ކުރިޔަށް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރުމަށް ޕީއެންސީ އިން ފުރުސަތު ހުޅުވާލުމުން ޕީޕީއެމްގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީއެންސީ އަށް ސޮއި ކުރައްވައިފިއެވެ.

ޕީއެންސީ އަކީ ޕީޕީއެމްއާ އެއް ލީޑާޝިޕެއްގެ ދަށުން ހިންގަމުން އަންނަ ޕާޓީއެކެވެ. އެޕާޓީގެ ރައީސަކީ މިވަގުތު އިދިކޮޅު ލީޑާޝިޕް ލީޑު ކުރައްވަމުން އަންނަ އަބްދުއްރަހީމް (އަދުރޭ) އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީއެންސީން މިއަދު ވަނީ ފާސް ކޮށްފައެވެ. އެހެން ފާސްކޮށްފައި ވަނީ އިންތިހާބުގައި ވާދަކުރުމާމެދު ޕީއެންސީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ޕީއެންސީން ވަނީ އެޕާޓީގެ ޓިކެޓަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުގެ މެންދުރު 14:00 އަށް އެޕާޓީ އަށް ނަންތައް ފޮނުވައި ދިނުމަށް އެދިފައެވެ. މުއިއްޒު ޕީއެންސީ އަށް ސޮއި ކުރެއްވީ އެ ސަބަބަށްޓަކައެވެ. މުއިއްޒު ޕީއެންސީ އަށް ސޮއިކުރެއްވިކަން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވަނީ "ހަތާވީސް" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

މުއިއްޒުގެ އިތުރުން ޕީއެންސީގެ ޓިކެޓަށް ދެން ވާދަ ކުރައްވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރެވެ.

ޕީއެންސީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ނިންމީ އިދިކޮޅު ލީޑަރު ޔާމީންގެ އެދިލެއްވުމަކަށެވެ.

ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވާ ކެންޑިޑޭޓު ކަމަށްވީ ނަމަވެސް ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީނުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ އެމަނިކުފާނު އަންނަނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ޕީޕީއެމް އިން ޔާމީންގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް އިލެކްޝަނުން ވަނީ ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތުމަށް ނިންމައިފައެވެ.

އެހެންކަމުން ބެކަޕް ޕްލޭނަކަށް އޮތް ޕީއެންސީން ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ފެށިއެވެ. އަދި އެޕާޓީން ވާދަ ކުރާނެ ކެންޑިޑޭޓެއްގެ ނަންތައް ދެއްވުމަށް ޔާމީނަށް ތިން ފަހަރެއްގެ މަތީން ހުށަހެޅިއެވެ. އެކަމަށް ޔާމީން އިޖާބަ ނުދެއްވާ ދޫކޮށްލީ ޕާޓީގެ ސެނެޓުން ގޮތެއް ނިންމުމަށެވެ.