ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެވަނަ ދައުރުގެ ކެމްޕެއިން ފެށްޓެވުމާއެކު މިވަގުތު އެންމެންގެ ސަމާލުކަން އޮތީ އެމަނިކުފާނުގެ ރަނިންމޭޓްގެ މަގާމަށެވެ. ނައިބު ރައީސް ފައިސަލް ނަސީމަކީ ފެހި ގާނޫނުއަސާސީގެ ދަށުން ނައިބު ރައީސްކަމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާ ފުރަތަމަ ބޭފުޅާއެވެ. ނަމަވެސް ދެވަނަ ދައުރުގައި ރައީސްގެ ރަނިންމޭޓުންގެ ލިސްޓުގައި ވެސް ފައިސަލްގެ ނަން ލިސްޓުގައި އެބައޮތެވެ.

ފައިސަލް ނިސްބަތްވެ ވަޑައިގަންނަވާ ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ އުއްމީދު މިފަހަރު ވެސް ގުޅިފައި އޮތީ ފައިސަލަށް ރަނިންމޭޓްކަން ލިބުމާ މެދުއެވެ. އެއް ރަށަކަށް އެންމެ ގިނަ ނައިބު ރައީސުން ނިސްބަތްވާ ފުވައްމުލަކު ރައްޔިތުންގެ އެދުމަކީ ނައިބު ރައީސްގެ ދެވަނަ ދައުރެއް ފައިސަލަށް ދެއްވުމެވެ.

މި ސަރުކާރުން ފުވައްމުލަކުގައި މަގުތައް ވަނީ ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްފައި-- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން

ފުވައްމުލަކު ރައްޔިތަކު ބުނި ގޮތުގައި ރައީސްގެ ރަނިންމޭޓަކަށް ފައިސަލް ވަރުގެ އެހެން ބޭފުޅެއް ނެތެވެ. ސަބަބަކީ ރައީސްގެ ފަސް އަހަރުގެ ދައުރުގައި ތެދުވެރިކަމާއެކު ޒިންމާ އަދާ ކުރެއްވުމެވެ. އަދި އޭނާއަކީ އަބަދުވެސް ރައީސަށް އިހްލާސްތެރި ބޭފުޅެއް ކަމަށް އޭނާ ބުންޏެވެ.

"

ރައީސުލްޖުމްހޫރިއްޔާއާ ދެބަސްވެ އަރައިރުންވެ ހިތްހަމަނުޖެހި މިކަހަލަ ކަމެއް ފެންނަން ނެތުމާ އެކު އިހްލާސްތެރި ތެދުވެރި ބޭފުޅެއް ފައިސަލަކީ
ޒުހުރާ މުސާ

ފުވައްމުލަކު، ޑޮނާޑޫ، ޒުހުރާ މޫސާ ބުންޏެވެ.

އެ ރަށު އެހެން މީހަކު ބުނި ގޮތުގައި ފައިސަލަށް ރަނިންމޭޓްކަން ދެއްވަންޖެހޭ ސަބަބަކީ އެންމެންގެ އިތުބާރު ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވާތީއެވެ. އަދި އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި މުޅި ރާއްޖެއަށް ތަރައްގީ ގެނައުމުގައި ފައިސަލްގެ ދައުރު ވެސް ބޮޑު ކަމަށް އޭނާ ބުންޏެވެ.

މި ސަރުކާރުން ފުވައްމުލަކުގައި ތަރައްގީ ކުރި ފުޓްބޯޅަ ދަނޑު: ފުޓްބޯޅަ ބޮޑު ދެ ދަނޑާއި ފުޓްސަލް ދަނޑުތަކާއި ވޮލީ ކޯޓް، ބެޑްމިންޓަން، ޓީޓީ، އަދި ބާސްކެޓް ކުޅޭނެ ތަނެއް ވެސް ތަރައްގީކޮށްފައިވޭ --- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން

"މި ރަށަށް ބަލާއިރު ވެސް މި އޮތީ ފެންނަން ވަރަށް ގިނަ ކަންތައްތައް ކޮށްދެއްވާފައި ފަސް އަހަރު ތެރޭގައި. މުޅި ރަށުގެ ތާރު އަޅާފައި. މުޅި ރަށް ތަރައްގީވެފައި. މުޅި ރާއްޖެ ތަރައްގީވެފައި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި. އަދިވެސް ބޭނުންވަނީ އެއްފަހަރު ފައިސަލް ނަސީމަށް މި ފުރުސަތު ދެއްވަން." ޖަވާހިރުމާގޭ އައިޝަތު އަބްދުالله ބުންޏެވެ.

އެ ރަށު އެހެން މީހަކު ބުނި ގޮތުގައި ފައިސަލްގެ ތެދުވެރިކަމާއި އިހްލާސްތެރިކަން މުޅި ރާއްޖެ އާއި އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލު ކުރެއެވެ. އަދި ރައީސް ހަވާލު ކުރެއްވި ކޮންމެ ޒިންމާއެއް އެއްވެސް ޖެހިލުމެއް ނެތި ފައިސަލް ފުރިހަމަ ކުރެއްވިކަން އޭނާ ފާހަގަކުރިއެވެ.

"ރައީސުލް ޖުމްހޫރިއްޔާ ހަވާލުކުރެއްވި ކޮންމެ ޒިންމާއެއް އެންމެ ފުރިހަމަ ގޮތުގައި އެއްވެސް ޖެހިލުމެއް ނެތި ފަސްޖެހުމެއް ނެތި ވިދާޅުވި ކޮންމެ ކަމެއް ކުރައްވާ." ސާވާ, މަރިޔަމް ސައީދު ބުންޏެވެ.

"ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ފުވައްމުލަކު ރައްޔިތުން އުފާވާ ބޭފުޅެއް ފައިސަލަކީ. މުޅި ރާއްޖޭގެ ރައްޔިތުން ވެސް ޖުމްލަ ގޮތެއްގައި ފައިސަލަށް އިތުބާރު ކުރޭ އަދި ވަރަށް ސަޕޯޓްކުރޭ. އަދި އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރޭ ފައިސަލަކީ ތެދުވެރިކަމާއި އަމާނާތްތެރި ރަނގަޅު ބޭފުޅެއްކަން."

ފުވައްމުލަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކު ނައިބު ރައީސްކަމުގެ ދައުރެއް ފުރިހަމަ ކުރެއްވުމަކީ އެރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ފަހުރެވެ. އަދި މިހާރު އެ ރަށު ގިނަ މީހުންގެ އުއްމީދަކީ ނައިބު ރައީސްކަމުގެ ދެވަނަ ދައުރެއް ޖެހިޖެހިގެން އަދާކުރާ ކުރުމުގެ ޝަރަފު ވެސް އެ ރަށަށް ލިބުމަށެވެ.