މިދިޔަ ހަފްތާގައި ސީރިޔާއަށާއި ތުރުކީއަށް އައި ބާރުގަަދަ ބިންހެލުމުގައި އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ބައެއް މީހުން އަދިވެސް ހޯދާ ނުފެނެއެވެ. ތުރުކީގެ ހަތައިސްޕޯރާ ފުޓްބޯޅަ ކްލަބަށް ކުޅޭ ގާނާގެ ކްރިސްޓިއަން އަޓްސޫ އަކީވެސް ނުފެނިގެން ހޯދަމުން ދިޔަ އެކަކެވެ. އެ ވާހަކަ މީޑީއާގައި ތިލަވިތާ މާ ގިނަ އިރުތަކެއް ނުވަނީސް އޭނާ ނިސްބަވްތާ ކްލަބާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އިމާރާތެއްގެ ދަށުން ދިރިހުއްޓާ އަޓްސޫ ސަލާމަތްކޮށްފައިވާ ކަމަށެވެ.
އެކަމަކު މާ ގިނަ އިރުތަކެއް ނުވަނީސް އަނެއްކާވެސް އޭނާގެ ކްލަބުން ބުނީ އަޓްސޫ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ފެނުނު ވާހަކަ ދޮގުކުރިއެވެ. ނަމަވެސް އޭގެ 24 ގަޑިިއިރު ފަހުން އަޓްސޫ ފެނިފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންގެސް ފަރުވާދެމުންދާ ކަމަށް ކްލަބުގެ އިސް މީހުންނާ ހަވާލާދީ ރިޕޯޓްތައް ބުންޏެވެ. އެ ވާހަކަ ރިޕޯޓްކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އަޓްސޫގެ އޭޖެންޓް ނާނާ ސެޗެރޭ ބުނީ އަޓްސޫ ހުރި ތަނެއް އަދި ނޭނގޭ ކަމަށެވެ.
"އަހަރެބް މިވަގުތު ހުރީ އިސްތަންބޫލްގައި. ހާލަތު އަދިވެސް އޮތީ އެގޮތަށް، އަޓްސޫ އަދިވެސް ނުފެނޭ. އަޓްސޫ ފެނުމުން ނޫނީ، ނުވަތަ އޭނާއާ ވާހަކަ ދައްކައިގެން ނޫނީ އިތުރު އަޕްޑޭޓެއް ނެތް،" ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި އަޓްސޫގެ އެޖެންޓު ބުނެފައިވެއެވެ.
"އިއްޔެ [އަންގާރަ ދުވަހު] ކްލަބުން އަޓްސޫ ދިރިހުއްޓާ ފެނުނު ކަމަށް ނެރުނު އަޕްޑޭޓަށް ފަހު، އޭނާ އުޅޭ ތަނެއް އަދި ޔަގީން ނުކުރެވޭ. ތިޔަ ބޭފުޅުންނަށް އެނގޭނެ ފަދައިން، މިއީ އޭނާގެ އާއިލާއަށް އަދިވެސް ވަރަށް ބޮޑު ހިތްދަތި ވަގުތެއް، ކްރިސްޓިއަން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން މިދަނީ،" އެޖެންޓު ބުންޏެވެ.
ސެޗެރޭ ސީއެންއެންއަށް އަންގާރަ ދުވަހު ދިން އިންޓަވިއުއެއްގައި ބުނީ އަޓްސޫ އޮތީ ހޮސްޕިޓަލުގައި ހުރި ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށް ހަތައިސްޕޯރުން ރަސްމީކޮށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
"އަހަރެން ދިން ކޮންމެ އަޕްޑޭޓަކީ ކްލަބާއި އިސްތަންބޫލްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓާއި ގާނާ ކޮންސިއުލޭޓާއި ހެލްތު މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަދި ތުރުކީ ފުޓްބޯލް ފެޑެރޭޝަނާ އެކު ކުރެވުނު މުއާމަލާތްތަކުން ލިބުނު އަޕްޑޭޓެއް،" ބުރާސްފަތި ދުވަހު ސީއެންއެންއަށް ފޮނުވި ވަޓްސްއެޕް މެސެޖެއްގައި ސެޗެރޭ ބުންޏެވެ.
އަންކާރާގައި ހުންނަވާ ގާނާއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފްރާންސިސްކާ އަޝީތޭ-އޮޑަންޓަން ބުރާސްފަތި ދުވަހު ސީއެންއެންއަށް ވިދާޅުވީ އުމުރުން 31 އަހަރުގެ އަޓްސޫ ހޯދުމުގެ މަސައްކަތް ކުރިއަށްދާތީ އޭނާ އުޅޭ ތަނެއް އެމްބަސީއަށް ނޭނގޭ ކަމަށެވެ.
"އަންގާރަ ދުވަހު މިތަނުގެ [ތުރުކީގެ] ފޮރިން މިނިސްޓްރީން އަޅުގަނޑަށް އެންގީ އަޓްސޫ ފެނި ސަލާމަތްކުރިކަން ކަށަވަރުކުރަން ބޭނުންވާ ކަމަށާއި މެޑިކަލް ސެންޓަރަކަށް ފޮނުވާފައިވާ ކަމަށް. އެހެން ނަމަވެސް މި ހާލަތުގައި ވިސްނޭ ހުރިހާ އޮޅުމެއްގައި ވެސް އޭނާ ފޮނުވީ ކޮން ހޮސްޕިޓަލަކަށް ނުވަތަ ސިއްހީ މަރުކަޒަކަށް ކަމެއް އަދި ޔަގީނެއް ނުވޭ،" އަޝީޓޭ-އޮޑަންޓަން ވިދާޅުވިއެވެ.
"މިދިޔަ ބުދަ ދުވަހު އަނެއްކާވެސް ފޮރިން މިނިސްޓްރީން އަޅުގަނޑަށް ޔަގީންކަން ދީފައި އޮތީ އޭނާ ފޮނުވީ ކޮން ފެސިލިޓީއަކަށްތޯ ބެލުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވީހާވެސް އަވަހަކަށް އަންގާނެ އަޅުގަނޑު ބުނިން އަޅުގަނޑު ބޭނުމޭ އޭނައާ ބައްދަލުކުރަން." އެމްބެސެޑަރު ވިދާޅުވިއެވެ.
ތުރުކީ އާއި ސީރިއާއަށް މިދިޔަ ހޯމަ ދުވަހު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުގައި މިހާތަނަށް 19،000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ.