ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީންގެ ރިޔާސީ ޓިކެޓު ޕީޕީއެމް އިން އެމަނިކުފާނާއި ހަވާލު ކުރެއްވި ނަމަވެސް ގިނަ ބައެއްގެ ހިތުގައި އުފެދިފައި އޮތް ސުވާލަކީ ޔާމީނަށް ވާދަ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޭނެތޯއެވެ. ޔާމީންގެ ނަން ވޯޓު ކަރުދާސް ކޮޅުގައި އޮންނާނެތޯއެވެ. މި ސުވާލު ގިނަ ބައެއްގެ ހިތުގައި އުފެދުނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ދައުވާ ޔާމީންގެ މައްޗަށް ސާބިތުވެ، 11 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި އޮތުމުންނެވެ.
މިދިޔަ އާދީއްތަ ދުވަހު ޕީޕީއެމް އިން ވަނީ ޔާމީންގެ ކެންޑިޑޭސީ ފޯމު އިލެކްޝަންސް އަށް ހުށަހަޅައިފައެވެ. ނަމަވެސް އިލެކްޝަންސް އިން ވަނީ ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތުމަށް ނިންމައިފައެވެ. ސަބަބެއް ކަމަށް އިލެކްޝަންސް އިން ބުނީ ޔާމީންގެ ޖަލު ހުކުމް އޮތުމެވެ. އެއާއެކު ދެން ފެނިގެން ދިޔައީ ޔާމީން އަންގަވައިގެން ކަމަށް ބުނެ، ޕީޕީއެމްއާ އެއް ލީޑާޝިޕެއްގެ ދަށުން ހިންގަމުން އަންނަ ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ފެށި ތަނެވެ.
ޕީއެންސީގެ ޓިކެޓަށް ހުޅުވާލުމުން އެ ޓިކެޓަށް ދެ ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. ޕީއެންސީގެ ޓިކެޓަށް ވާދަކުރެއްވުމަށް ޕީޕީއެމް އިން ވަކިވެ، ޕީއެންސީ އަށް މުއިއްޒު ސޮއިކުރެއްވިއެވެ. އަދި ޕީއެންސީގެ ސެނެޓުގެ 25 ވޯޓާއެކު މުއިއްޒު އަށް ޕީއެންސީގެ ޓިކެޓު ލިބިވަޑައިގަތެވެ.
މުއިއްޒަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން މީގެކުރިން ވެސް މުއިއްޒަށް ޓިކެޓު ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ކަމުގެ ތުހުމަތުތައް ކުރިއެވެ. އަދި އޭގެތެރެއިން ބައެއް ފަރާތްތަކުގެ މައްސަލަތައް ބަލާ ފިޔަވަޅު އަޅާފައިވެސް އެބަހުއްޓެވެ. މުއިއްޒަށް ރިޔާސީ ޓިކެޓު ލިބުމާއެކު އޭނާ އަށް ތާއީދު ކުރާ ފަރާތްތަކުން އުފާފާޅު ކުރަމުން ގެންދިޔައެވެ.
އެހެންނަމަވެސް ސުޕްރީމް ކޯޓަށް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އަށް ތަދައްހުލުވެފައިވާ ޕީޕީއެމްގެ ގާނޫނީ ވަކީލް ހުސްނީ މުބާރަކް ވިދާޅުވި ވާހަކައާ ގުޅިގެންނާއި އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް މީޑިއާގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން މުއިއްޒަށް ތާއީދު ކުރާ ފަރާތްތަކާއި ޔާމީނަށް "ލޯޔަލް" މީހުންނާއި ދެމެދު ހިޔާލުތަފާތުވުންތައް ވަނީ އުފެދިފައެވެ.
ޓްވީޓާގައި ޖަލްއާލް ކިޔާ އައިޑީއަކުން ކުރި ޓްވީޓެއްގައި ބުނީ ޕްލޭން އޭ އަކީ ރައީސް ޔާމިން، ކަމަށާއި އަދި ޕްލޭން ބީ އަކީ ޕީޕީއެމް ކެނޑިޑޭޓް ކަމަށެވެ. އަދި ޕްލޭން ސީ އަކީ ޕީއެންސީ ކެނޑިޑޭޓެއް ކަމަށެވެ. އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ޕްލޭން ސީ އަކަށް ނުދާނެ ކަމަށް އޭނާ ބުންޏެވެ.
އެ ޓްވީޓް ރީޓްވީޓްކުރީ ޕީޕީއެމްގެ ސެނެޓުގައި ހިމެނޭ ހަމްދާން ޝަކީލް ވިދާޅުވީ ޔާމީނަށް ކުރިމަތިނުލުވޭ ހާލަތުގައި ޕީޕީއެމުން އިތުރު ކެނޑިޑޭޓަކު ނުނެރޭނެ ކަމަށެވެ. ޕީއެންސީން ބެކަޕް ކެނޑިޑޭޓަކު (ޑރ މުއިއްޒު) ތައްޔާރަށް ހުންނެވީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އާއްމު މެމްބަރުންނަށް އޮޅޭ ގޮތަށް ހަގީގަތާއި ހިލާފަތް ވާހަކަ ނުދައްކަވާ" ރިޔާސީ އިންތިހާބުގައި މުއިއްޒު ނެރުމަށް ޕީޕީއެމްގެ ތެރެއިން މަސައްކަތް ކުރާކަމުގެ ބޮޑެތި ތުހުމަތު ކުރެވޭ ހަމްދާން ވިދާޅުވިއެވެ.
އޭނާގެ އެ ޓްވިޓާށް އަސުރުމާ ކިޔައި އައިޑީއަކުން ކުރި ޓްވީޓެއްގައި ވަނީ މި ދަނޑިވަޅުގައި ޕާޓީ ތެރޭ ފިތުނަ އުފެދޭ ގިތަށް އަމަލު ނުކުރަން ގޮވާލާފައެވެ.
"ބެކަޕް ކެނޑިޑޭޓަކީ މުއިއްޒު" އޭނާގެ ޓްވީޓު ނިންމާލަމުން ބުންޏެވެ. ސެނެޓުގައި ހިމެނޭ ޖިހާދުވެސް ވިދާޅުވި ގޮތުގައި "ސީ އަކީ އެންމެ ވޯސްޓު ކޭސް ސިނާރިއޯ" ކަމަށެވެ.
ހަމްދާންގެ ޓްވީޓަށް ރީޓްވީޓް ކުރި އަކްރަމް މުސްތަފާ ކިޔައީ އައްޑީއަކުން ބުނި ގޮތުންނަމަ ކިތަންމެ ހާސްވިޔަސް ، ދެރަވިޔަސް އަދި "ރޮއެ ހޭރުނަސް" ޕީޕީއެމްގެ ކެނޑިޑޭޓަކު ހުންނާނެ ކަމަށެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީނަށް ކުރިމަތިނުލެވޭނެ ހާލަތެއް ސުޕްރީމް ކޯޓުން ނިންމި ކަމުގައިވީ ނަމަވެސް އެޕާޓީއާ އެއް ލީޑާޝިޕެއްގެ ދަށުން ހިންގަމުން އަންނަ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަކީ "ވޯސްޓް ކޭސް ސިނާރިއޯ" ކަމަށް ޔާމީންގެ ރަނިންމޭޓު އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވަނީ ވިދާޅުވެފައެވެ.
"ޕީއެންސީ އަކީ އަޅުގަނޑު ދެކޭ ގޮތުގައި ވޯސްޓް ކޭސް ސިނާރިއޯ،" ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވިއެވެ.
ޖަމީލް މިފަދައިން ވިދާޅުވިއިރު ބައެއް މީޑިއާތަކުގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޥޝިޔާމް ވެސް ވަނީ ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއް ކޯޓުން ނިންމައިފި ނަމަ އެމަނިކުފާނުގެ ޕްލޭން ބީ އަކީ ޕީޕީއެމް އަށް ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ދިނުމަށް ކޯޓުގައި އެދުން ކަމަށެވެ. ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދައުވާ ބަޔާނުގައި އެ ގޮތަށް ވަނީ އެދިފައެވެ.
އޭނާ ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް އަދި ޕީއެންސީން ވެސް ވާދަ ކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ. ޕީއެންސީން އަމަލު ކުރާނެ ގޮތެއް އެނގޭނީ އެޕާޓީ އަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.