ސަރުކާރުން އަލުން ކަނޑައެޅި ސިޔާސަތުގެ ދަށުން، ހިޔާ ފްލެޓުތަކުގެ ކުލި ކުޑަނުކުރާ ކަމަށާއި ސަރުކާރުން ހަމަޖެއްސީ ކުލި ދެއްކުމަށް ލުއި ގޮތްތަކެއް ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ކުއްޔަށް މިހާރު ދައްކަމުންދާ 7،500 ރުފިޔާގެ ބަދަލުގައި ދެން ދައްކަންޖެހޭނީ 5،300 ރުފިޔާ ކަމަށެވެ.

"ތަކުރާރުކޮށް ދަންނަވާލަން މިއަދު މި އިއުލާން ކުރަނީ ހިޔާ ފްލެޓުގެ ކުލި ދެއްކުމަށް ލުއި ހޯދައިދިނުމަށް. ކުލި ކުޑަކުރަނީއެއް ނޫން. ކުލި ދެއްކުމުގައި ލުއި ގޮތެއް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިދެއްވީ،" އަކްރަމް ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގެ މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަންޖެހޭ 1،000 ރުފިޔާއާ އެކު ކޮންމެ މަހަކު ފްލެޓެއްގެ ކުއްޔަށް 8،500 ރުފިޔާ ދައްކަންޖެހެއެވެ. އަލުން ގެނައި ބަދަލާ އެކު ދެން ދައްކަންޖެހޭނީ 6،300 ރުފިޔާއެވެ. އެއީ މެއިންޓެނެންސް ފީ ހިމަނައިގެންނެވެ. ހިޔާގެ ކުއްޔަށް ގެނައި ލުއި ދެމި އޮންނާނީ ހަތް އަހަރުގެ ދުވަހަށެވެ. ހަތް އަހަރަށްފަހު، އަނެއްކާވެސް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 8،500 ރުފިޔާއެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ސަރުކާރުން ކުޑަކުރަން ނިންމީ އެތަންތަނުގެ ފިނިޝިންގެ މަސައްކަތަށް އާންމުން ބޮޑު ހަރަދެއްކޮށްފައިވާތީއެވެ. ސަރުކާރުން އަންދާޒާ ކުރާ ގޮތުން ކޮންމެ ފްލެޓަކަށް ފިނިޝިންގެ މަސައްކަތް 100،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ހަރަދުކޮށްފައިވެއެވެ.

ފިނިޝިންގެ މަސައްކަތް ނިންމުމަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ހަތް މަސް ސަރުކާރުން އޭރު ދީފައިވެއެވެ.