ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރަން ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނީ ދެ ބޭފުޅެކެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރެވެ.
މި ދެބޭފުޅުންނަކީ ވެސް ރައީސް ޔާމީން ސަރުކާރުގެ ދެ ވަޒީރުންނެވެ. އެގޮތުން މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ. އާދަމް ޝަރީފަކީ ކުރީގެ ޑިފެންސް މިނިސްޓަރެވެ.
މީގެތެރެއިން މުއިއްޒަށް ޓިކެޓު ލިބިވަޑައިގެންފި ނަމަ، ރަނިންމޭޓަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ކަނޑައެޅުއްވުމަށް ނިންމާފައިވާ ކަމުގެ ވާހަކަތަކެއް ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި އަންނަނީ ފެތުރެމުންނެވެ.
އެކަމުގެ ހަގީގަތް ހޯދާލުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންނަށް ގުޅާލުމުން ދެކެވޭ ވާހަކައަކީ ހަގީގަތެއްކަން ކަށަވަރު ކޮށްދެއްވިއެވެ.
އެކަމާއި ގުޅޭ ގޮތުން އަދުރޭ "ހަތާވީސް" އިން ގުޅާލުމުން ރަނިންމޭޓު ކަމާއި މެދު ޝައުގުވެރި ކަމެއް ނެތް ކަމަކަށް ވިދާޅެއް ނުވިއެވެ. ވިދާޅުވީ މިވަގުތު ފޯކަސް ހުރީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަސައްކަތަށް ކަމަށެވެ.
މުއިއްޒުގެ ރަނިންމޭޓަކަށް ހަމަޖައްސަނީ އަދުރޭތޯ އިތުރަށް ޔަގީން ކުރުމަށް ޑރ. މުއިއްޒަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ. މެސެޖު ކުރެއްވުމުން ވެސް ޖަވާބެއް ނުދެއްވައެވެ.
މުއިއްޒުގެ ރަނިންމޭޓު ކަމަށް އަދުރޭ ހަމަޖައްސަން އުޅޭތީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައި ހިޔާލު ތަފާތުވުންތަކެއް ހުރިކަން ވެސް ވަނީ އެނގިފައެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އަދުރޭ އަކީ އެ މަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫނެވެ. އެ މަގާމަށް އެއަށްވުރެ ގާބިލް ބޭފުޅުން ތިއްބެވި ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.
ޕީއެންސީގެ ޓިކެޓަށް ދެން ވާދަ ކުރައްވާ އާދަމް ޝަރީފް ވަނީ ރަނިންމޭޓަކު އަދި ކަނޑައަޅާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
ޕީއެންސީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ނިންމީ އިދިކޮޅު ލީޑަރު ޔާމީންގެ އެދިލެއްވުމަކަށެވެ.