އިދިކޮޅުން މަޖިލީހުގައި އިހްތިޖާޖު ކުރާތީ، އެޓަރނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި، މަޖިލިސް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑުއްވާލެއްވުމަށްފަހު، އަލުން ފަށައިފިއެވެ.

އަލުން މަޖިލިސް ފެށުމުން، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ފުރުސަތު ދިނުމުން، އޭނާ ވަނީ އެ މައްސަލަ ހުށަހަޅަން ދެކޮޅު ހައްދަވާފައެވެ. މައްސަލަ ހުށަހަޅުއްވަން ދެކޮޅު ހެއްދެވީ ދެ ފަހަރު ދެ ގޮތަށް އެޓަރނީ ޖެނަރަލް އަމަލު ކުރެއްވި ކަމަށް ވިދާޅުވެއެވެ.

އެ މައްސަލާގައި މަޖިލިސް ފްލޯ ވަނީ ނިޒާމީ އޮއިވަރެއްގެ ތެރޭގައެވެ.

https://twitter.com/hathavees/status/1665584139368644609?s=20

މަޖިލީހުގެ 13 މެމްބަރަކު ސޮއިކޮށް، ރިފްއަތާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް އިއްވަވައި ދިނުމަށް ރިޔާސަތަކުން އެތައް ފަހަރެއްގެ މަތިން އާދަމް ޝަރީފަށް ފުރުސަތު ދިނެވެ. ނަމަވެސް އޭނާ ވަނީ މައްސަލަ ހުށަނާޅުއްވައި، އޭޖީ ގާނޫނުއަސާސީއާ ހިލާފަށް އަމަލު ކުރި ސަބަބު އޮޅުންފިލުވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އާދަމް ޝަރީފު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭޖީ އެންމެ ފުރަތަމަ އެދިވަޑައިގަތީ ލިޔުމުން ޖަވާބުދާރީވާން ކަމަށާއި ނަމަވެސް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން ހުންނެވީ ކުރިން އަމަލު ކުރި ގޮތް ގޯސް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. މައްސަލަ ހުށަނާޅުއްވައި، އާދަމް ޝަރީފު އެގޮތަށް ވާހަކަ ދައްކަވާތީ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައި، އާދަމް ޝަރީފު އަމަލު ކުރައްވާ ގޮތް ކުށްވެރި ކުރައްވާފައެވެ.

ސަރުކާރު މެމްބަރުން ވިދާޅުވީ އާދަމް ޝަރީފު މައްސަލަ ހުށަނާޅުއްވައި، އެހެން ވާހަކަތަކެއް ދައްކަވާނަމަ، އެއީ މައްސަލަ ހުށަހަޅަން ބޭނުންނުވަނީ ކަމަށް ބަލައި، އެޖެންޑާގައި ދެން އޮތް ކަމަކާގެން ކުރިއަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް ރިޔާސަތުން ގެންދަވަނީ އާދަމް ޝަރީފަށް ފުރުސަތު ދެއްވައި، މައްސަލަ ހުށަހަޅުއްވުމަށް އެދިޑައިގަންނަވަމުންނެވެ.

މަޖިލީހުގެ ހެނދުނު ދަންފަޅި ނިންމާލަން ޖެހުނީ އާދަމް ޝަރީފަށް މައްސަލަ ހުށަހަޅަން ލިބުނު ފުރުސަތުގެ ބޭނުންނުހިފައި، އެހެންވާތަކެއް ދެއްކެވުމުން ނިޒާމީ އޮއިވަރެއްގެ ތެރޭގައި މަޖިލިސް ދިގުލައިގެންނެވެ.