭފުޅަކު "ހަތާވީސް" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
"އެއީ ދޮގެއް. އެފަދަ އެއްވެސް ޑިސިޝަނެއް [ނިންމުމެއް] ލީޑާޝިޕުން ނިންމާފައެއް ނުވާނެ،" ލީޑާޝިޕްގެ ބޭފުޅަކު ވިދާޅުވިއެވެ.
ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތުމަށް އީސީން ނިންމި ނިންމުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުން އިއްޔެ ސުޕްރީމް ކޯޓުގައި ގާތްގަނޑަކަށް ހައެއްކަ ގަޑިއިރަށް ކުރިޔަށް ގެންދެވިއެވެ. މައްސަލާގެ ހުކުމް އެންމެ ލަސްވެގެން މާދަމާ ކުރާނެ ކަމަށް ބެލެވެއެވެ.