ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ފެށި މަސައްކަތް އެހެން ހަރުފަތަކަށް އެރީއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި ފެޑެރަލް ނިޒާމަކަށް ބަދަލުކުރަން ގޮވާލެއްވުމާ އެކު ފެޑެރަލް ނިޒާމެއްގެ ބަހުސް މިހާރު ފެށިއްޖެއެވެ.
ފެޑެރަލް ނިޒާމު ގެނައުމުގެ މައުޟޫއަކީ ދިވެހި ސިޔާސީ މަސްރަހަށް އާ މައުޟޫއެކެވެ. އެހެނަސް މިއީ ބަރުލަމާނީ ނިޒާމުގެ ގެނައުމުގެ މައްސަލާގައި ސަރުކާރާ މެދު އެމަނިކުފާނު އޮތް ސިޔާސީ ދެކޮޅުވެރިކަމުގެ ތެރެއަށް އެއްލާލި ޒާތެއްގެ "ޓައިމް ބޮމެކެވެ." އަބަދަކު ކާމިޔާބު ނުވިޔަސް ނަޝީދަކީ އަބަދުމެ، އެފަދަ މައުޟޫތައް ތައާރަފް ކުރައްވާ ބޭފުޅެވެ.
ފެޑެރަލް ނިޒާމަކީ ކޮބާ
ދުނިޔޭގައި މައިގަނޑު ގޮތެއްގައި ވެރިކަން ކުރާނީ ދެ ވައްތަރެއްގެ ނިޒާމަކަށެވެ. އެއީ ފެޑަރަލް ނިޒާމަކާއި ޔުނިޓަރީ ނިޒާމެވެ. ފެޑެރަލް ނިޒާމަކީ ސަރަހައްދީ ގޮތުން ގައުމު އެކި ބައި ބަޔަށް ބަހާލުމަށްފަހު އެއިން ކޮންމެ ސަރަހައްދެއްގައި ނުވަތަ ސްޓޭޓެއްގައި ވަކި ސަރުކާރުތަކެއް އުފެއްދުމާ އެކު އަދި ވަކިން މައި ސަރުކާރެއް އޮންނަ ނިޒާމެވެ. ނަމަވެސް ޔުނިޓަރީ ނިޒާމަކީ ރާއްޖޭގައި މިހާރު އޮންނަ ގޮތަށް މައި ސަރުކާރުގައި ދައުލަތް ހިންގުމުގެ ހުރިހާ ބާރުތައް އަބަދުމެ ގާއިމްވެފައި އޮންނަ ނިޒާމެވެ.
އެމެރިކާގައި އާއި އިންޑިއާގައި އެ އޮންނަނީ އެ ކިޔާ ފެޑެރަލް ނިޒާމެކެވެ. މިއީ ދިވެހިން ދަންނަ ލާ މަރުކަޒީ ނިޒާމާ ތަފާތު އެއްޗެކެވެ. އެމެރިކާގެ 50 ސްޓޭޓުން ކުރެ ކޮންމެ ސްޓޭޓެއްގައި ރައްޔިތުން އިންތިހާބުކުރާ ވަކި ސަރުކާރެއް އޮންނާނެއެވެ. ކޮންމެ ސްޓޭޓެއް ހިންގާނީ ރައްޔިތުން އިންތިހާބުކުރާ ގަވަރުނަރެވެ. ކޮންމެ ސްޓޭޓެއްގައި ގާނޫނު ހަދާ ވަކި މަޖިލިސްތައް ހުންނާތީ އެކި ސްޓޭޓްތަކުގައި ގާނޫނު ވެސް ތަފާތެވެ. އަސްކަރީ އަދި ހާރިޖީ އާއި ފައިސާ ޖެހުން ފަދަ މަދު ކަމެއް ފިޔަވައި މައި ސަރުކާރުގެ ބާރެއް ނޯންނާނެއެވެ. އިންޑިއާ ވެސް ހަމަ މިގޮތެވެ. ނަމަވެސް އެމެރިކާގެ ސްޓޭޓްތަކަށް ލިބޭހާ ބޮޑެތި ބާރުތަކެއް އިންޑިއާގެ ސްޓޭޓް ސަރުކާރުތަކަކަށް ނުލިބެއެވެ.
ރާއްޖެއަށް ފެޑެރަލް ނިޒާމެއް ގެނެސްފިއްޔާ ރާއްޖޭގެ 20 އަތޮޅުން ކުރެ ކޮންމެ އަތޮޅަކީ "ކުޑަ ސަރުކާރެއް"ކަމުގައި ހެދިދާނެއެވެ. ފަހަތުން ކޮންމެ އަތޮޅެއްގައި މަޖިލީހާއި ކޯޓުތައް އުފައްދައި މީހުން ލައިގެން އަދި އެކި އަތޮޅުތަކަށް އެކި ގާނޫނު ހިންގަން ފަށާނެއެވެ. ވީމާ ގއ. އަތޮޅުގައި ހުއްދަ ކަމެއް ލ. އަތޮޅުގައި މަނާވެދާނެއެވެ.
ފެޑެރަލް ނިޒާމަކުން ލިބޭނެ ފައިދާއެއް އެބައޮތްބާ
ފެޑެރަލް ނިޒާމުގެ ފައިދާއަކީ މައި ސަރުކާރަށް އެއްވެސް ކަމަކަށް ބަރޯސާވާން ނުޖެހި ސްޓޭޓް ސަރުކާރުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރެވޭނެއެވެ. ކުޑަޔަސް އަދި ބޮޑަސް މަޝްރޫއުތައް މައި ސަރުކާރުގެ ރުހުމެއް ނެތި ހިންގޭނެއެވެ. މަޝްރޫއުތައް ހިންގަން ސަރުކާރުގެ ހުއްދަ ބޭނުމެއް ނުވާނެއެވެ. ފައިސާ ހޯދަންވީ ގޮތަކަށް ހޯދޭނެއެވެ. އަދި މައި ސަރުކާރުގެ ބަޖެޓުގެ ކޮންމެވެސް މިންވަރެއް ސްޓޭޓް ސަރުކާރުތަކަށް ލިބޭނެއެވެ. ސިޔާސީ ގޮތުން ރައްޔިތުން އިތުރަށް ބާރުވެރިވާނެއެވެ. އެއީ ލާ މަރުކަޒީ ނިޒާމުގައި ނުލިބޭ ފަދަ ބޮޑެތި ބާރުތަކެވެ.
އެހެނަސް މި ނިޒާމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ވެސް ވަކި ކުޑައެއް ނޫނެވެ. ފެޑެރަލް ނިޒާމުގެ ގެއްލުމަކީ އިގްތިސާދީ އަދި އިޖްތިމާއީ ތަފާތުކުރުން ބޮޑުވުމެވެ. ސްޓޭޓްތަކުގެ މައްޗަށް މައި ސަރުކާރުގެ ބަހެއް ނުހިނގާތީ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން އެކި ސްޓޭޓްތަކުގައި އޮންނާނީ އެކި މިންވަރަށެވެ. ބައެއް ސްޓޭޓްތައް މުއްސަނދިވެފައި އަނެއް ބަޔަކު ފަގީރު ވެދާނެއެވެ. އިޖްތިމާއީ ގޮތުން ވަކި ސްޓޭޓެއް ދަށް ފެންވަރަށް ހިނގައިދާނެއެވެ. އެކި ނަސްލުތަކާއި ދީންތަކުގެ މީހުން އުޅޭނަމަ ތަފާތުކުރުން ބޮޑުވި ނަމަވެސް މައި ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ.
އެމެރިކާގައި 1960 ވަނަ އަހަރު ކަޅު ނަސްލުގެ ހަ އަހަރުގެ ކުއްޖަކު ސްކޫލަކަށް ގެންދަން މައި ސަރުކާރުގެ ފެޑެރަލް މާޝަލުން ދިޔައީ ދޮން ނަސްލުގެ ކުދިން ކިޔަވާ ސްކޫލުގައި އެ ކުއްޖާއަށް ރައްކާތެރިކަން ދޭން އެ ސްޓޭޓް ސަރުކާރުން އެއްބާރުލުން ނުދިނުމުންނެވެ. ނަސްލީ ތަފާތުކުރުން އެމެރިކާގައި މި ފެންވަރަށް މިއަދު ނެތެއް ކަމަކު އެކި ފެންވަރުގައި ތަފާތު ކުރުންތައް ސްޓޭޓްތަކުގެ މެދުގައި އޮވެއެވެ. އޭގެ މާނައަކީ ޔުނިޓަރީ ދައުލަތްތަކުގައި ތަފާތު ކުރުން ނޯންނަ ވާހަކައެއް ވެސް ނޫނެވެ. ނަމަވެސް ފެޑެރަލް ދައުލަތްތަކުގައި ތަފާތުކުރުން އިންތިހާއަށް ބޮޑީއެވެ.
މި ނިޒާމު ހިންގޭނެހާ ފައިސާ އާއި މީހުން އެބަތިބިތަ؟
ފެޑެރަލް ނިޒާމަކީ ދުނިޔޭގެ ވަރަށް ބޮޑެތި ގައުމުތަކުން އަދި އިގްތިސާދީ ގޮތުން ވަރަށް ކުރީގައި އޮންނަ ގައުމުތަކުން ގެންގުޅޭ ނިޒާމެކެވެ. އެއީ އެ ނިޒާމު ހިންގުމުގެ އަގު ބޮޑުކަމުންނެވެ. ކޮންމެ ސަރަހައްދެއްގައި ވަކި ސަރުކާރެއް ގާއިމްކޮށް އަދި ގާނޫނު ހަދާ މަޖިލިސްތަކަށް މީހުން ހޮވައިގެން އެ މީހުންނަށް މުސާރަ ދިނުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެކެވެ. އަމުދުން ރާއްޖެ ފަދަ ކުޑަ އިގްތިސާދެއް އޮންނަ ގައުމެއްގައި ކޮންމެ އަތޮޅެއްގައި ސަރުކާރެއް އޮންނަ އުސޫލުން 20 ސަރުކާރާއި މަޖިލީހާއި ކޯޓުތައް އުފައްދައިގެން އުޅުމަކީ ހަރަދުގެ ގޮތުން ކުރަން ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.
ޒަމާނުއްސުރެން މައި ސަރުކާރަކަށް ތަބާވެގެން އަދި މާލެއަށް އެންމެން ޖަމާވެގެން ތިބެފައި ކުއްލިއަކަށް ހުރިހާ އަތޮޅެއްގެ އަތްމައްޗަށް އަމިއްލަ ވެރިކަމެއް ކުރަން ދޫކޮށްލާއިރު، އެކަންކަން ކުރެވޭނެހާ ގާބިލް ބަޔަކާއި ވަސީލަތްތައް އެތަންތަނުގައި އެބަތިބިތޯ ވިސްނަން ޖެހެއެވެ. ފަހުން ކަންކަން ފާލުން ނެއްޓުނަސް މައި ސަރުކާރުގެ ބާރެއް ނޯންނާނެއެވެ.
ލާ މަރުކަޒީ ނިޒާމު ހިންގޭހާ "ފަސޭހައިން" ފެޑެރަލް ނިޒާމެއް ނުހިންގޭނެއެވެ. އަދި އެ ނިޒާމު ގޮތަށް މޮހޮނަށް އޮޑި ދޭ ގޮތަށް ބާރުތައް ދީފައި އަތުލުމުގެ ބާރެއް ފެޑެރަލް ނިޒާމުގައި ނޯންނާނެއެވެ. އެއީ މުޅި ނިޒާމު ލިޔެވި ކަނޑާ ނެގޭނީ ގާނޫނުއަސާސީންނެވެ. އަދި ގާނޫނުއަސާސީއަށް ބަދަލު ގެންނަން ސްޓޭޓްތަކުގެ ރުހުން ބޭނުންވާނެއެވެ. އިގްތިސާދީ ގޮތުން ކުރިއަރާފައި ވިޔަސް ޗައިނާ އާއި ރަޝިއާ އާއި ފްރާންސްގެ އިތުރުން ޖަޕާން އަދި ޖަރުމަން ފަދަ ގައުމުތަކުގައި ވެސް ޔުނިޓަރީ ނިޒާމު އަދިވެސް ދަމަހައްޓާ އެއް ސަބަބަކީ މިއީ ކަމުގައި ބުނެވެއެވެ.
ބަރުލަމާނީ ނިޒާމު ގޮތަށް ރާއްޖެއަށް ފެޑެރަލް ނިޒާމެއް ވެސް ގެނެވޭނީ ގާނޫނުއަސާސީއަށް މަޖިލީހުގެ ހަތަރު ބައި ކުޅަ ތިން ބައިގެ އަގްލަބިއްޔަތުން އިސްލާހު ގެނެސް އަދި މިކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރުހުން ދީގެންނެވެ. މިއީ ފެޑެރަލް ނިޒާމުގެ ބަހުސަކަށް ނުކުންނައިރު ރައްޔިތުން ވިސްނަން ޖެހޭ ކަންކަމެވެ.