އިދިކޮޅު ޕީއެންސީން ރިޔާސީ ރޭހަށް ނިކުތުމުގެ ޝައުގުވެރިކަން މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުއާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ފޯމް ހުށަހަޅުއްވައިފިއެވެ.

ޕީއެންސީގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ ޕާޓީގެ ޓިކެޓުގައި އިންތިހާބަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތު ދޭއް ޖެހިއިރު ހަމަވެފައިވާއިރު ފޯމް ހުށަހަޅުއްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ކެބިނެޓްގައި ވަޒީރުކަން ކުރެއްވި މުއިއްޒުއާ އާދަމް ޝަރީފް ކަމަށެވެ.

ވާދަކުރާ ފަރާތެއް ކަނޑައަޅާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ބާއްވާ ޕާޓީގެ މަޝްވަރާ މަޖިލީހުންނެވެ. ކެނޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ނުބާއްވަން ނިންމީ ވަގުތު ކުޑަތަން ވެފައިވާތީވެ ކަމަށް ޕީއެންސީން ބުނެއެވެ.

ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ އާދަމް ޝަރީފް މިއަދު "ހަތާވީސް" އަށް ވިދާޅުވި ގޮތުންނަމަ ޕާޓީގެ ޓިކެޓް އޭނާއަށް ލިބޭނެ ކަމާއި މެދު ޝައްކެތް ނެތެވެ.

އާދަމް ޝަރިފް ވިދާޅުވީ ޕާޓީގެ ޓިކެޓް އޭނާއަށް ކަށަވަރުވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތީ ވޭތުވެދިޔަ ދުވަސްތަކުގައި ޕާޓީގެ އަސާސްތައް ނެގެހެއްޓުމަށްޓަކައި ކުރެއްވި މަސައްކަތުގެ މައްޗަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޔާމިން ޖަލުގައި ހޭދަކުރައްވަމުން ގެންދަވާ "އުދަނގޫ" މި ދުވަސްވަރު އެމަނިކުފާނުގެ ސިޔާސަތުތަކާއި އެއްގޮތަށް ޕާޓީގެ ކަންކަން ތަރުތީބުކުރުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އާންމު މެމްބަރުން ފެށިގެން ގޮސް ލީޑާޝިޕްގެ ބޭފުޅުންނާއެކު ވަރަށް ގާތުން މަސައްކަތްކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ޕާޓީ ތެރޭގައި އިތުބާރު ލިބިފައިވާ މީހެއް. އަޅުގަނޑަށް 100 ޕަސެންޓް ޔަގީން" އާދަމް ޝަރީފް ވިދާޅުވިއެވެ.

ފޯނަށް ޖަވާބު ނުދެއްވާތީވެ އާއި މެސެޖަށްވެސް ޖަވާބެއް ނުދެއްވާތީވެ މުއިއްޒުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ޕީއެންސީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ނިންމީ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިލެއްވުމަކަށެވެ.

ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވާ ކެންޑިޑޭޓު ކަމަށްވީ ނަމަވެސް ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީނުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ އެމަނިކުފާނު އަންނަނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ޕީޕީއެމް އިން ޔާމީންގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް އިލެކްޝަނުން ވަނީ ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތުމަށް ނިންމައިފައެވެ.