"ފާއިތުވި ފަސްވަރަކަށް ދުވަހު ނިދާނެ ވަގުތެއް ނުލިބޭ އަރާމުކުރާނެ ވަގުތެއްވެސް ނުލިބޭ،" ސީރިޔާގެ އިދްލިބް ޕްރޮވިންސްގެ ވަރުކުޝް ސިޓީގައި ހުންނަ އަލް ރަހްމާ ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ އަހްމަދު ގަންދޫރު ހާލަތު ބަޔާންކޮށްދެއްްވަމުން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލު ފުރާލާފައިވަނީ ބިންހެލުމުގައި މަރުވި މީހުންނާއި ޒަހަމްވި މީހުންނާއެކުއެވެ. އެކަމަކު އެތަނުގައި މަސައްކަތް ކުރަނީ މަދު މުވައްޒަފުންތަކެކެވެ. އެހެންވެ އުދަނގޫ ނިންމުންތައް ނިންމަން މަޖުބޫރުވި ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ކޮލެރާ އާއި ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމާއި ހައިޕޯތާމިއާ ނުވަތަ ފްރޮސްޓްބައިޓް ފަދަ ބަލިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހުޅަނގު އުތުރު ސީރިއާގެ ހޮސްޕިޓަލްތަކަށް 2011 ވަނަ އަހަރު ފެށިގެން ހަނގުރާމަވެރިން ތަކުރާރުކޮށް ދިން ހަމަލާތަކުގެ އެތަންތަން ހުރީ އަސާސީ ހިދުމަތްތައް ދެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ.
އދ.ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ސަރަހައްދަކީ ގާތްގަނޑަކަށް 4.4 މިލިއަން މީހުން ދިރިއުޅޭ ސަރަހައްދެކެވެ. އާބާދީގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުންނަކީ އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނެވެ.
ބައިނަލްއަގްވާމީ މުޖުތަމައު ކޮބައި ހެއްޔެވެ؟
ބިންހެލުން އައިތާ ހަތް ދުވަސް ވެފައިވާއިރު، އެ ޕްރޮވިންސަށް އަދިވެސް އެންމެ އެކަށީގެންވާ އެހީތަކެއް ނުލިބޭ ކަމަށް ދަނީ ބުނަމުންނެވެ. ޕްރޮވިންސަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ.އަށް ދަނީ ޕްރެޝަރު ބޮޑުވަމުންނެވެ.
މިދިޔަ ހުކުރު ދުވަހު އދ.ގެ އެހީގެ 14 ލޮރީއެއް ވަނީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދަށް ގޮސްފައެވެ. އެކަމަކު އެއީ ބިންހެލުން އައުމުގެ މާ ކުރިން ފޯރުކޮށްދޭން ހަމަޖައްސާފައިވާ އެހީ ތަކެކެވެ.
ޑރ ގަންދޫރު ވިދާޅުވީ ބިންހެލުމުގެ ސަބަބުން، ހަނގުރާމަ ފެށުނީއްސުރެ އޭނާއަށް ފެނުނު އެންމެ ނުރައްކާތެރި ހާލަތު އުފެދިފައިވާ ކަމަށެވެ. އދ އާއި ބައިނަލްއަގުވާމީ މުޖުތަމައުން އެހީ ފޯރުކޮށްދިނުން އަވަސް ނުކޮށްފިނަމަ މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައިނަލްއަގްވާމީ މުޖުތަމައުން އަޅުގަނޑުމެންނަށް މީހުން ނެރުމާއި އެހީގެ އޮޕަރޭޝަންތަކުގައި އެހީތެރިކަން ފޯރުކޮށްނުދިނުމަކީ އަޅުގަނޑުމެންނަށް ދިމާވެފައިވާ ހިތާމަވެރި ހާދިސާ އިތުރުވާ ބޮޅެއް،" އޭނާ ވިދާޅުވިއެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ މި ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އިދްލިބް ޕްރޮވިންސްގެ އަލް ޝިފާ ހޮސްޕިޓަލުގެ ނާސިން ޑިޕާޓްމަންޓުގެ ހެޑް ހައިތަމް ދިއާބް ވިދާޅުވީ ކާބޯތަކެއްޗާއި ސިއްހީ ސާމާނު މަދުވެ ފިނި ހޫނުމިނުގައި ދިރިއުޅެން މަސައްކަތްކުރާ މީހުންގެ މެދުގައި މާޔޫސްކަން އިތުރުވަމުންދާ ކަމަށެވެ.
"ބިންހެލުމާ ގުޅިގެން އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހުނު އަނިޔާތަކުގެ ސަބަބުން މެޑިކަލް ސްޓާފުންނަށް ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެއްޖެ." ހައިތަމް ވިދާޅުވިއެވެ.
ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ވާ ސަރަހައްދުތަކުގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ބޭކަރީތަކަށް ސަރުކާރުގެ ސިފައިން ތަކުރާރުކޮށް ހަމަލާތައް އަމާޒުކުރަމުންދެއެވެ. އެހެންވެ ދިމިޝްގަށް ލިބުނު އެއްވެސް އެހީއެއް އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ހަމަހަމަކަމާއެކު ބެހުމުގެ ފުރުސަތު ދޭނެ ކަމަށް ނުބެލެވޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ބާބް އަލް ހައްވާ ހޮސްޕިޓަލްގެ މެނޭޖަރު ޑރ. ޝަކީރު އަލް ހާމިޑޯ ވިދާޅުވީ ހޮސްޕިޓަލްތަކަށް ބޭހާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މެނޭޖްމަންޓް ޓީމުން ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީ (އެސްއޭއެމްއެސް) އާ ގުޅުނީ އިތުރު މެޑިކަލް ސާމާނު ހޯދުމަށް އަވަސް އެދުމަކާ އެކު، އެންމެ ފަހުން އަޅުގަނޑުމެންނަށް ބައެއް ލިބުނީ، ޒަހަމްވި ބައެއް މީހުންނަށް ފަރުވާ ދޭން ފެށީ." އޭނާ ވިދާޅުވިއެވެ.
ބިންހެލުމުގެ ސަބަބުން ސީރިޔާއިން 3000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ދަނީ އަދިވެސް ކުރިއަށެވެ.