"އަހަންނަށް އެންމެ ފުރަތަމަ ނޭނގުނު ކިހިނެއް ކަމެއް ވަނީ، އަހަރެން ދުވެފައި ދިޔައީ ދޮރާ ދިމާއަށް، ހިނގައިގަތީ އިމާރާތުން ސަލާމަތްވާން، އަހަރުމެންގެ ގެ ވެއްޓުނީ، އަލަމާރިއެއް ވެއްޓި އަހަރެން ކަކުލަށް އަނިޔާވީ،" ސްުކޫލުގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ ގުލްހާން އޭނާގެ ވާހަކަ ފެށީ މި ހިސާބުންނެވެ.

ތުރުކީވިލާތަށް ބިންހެލުމެއް އައިތާ ނުވަ ދުވަސް ވީއިރުވެސް، އަދިވެސް ކުރިއަށް ދަނީ މީހުން ހޯދުމުގެ މަސައްކަތެވެ.

"އަހަރެން ހީކުރީ އަހަރެން މަރުވާނެކަމަށް، ބޭރަށް ނުކުތުމަކީ ނާދިރު ކަމެއް ކަމަށް، ޖާގަ ވަރަށް ކުޑަ، ނޭވާލާން އުނދަގޫވި، އަދިވެސް މި އުޅެނީ ކޭއްސާތީ ފުއްޕާމޭގައި ކުނި ތައްލާފައި ހުރުމުން،" ތުރުކީގެ ދެކުނުގައި ހުންނަ އުސްމާނިޔޭގެ ސްޓޭޓް ހޮސްޕިޓަލެއްގައި ހުރެ އަލްޖަޒީރާއާ ވާހަކަ ދައްކަމުން އުމުރުން 17 އަހަރުގެ ގުލްހާން ކިޔައިދިނެވެ.

ގުލްހާން ބުނީ "ކޮންތާކު ތި އުޅެނީ" ކިޔާ މަންމަ ހަޅޭއްލަވާ އަޑު އިވޭ ކަމަށެވެ. އެކަމަކު އިމާރާތުގެ އަޑީގައި ތާށިވެފައި އޮތުމުން ގަލްހާންގެ އަޑެއް މަންމައާ ހަމަޔަށް ނުފޯރިއެވެ. އޭނާ ތާށިވެފައި ހުރިކަން އަންގަންވެގެން ގާގަޑަކުން ދޮރުގައި ތަޅަމުން ދިޔަ ކަމަށް ގުލްހާން ބުންޏެވެ.

[caption id="attachment_47807" align="aligncenter" width="770"] ބިންހެލުމުގައި ގުލްހާންގެ ގެ ވަނީ ބިމާ ހަމަވެފައި[/caption]

ބިންހެލުމުގެ އާފްޓާޝޮކްތަކުގެ ސަބަބުން މީހުން ތިބީ ހާސްކަމެއްގެ ތެރޭގައެވެ. އެހެންވެ ގަލްހާންއަށް އެހީގެ އަތެއް ދިއްކޮށްލެވޭނެ މީހެއް ނެތެވެ. ލިބުނު އަނިޔާތަކުގެ ސަބަބުން ގަލްހާންގެ މަންމަގެ ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާ ލިބިފައެވެ. "އެއީ ބުޅަލަކަށްވެސް ނުވަދެވޭހާ ހަނި ތަނެއް" އޭނާ ސަލާމާތްވި ގޮތް ކިޔައިދިނެވެ.

"އަލިކަމެއް ނެތް. ހަމައެކަނި ހުރީ ފޯނުގެ އަލިކަން ސަލާމަތްކުރާ މީހުން ފްލޭޝްލައިޓަކުން ދިޔައީ އަލިކުރަމުން"

ގުލްހާން ކިޔަދިން ގޮތުގައި އެ ވަގުތު އޭނާއަށް އިހުސާސް ކުރެވުނީ އެ ތަނުގެ ދަށުގައި އެތައް އަހަރެއް ވަންދެން ތާށިވި ކަމުގެ އިހުސާސްތައް ކަމަށެވެ. "މަންމައާ މެދު ވިސްނަމުން ދިޔައީ، ކެންސަރު ޖެހިފައިވާތީ އާއި މަންމައާ މެދު އަހަރެން ކަންބޮޑުވާތީ" އޭނާ ބުންޏެވެ.

ސަލާމަތްކުރަން ދިޔަ މީހުންނަށް ކުނިތަކުގެ ދަށުގައި އޮތް ގަލްހާން ސަލާމަތް ކުރަން އުނދަގޫވުމުން އޭނާ ނެރެން ޖެހުނީ ކުޑަ ވަޅެއް ކޮނެގެންނެވެ. އެވަގުން ގުލްހާންގެ ފައި އޮތީ ތާށިވެފައެވެ.

"އެ ވަގުތުން އަހަރެން ހިތާ ހިތާ ކިޔަމުން ދިޔައީ މިކަން މި ނިމެނީއޭ. އަހަރެން ސަލާމަތްވާނެޔޭ،" އިހުސާސްތައް ހިއްސާކުރަމުން ބުންޏެވެ. ގުލްހާން ދިޔައީ ސަލާމްތަކުރަން އައި މީހުންނަށް އޭނާ ތާށިވެފައި އޮތް ތަނުގެ ހާލަތު ކިޔައިދެމުންނެވެ. އެންމެ ފަހުން ގަލްހާން ސަލާމަތްކުރެވެނީ އަލަމާރީއެއް ކީހާލައިގެންނެވެ. "ހަތަރު ގަޑިއިރު ވަންދެން އެތަނުގެ ދަށުގައި އަހަރެން ހުރީ ތާށިވެފައި. ވަރަށް ވޭނުގައި" އޭނާ ބުންޏެވެ.

ގުލްހާން ބުނި ގޮތުންނަމަ ފުލުހުން އޭނާ ގޮވައިގެން އެކި ހޮސްޕިޓަލްތަކަށް ދިޔަ ނަމަވެސް އެތަންތަން ހުރީ ބިންހެލުމުގެ ސަބަބުން ވެއްޓިފައި ނުވަތަ ގެއްލުންވެފައެވެ.

"ތިން ހަތަރު ހޮސްޕިޓަަކަށް ގެންދިޔަ އަދި އެންމެ ފަހުން އަހަރެން މިތަނަށް އައީ"

ބިންހެލުމުގައި ގަލްހާންގެ ކަކުލާއި ފަލަމަސްގަނޑުގެ ބައެއް ވަނީ ފަޅައިގެން ގޮސްފައެވެ. އެހެންވެ ޑޮކްޓަރުން ވަނީ އޭނާގެ އޮޕަރޭޝަނެއް ކުރަން ނިންމާފައެވެ.

"މިހާރުވެސް ހީވެ ބޮޑު ބިންހެލުމެއް އަންނާނީހެން. އެހެންވެ ވަރަށް ބިރުގަނޭ" އިންޓަވިއު ނިންމާލަމުން ބުންޏެވެ.