ދެކުނު ކޮރެއާއަށް ޖައްސަން އުޅުނު އޭޝިއާނާ އެއާލައިންސްގެ އެމެޖެންސީ ފްލައިޓެއްގެ ދޮރު ހުޅުވި މީހަކު ހައްޔަރުކޮށްފިއެވެ.
ހުކުރު ދުވަހު، ދެކުނު ކޮރެޔާގެ ދާއިގު އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ޖެއްސި އިރު، ދޮރު ހުޅުވި ނަމަވެސް ފްލައިޓުގައި ތިބި 194 ފަސިންޖަރުން ވަނީ ސަލާމަތްވެފައެވެ.
ބައެއް ފަސިންޖަރުން ހޭނެތުނުއިރު އަނެއް ބަޔަކަށް ނޭވާލާން އުނދަގޫވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
އެއާލައިންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެމަޖެންސީ އެގްޒިޓްގައި އިށީނދެގެން އިން އުމުރުން 30 އަހަރުގެ ފިރިހެނަކު ދޮރު ހުޅުވީ މަތިންދާ ބޯޓު ބިމުން ގާތްގަނޑަކަށް 700 ފޫޓު (213 މީޓަރު) މަތީގައި ދަތުރުކުރަމުން ދަނިކޮށެވެ. މިއީ ސޯލްގެ ދެކުނުން، 240 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއަކަށް މަތިންދާބޯޓު ޖެއްސުމުގެ ގާތްގަނޑަކަށް ދެތިން މިނެޓު ކުރިން ހިނގި ހާދިސާއެކެވެ.
ނަމަވެސް އެ ކުންފުނީގެ އޮފިޝަލުން ބުނާ ގޮތުގައި މި ހާދިސާ ހިނގި ނަމަވެސް މަތިންދާބޯޓު ޖެއްސީ ރައްކާތެރިކަމާއެކުއެވެ. އެ ހާދިސާއާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ފުލުހުން ވަނީ ދާއިގު އެއާޕޯޓުން މީހަކު ހައްޔަރުކޮށްފައެވެ. ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެޖެންސީ ދޮރު ހުޅުވަން އެމިހާ މަސައްކަރްކުރީ ވަޒީފާ ގެއްލުމާއި ގުޅިގެން މާ ބޮޑަށް ސްޓްރެސްވުމުންނެވެ. އަދި ނޭވާ ހިއްލާތީވެ އަވަހަށް މަތިންދާބޯޓުން ނުކުންނަން ބޭނުންވާ ކަމަށް އެ މީހާ ހަވާލާދީ ޔޮންހަޕް ނިއުސް އެޖެންސީން ބުންޏެވެ.
https://twitter.com/AP/status/1662109585052692482
ފަސިންޖަރަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއިން ފެންނަ ގޮތުން އެމެޖެންސީ ދޮރުހުޅުވުން ގަދަ ވައިރޯޅިތަކުގެ އަސަރު ފަސިންޖަރުންނަށް ކުރެއެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ފްލައިޓް ޖެއްސުމަށް ތައްޔާރުވެފައި އޮތުމުން ފްލައިޓް އެޓެންޑެންޓުންނަށް އެ މީހާ ނުހުއްޓުވުނު ކަމށެވެ.
ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް ލޭންޑް، އިންފްރާސްޓްރަކްޗާ އެންޑް ޓްރާންސްޕޯޓް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭވިއޭޝަން ގާނޫނާ ހިލާފުވި މީހާގެ މައްސަލަ ފުލުހުންނާއި މިނިސްޓްރީން ވެސް ބަލަމުން އަންނަ ކަމަށެވެ. އެ ބަޔާނުގައި ވަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ބެހޭ ގާނޫނާ ހިލާފުވެފައިވާ ނަމަ ދައުވާކުރާނެއެވެ. އަދި ދައުވާ ސާބިތުވެއްޖެ ނަމަ އެ މީހާ އަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ދޮރު ހުޅުވުމަށްފަހު މަތިންދާބޯޓުން ފުންމާލަން މަސައްކަތްކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަދި މަތިންދާބޯޓު ބެލެހެއްޓުމުގައި އާދަޔާ ހިލާފު ކަމެއް ހުރިތޯ ބެލުމަށް އޭވިއޭޝަން ސޭފްޓީ ސުޕަވައިޒަރަކު ވެސް އެ ސަރަހައްދަށް ފޮނުވި އެވެ. އޭޝިއާނާ އެއާލައިންސް އިން ބުނީ އެ ފްލައިޓުގައި ޖުމްލަ 200 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި 194 ފަސިންޖަރުން ހިމެނޭ ކަމަށެވެ.