ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސައިފިއެވެ.

މުއިއްޒުގެ ކުރެއްވި ޓްވީޓާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ މުއިއްޒުގެ ރަނިންމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

"އެމަނިކުފާނަކީ، ޒުވާން، ތައުލީމީ، ގާބިލް ހިދްމަތްތެރިއެއް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިމަހުގެ ހަތްވަނަ ދުވަހު ކެންޑިޑޭސީ ހުށަހެޅުމުގެ ސުންގަޑީގެ ކުރިން ރައީސް ޔާމީނަށް ވާދަ ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އޭނާގެ ދުއާ ކަމަށެވެ

‏"އަދި މި ތައްޔާރުކުރެވޭ "ބެކްއަޕް" އެޕްލިކޭޝަން ލާންނުޖެހުން" މުއިއްޒު ވިދާޅުވިއެވެ.

މިދިޔަ އާދީއްތަ ދުވަހު ޕީޕީއެމް އިން ވަނީ ޔާމީންގެ ކެންޑިޑޭސީ ފޯމު އިލެކްޝަންސް އަށް ހުށަހަޅައިފައެވެ. ނަމަވެސް އިލެކްޝަންސް އިން ވަނީ ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތުމަށް ނިންމައިފައެވެ. ސަބަބެއް ކަމަށް އިލެކްޝަންސް އިން ބުނީ ޔާމީންގެ ޖަލު ހުކުމް އޮތުމެވެ. ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވަނީ ދުސްތޫރީ މައްސަލައެއް އެކަމާއި ގުޅިގެން ހުށަހަޅާފައެވެ.

ޔާމީނަށް ކުރިމަތިނުލެވޭ ކަމަށް އީސީން ނިންމުމުން ޔާމީން އަންގަވައިގެން، ޕީޕީއެމްއާ އެއް ލީޑާޝިޕެއްގެ ދަށުން ހިންގަމުން އަންނަ ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ފެށި ތަނެވެ.

ޕީއެންސީގެ ޓިކެޓަށް ހުޅުވާލުމުން އެ ޓިކެޓަށް ދެ ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. ޕީއެންސީގެ ޓިކެޓަށް ވާދަކުރެއްވުމަށް ޕީޕީއެމް އިން ވަކިވެ، ޕީއެންސީ އަށް މުއިއްޒު ސޮއިކުރެއްވިއެވެ. އަދި ޕީއެންސީގެ ސެނެޓުގެ 25 ވޯޓާއެކު މުއިއްޒު އަށް ޕީއެންސީގެ ޓިކެޓު ލިބިވަޑައިގަތެވެ.