އިންޑިއާގައި އެންމެ ގިނައިން ވަރިވަނީ ލޯބީގެ ކައިވެނީތައް ކުރާ މީހުން ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ބުނެފިއެވެ. މީގެ ކުރިން ވެސް އެ ކޯޓުން ވަނީ މީހުން، ހާއްސަކޮށް ޒުވާނުން އެއްބަސް ނުވާ އެތައް ވާހަކައެއް ދައްކައިފައެވެ. ކޯޓުން ދެއްކި ވާހަކަތަކާ އެކު ލޯބިގެ ކައިވެނިތަކާއި ބެހޭ ގޮތުން އިތުރު ބަހުސްތަކެއް ކުރެވިދާނެ ކަމަށް ބެލެވެއެވެ.

ސުޕްރީމް ކޯޓުން މިހެން ބުނެފައިވަނީ ކޯޓުގައި ބަލަމުން ދިޔަ ދެމަފިރިއެއްގެ ކައިވެނިއާ ގުޅުންހުރި މައްސަލައެެއްގައެވެ. އެ މައްސަލަ ބެލީ ބީއާރް ގަވައި އާއި ސަންޖޭ ކަރޯލް ނަމަކަށް ކިޔާ ދެ ފަނޑިޔާރުންގެ ޓީމަކުންނެވެ. ވަކީލު ކޯޓުގައި ވިދާޅުވީ މައްސަލަ ޖެހުނު ދެމަފިރިން ކޮށްފައިވަނީ ލޯބީގެ ކައިވެންޏެއް ކަމަށެވެ.

"އެންމެ ގިނައިން ވަރިވަނީ ލޯބީގެ ކައިވެނިކުރާ މީހުން" ފަނޑިޔާރު ގަވައި ވިދާޅުވިއެވެ.

ކޯޓުން ވަނީ އެ ދެމަފިރިންގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުކޮށްފައެވެ.

މިމަހުގެ ކުރީކޮޅު އިންޑިއާގެ އެންމެ މަތީ ކޯޓުން ބުނެފައިވަނީ ގާނޫނު އަސާސީގެ 142 ވަނަ މާއްދާގެ (1) ގެ ދަށުން ކައިވެންޏެއް މުޅިން ރޫޅިއްޖެ ނަމަ ވަރިކުރުމުގެ ބާރު އެ ކޯޓަށް ލިބިގެންވާ ކަމަށެވެ. މިކަން ކުރެވޭނީ ކައިވެނީގެ ދެ މީހުން ވެސް އެއްބަސްވެއްޖެ ނަމަ ނުވަތަ އެންމެ މީހަކު ބޭނުންވިޔަސް އެވެ.

ފަނޑިޔާރު އެސްކޭ ކައުލް އިސްވެ ހުންނަވާ ފަސް ފަނޑިޔާރުންގެ ގްރޫޕަކުން ވިދާޅުވީ ކައިވެންޏަކީ "މުޅިން ވެސް މަސައްކަތް ނުކުރެވޭ، ސަލާމަތް ނުކުރެވޭ ވަރުގެ ކައިވެންޏެއްކަން ސުޕްރީމް ކޯޓަށް މުޅިން ޔަގީންވާން ޖެހޭނެ" ކަމަށެވެ. އެހެންކަމުން ކައިވެނި ނިމުމަކަށް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވިއެވެ.

[caption id="attachment_51453" align="alignnone" width="666"] އިންޑިއާގެ ސުޕްރީމް ކޯޓު[/caption]

އަދި ކައިވެންޏެއް މުޅިން ރޫޅިފައިވާކަން ކަށަވަރު ކުރުމަށް ޓަކައި ހަގީގަތް ބަލައި، ޝައްކެއް ނެތް މިންވަރަށް އެކަން ސާބިތުކޮށްދޭން ޖެހޭ ކަމަށް ވެސް ކޯޓުން ބުންނެވެ. ކައިވެންޏަށްފަހު ދެމަފިރިން އެކުގައި އުޅުނީ ކިހާ ދުވަހެއްތޯ އާއި އެންމެ ފަހުން އެކުގައި އުޅުނީ ކޮން އިރަކުތޯ އާއި އެކަކު އަނެކަކާއި އާއިލާއާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ކޮބައިތޯ އެ މީހުން ބަލަ އެވެ.
ވަރިގެ މައްސަލަތައް އަޑުއެހުމުގައި ކޯޓުން ބަލާ އެހެން ކަންކަން:

ގާނޫނީ މައްސަލަތަކުގައި ނިންމާ ނިންމުންތައް
ދެމަފިރިންގެ ގުޅުމަށް ކުރާ ޖުމްލަ އަސަރު
ދެމަފިރިންގެ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވުމަށް ކޯޓުން ނުވަތަ މެދުވެރިޔަކު ކިތައް ފަހަރު މަސައްކަތް ކުރީ؟
އެންމެ ފަހުން އެހީވާން މަސައްކަތް ކުރި ފަހަރު

މުޅި ދުނިޔޭގައި ވެސް ވަރިވާ ނިސްބަތް އެންމެ ދަށް ގައުމަކީ އިންޑިއާއެވެ. އިންޑިޔާގެ ކޮންމެ 100 ކައިވެންޏަކުން އެންމެ ކައިވެންޏެއް ވަރިއަށް ނިމިގެންދާއިރު، މިއީ 50 އިންސައްތަ ކައިވެނި ރޫޅެން މެދުވެރިވާ އެމެރިކާއަށް ވުރެ ވަރަށް ދަށް އަދަދެކެވެ. މީގެ ދިހަ ވަރަކަށް އަހަރު ކުރިން އިންޑިޔާގައި މި ނިސްބަތް މިއަށްވުރެ ވެސް ދަށްވެފައިވާއިރު، ކޮންމެ 1000 ކައިވެންޏަކަށް ވަރިކުރަނީ އެންމެ 7.40 ވަރިއެވެ. ސިޓީތަކާ އަޅާބަލާއިރު އިންޑިއާގެ އަވަށްތަކުގައި ވަރިވާ ނިސްބަތް މިއަށްވުރެ ވެސް ދަށެވެ.