ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލްކުރަން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ މީހުން ސިފަކުރީ އުދުހޭ މުސައްލައެއްގެ ގޮތަށެވެ. އިންތިހާބު ބާތިލްކުރަން ޕީޕީއެމުން ދައްކަމުން ގެންދިޔައީ ދެލިފޮހެވޭ ގަލަމާއި ފާހަގަ ޖެހޭ އަނގޮޓިއަކާއި ފާހަގަ ވެއްޓޭ ކަރުދާސް ފަދަ ޖާދޫގެ ވާހަކަތަކެވެ.

ފަސް އަހަރު ފަހުން އިންތިހާބަށް އަލުން ކުރިމަތިލާން ނިކުންނައިރު މިހާރު ޕީޕީއެމުން އެ ދައްކަނީ ޖާދޫގެ ކެންޑިޑެސީއެއްގެ ވާހަކަ އެވެ. ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ ހެދި އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ބަންދުވެފައި އޮތެއް ކަމަކު ހަގީގަތް ގަބޫލު ނުކޮށް ޕީޕީއެމުން ދައްކަނީ ޖާދޫގެ ފޯމިއުލާ އެކެވެ.

ގާނޫނު އަސާސީގައި ބުނެފައިވަނީ ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް ތަންފީޒުކުރާނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތެއް އުނިވީ ކަމަށެވެ. ޔާމީން މިހާރު އެ ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ޕީޕީއެމުން ދައްކަނީ ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމެއްގައި "ނިހާއީ ހުކުމް" މާނަކޮށްދީފައި އޮންނަ ތަންކޮޅެކެވެ.

ގާނޫނީ އިލްމުގައި ނިހާއީ ހުކުމޭ ބުނެވެނީ އިސްތިއުނާފް މަރުހަލާ ނިމިފައިވާ މައްސަލަތަކަށެވެ. ޔާމީންގެ މައްސަލަ އޮތީ އިސްތިއުނާފް މަރުހަލާގައި ކަމަށްވުމުން ޕީޕީއެމުން އެ ނަގަނީ އެތަންކޮޅެވެ. އެހެނަސް ހުކުމެއް ހުކުމަކަށްވުމަށްޓަކައި ނިހާއީވުމަކީ ޝަރުތެއް ނޫނެވެ.

ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައަކުން މިކަމަށް ބާރުލިބިދެ އެވެ. ނިހާއީ ހުކުމަކަށްވުމުގެ މައްސަލާގައި އެ ކޯޓުން ކުރި ހުކުމެއްގައި ބުނެފައިވަނީ ހުކުމެއް އިސްތިއުނާފް ކުރުމަކީ އެ ހުކުމުގެ ބާރު ދަށްވާނެ ކަމެއް ނޫން ކަމަށާއި ނުވަތަ ހުކުމެއް ނެތީ ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުވާ ދަށު މަރުހަލާގެ ކޯޓަކުން އިއްވާފައިވާ ހުކުމެއް އިސްތިއުނާފް ކުރުމަކީ އޭގެ ޒާތުގައި އެ މީހެއްގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ބާރު ދަށްވާނެ ހުކުމެއް ނޫނެވެ. އަދި އެ ހުކުމަކީ ވުޖޫދުގައި ނުވާ ހުކުމެއް ކަމަށް ބަލާނެ ޖާގައެއް އޮތް ކަމެއްވެސް ނޫނެވެ." ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ގާނޫނު އަސާސީގައި ރައީސްކަމަށް ކުރިމަތިލުމުގެ ޝަރުތުގެ ވާހަކަ ބަޔާންކުރާ މާއްދާގެ އެއްވެސް ތަނެއްގައި ނިހާއީ ހުކުމެއްގެ ވާހަކައެއް ބުނެފައެއް ނުވެ އެވެ. ވީމާ ދަށު ކޯޓަކުން ކުރި ހުކުމެއް ކަމަށް ވިނަމަވެސް އަދި އިސްތިއުނާފް މަރުހަލާ ނުނިމި އޮތަސް ޝަރުތު އުނިވީ އެވެ. ސުޕްރީމް ކޯޓުގެ އެ ހުކުމުން އެކަމަށް ބާރު އެބަލިބެ އެވެ.

ނޫންމަ ޖަލުގައި ތިބި އުމުރުން 35 އަހަރުވެފައިވާ ކޮންމެ މީހަކު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ އެވެ. އަދި އެފަދަ ބޭފުޅަކު މަގާމަށް ހޮވިއްޖެނަމަ ހުކުމް ބާތިލް ނުކުރާހާ ހިނދަކު އެ ބޭފުޅަކު ރައީސްކަން ކުރައްވާނީ ވެސް ޖަލުގައި ހުންނަވައިގެންނެވެ. އޭރަށް ގާނޫނު އަސާސީގައި ބުނާ ރައީސްކަމުގެ ޝަރުތުގެ އެއްވެސް ބޭނުމެއް ނެތުނީ އެވެ.

ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައަކުން މިކަމަށް ބާރުލިބިދެ އެވެ. ނިހާއީ ހުކުމަކަށްވުމުގެ މައްސަލާގައި އެ ކޯޓުން ކުރި ހުކުމެއްގައި ބުނެފައިވަނީ ހުކުމެއް އިސްތިއުނާފް ކުރުމަކީ އެ ހުކުމުގެ ބާރު ދަށްވާނެ ކަމެއް ނޫން ކަމަށާއި ނުވަތަ ހުކުމެއް ނެތީ ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށެވެ.

ގާނޫނު އަސާސީ އެއް ފަރާތުގައި ބާއްވާފައި ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ތަސްދީގު ކުރެއްވި ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ވެސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ބަންދުވެ އެވެ. އެ ގާނޫނުގައި ބުނެފައިވަނީ ގައިދީއަކަށް ޕާޓީއެއްގެ މެމްބަރަކަށްވުން ފިޔަވައި "ޕާޓީއެއްގެ އެހެން އެއްވެސް ކަމެއްގައި ބައިވެރިނުވެވޭނެ" ކަމަށެވެ.

ވީމާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް ތަކުރާރުކޮށް އެ ޕާޓީން ބުނަމުން ދިޔަ ނަމަވެސް ގާނޫނު އޮތީ އެ ފުރުސަތު ލިބޭފަދަ ގޮތަކަށް ނޫނެވެ.

މި ހުރިހާ ކަމެއް މިގޮތަށް ހުރިއިރު އެހެން ކެންޑިޑޭޓަކު ދެއްކުމެއް ނެތި ޕީޕީއެމުން އެ ދަނީ ވަގުތުތައް ބޭކާރު ކުރަމުންނެވެ. އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވާން ދެ ތިން ހަފުތާ ބާކީ އޮތް ނަމަވެސް ޕީޕީއެމުން އަދިވެސް އެ ތިބީ ގާނޫނު އަސާސީ އާއި ހުރިހާ އެއްޗެއް ބޮލާލައި ޖެހުމަށްފަހު ޔާމީނަށް ޖާދޫގެ ކެންޑިޑެސީއެއް ލިބޭނެކަމުގެ ހުވަފެނުގަ އެވެ.

އިސްތިއުނާފުން ޔާމީންގެ ޖަލު ހުކުމް ބާތިލްނުކޮށްފިނަމަ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެކަން ގާނޫނީ ދެބަސްވުމެއް ނެތް މިންވަރަށް އެނގެ އެވެ. ވީއިރު އެކަން ގަބޫލު ނުކޮށް ޖާދޫއަކުން އެމަނިކުފާނަށް ކެންޑިޑެސީ ލިބޭނެ ކަމަށް ދެކުމަކީ ބޭކާރު ކަމެކެވެ.