އިދިކޮޅު ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބަށް ވާދަކުރަން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީއެންސީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ނިންމީ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިލެއްވުމަކަށެވެ.

ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވާ ކެންޑިޑޭޓު ކަމަށްވީ ނަމަވެސް ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީނުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ އެމަނިކުފާނު އަންނަނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ޕީޕީއެމް އިން ޔާމީންގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް އިލެކްޝަނުން ވަނީ ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތުމަށް ނިންމައިފައެވެ.

އިންތިހާބުގައި ވާދަކުރުމާމެދު ޕީއެންސީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ޕީއެންސީ އަކީ ޕީޕީއެމްއާ އެއް ލީޑާޝިޕެއްގެ ދަށުން ހިންގަމުން އަންނަ ޕާޓީއެކެވެ. އެޕާޓީގެ ރައީސަކީ މިވަގުތު އިދިކޮޅު ލީޑާޝިޕް ލީޑު ކުރައްވަމުން އަންނަ އަބްދުއްރަހީމް (އަދުރޭ) އެވެ.

އެ ނިންމުމާއި ގުޅިގެން ޕީއެންސީން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދު މެންދުރު ދޭއްގެ ކުރިން ޕާޓީގެ ރައީސަށް އެޑްރެސްކޮށް ޝައުގުވެރިކަން ފާޅުކުރަން ބަޔާންކުރާ ލިޔުމެއް ޕާޓިއަށް ފޮނުވަން އެދިފައެވެ.

އެ ޕާޓީން ބުނީ ވާދަކުރާ ފަރާތެއް ކަނޑައަޅާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ބާއްވާ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ކަމަށެވެ. ޕީއެންސީގެ ސްޕޯކްސް ޕާސަން ހީނަ ވަލީދު "ހަތާވީސް"އާ ވާހަކަ ދައްކަމުން ވިދާޅުވީ ކެނޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ނުބާއްވަން ނިންމީ ވަގުތު ކުޑަތަން ވެފައިވާތީވެ ކަމަށެވެ.

މިހާތަނަށް ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން އާދަމް ޝަރީފް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ޝައުގުވެރިކަން ފާޅު ކުރައްވާފައިވެއެވެ.

މި ދެބޭފުޅުންނަކީ ވެސް ރައީސް ޔާމީން ސަރުކާރުގެ ދެ ވަޒީރުންނެވެ. އެގޮތުން މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ. އާދަމް ޝަރީފަކީ ކުރީގެ ޑިފެންސް މިނިސްޓަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ ޓިކެޓަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގައްސާން މައުމޫން ވެސް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. ގައްސާނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ދަރިކަލުންނެވެ.