ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު ބައެއް ސިޔާސީ ޕާޓީތަކުން އުޅެނީ ވާދަކުރުމާމެދު ގޮތެއް ނުނިންމިގެންނެވެ. ނަމަވެސް ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން އުޅެނީ އެ ޕާޓީތަކާ އެތައް ފިޔަވަޅެއް ކުރީގައެވެ. ޕްރައިމަރީ ނިމުނުތަނާ އެކު އެމްޑީޕީން ތައްޔާރުޗަމުންދަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށެވެ. ޕާޓީގެ ފިކުރު ދެކަފިވެފައި ވިޔަސް، އަމާޒު ހުރީ ދެ ވަނަ ދައުރެއް ހޯދުމަށެވެ.

ނިމިދިޔަ ހަފްތާ ބަންދުގައި އެމްޑީޕީން ވަނީ ރާއްޖޭގެ އުތުރަށާއި ދެކުނުގެ ރަށްތަކަށް ޒިޔާރަތްކޮށްފައެވެ. އެގޮން ހއ. ގެ 14 ރަށަކަށާއި ގދ. ގެ ނުވަ ރަށްރަށަށް ދަތުރުކޮށްފައެވެ.

މި ދަތުރުގެ ފޮޓޯތައް މިދިޔަ ހަފްތާ ބަންދުގައި ސޯޝަލް މީޑިއާގައި އެމްޑީޕީން ވަނީ އާންމުކޮށްފައެވެ. އެ ދަތުރުތަކަކީ މެނިފެސްޓޯ އެކުލަވާލަން ކުރި ދަތުރެއް ކަމެއް، ނުވަތަ ފެންޝަންގެ ކޯޅުން ކުޑަކުރަން ކުރި ދަތުރެއް ކަމެއް އެމްޑީޕީއަކުން ރަސްމީކޮށް ސާފުކޮށެއް ނުދެއެވެ.

https://twitter.com/MDPSecretariat/status/1634545512849506304

މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ އިހަވަންދޫ މެމްބަރުގެ މުހައްމަދު ޝިފާއު "ހަތާވީސް" އަށް ވިދާޅުވީ ރަށްރަށަށް ކުރާ ދަތުރުތަކުގެ ބޭނުމަކީ ޕާޓީއާ އާއްމު މެމްބަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަށެވެ. އެއީ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

https://twitter.com/MDPSecretariat/status/1634526381903314944

"ރިޔާސީ އިންތިހާބަށް ކުރިމަތިލާއިރު ވަކި ވަކި ރަށްރަށުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭ މުހިއްމު ކަންތައް ހޯދުން" ހަފްތާ ބަންދުގައި ހުވަދު އަތޮޅު އުތުރުބުރިއަށް ކުރި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ޝިފާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދަތުރުތަކަކީ އާއްމު މެމްބަރުންގެ ޝުއޫރު ފާޅުކުރުމަށް ލިބޭ ފުރުސަތަކަށްވުމުން ގިނަ ބަޔަކު އެކަން ބަލައިގަންނަ ކަމަށެވެ.

"ރަށްރަށުން ފެނުނީ ސަރުކާރާ ދެތެރޭ ވަރަށް ޕޮޒިޓިވްކޮށް. މިއިން ކޮންމެ ރަށެއްވެސް އެ ރަށެއްގެ ރައްޔިތުން ފާހަގަކުރޭ މިއިން ޒަމާނެއްގައި ނުހިންގޭ ވަރުގެ އުމްރާނީ ތަރައްގީ ހިންގާފައިވާކަން މި ދައުރުގައި" މި ސަރަކާރުން އަތޮޅު ތެރެއަށް ދޭ އަހައްމިއްޔަތު ފާހަގަކުރައްވަމުން ވިދާޅުވިއެވެ. ބައެއް ރަށްރަށުގައި މަޑުޖހެިފައި ހުރި މަޝްރޫއުތަކާއި ގުޅޭ ގޮތުން ދަތުރުގައި މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.

https://twitter.com/MDPSecretariat/status/1634548277608853506

"ހުރިހާ ރަށެއްގައިވެސް ފާހަގަކުރެވުނީ ކުރިއަށް އޮތް އިންތިހާބަކީ 2018 ވަނަ އަހަރު ރައީސް ސޯލިހަށް ލިބުނު ވޯޓަށްވުރެ ރަނގަޅު ނަތީއްޖާއެއް ނެރޭނެކަން ކޮންމެ ރަށެއްގައި ތިބި އެ ރަށުގެ ރައްޔިތުން އެބަ ބުނޭ" ޝިފާއު ވިދާޅުވިއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ދަތުރުތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ޕާޓީން ރަށްރަށަށް ދަތުރުނުކުރެވި އޮތުމުން ފެށި ކަމެއް ކަމަށެވެ. އަންނަ ހަފްތާ ބަންދުގައި އިތުރު ހަތަރު އަތޮޅަކަށް ދަތުރުކުރަން ވަނީ ހަމަޖެހިފައެވެ. ދަތުރުތަކުގައި ބައިވެރިވަނީ މަޖިލީސްގެ މެމްބަރުންގެ އިތުރުން ދާއިރާގެ ރައީސުންނެވެ. އެކި ޓީމުތަކަށް ބަހަލައިގެންނެވެ.

https://twitter.com/MDPSecretariat/status/1634527512679305216

"ރަށްރަށުގައި ތިބި ބޭފުޅުން ޕާޓީގެ ކަންތައްތައް ބަދަލުވަމުންދާ ގޮތާއި ގުޅޭ ގޮތުން ކަންކަން އޮޅުން ފިލުވާ. ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ބެހޭ ގޮތުންވެސް ރަށްރަށުން ވާހަކަ ދެއްކި،" އިބުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަށްރަށަށް ދަތުރުކުރި ޓީމްތަކުން ލިބުނު މައުލޫމާތުތައް މި ހަފްތާ ތެރޭގައި ޗެއާޕާސަންއާ ހިއްސާކުރާނެ ކަމަށެވެ.

އިންތިހާބުތަކަށް ފަރިތަ އެމްޑީޕީއަކީ އަބަދުވެސް އެ ޕާޓީގެ މެމްބަރުންގެ ހިޔާލާ މަޝްވަރާ ހޯދައިގެން ކަންކަން ކުރަމުންދާ ޕާޓީއެކެވެ. އެ ޕާޓީން ދެކޭ ގޮތުގައި ހެޔޮ ވެރިކަމެއް ކުރެވޭނީ ރައްޔިތުން ބައިވެރިކޮށްގެންނެވެ. ބައެއް ކަންތައްތަކުގައި ހިޔާލުތަފާތުވި ނަމަވެސް ޕާޓީން މަސައްކަތްކުރަނީ އެކަންކަމަށް ހައްލެއް ހޯދައިގެން އެންމެން އެކައްޗެއް ކިޔައިގެން ކުރިއަށް ގެންދެވޭތޯއެވެ.