އެމްޑީޕީއަށް މިހާ ހިސާބަށް އާދެވުނީ ގިނަ ދުވަހެއްގެ ބުރަ މަސައްކަތުން ކަމަށާއި، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީ ވެރިކަމަށް ގެނެސް ސަރުކާރެއް އެކުލަވާލަން ލިބޭ ފުރުސަތު ދޫކޮށްނުލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަޕޯޓަރުންގެ ގާތުން އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނު ނިންމަން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ މި ދައުރު ތެރޭގައި ސަރުކާރުން ނިންމާފައިވާ ބައެއް މަޝްރޫއުތަކާއި އަދި ކުރިއަށް އޮތް ތަނުގައި ނިންމަން ހަމަޖެހިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
މި ވަގުތު ސަރުކާރުން 83 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ. އަދި 139 ރަށެއްގައި ފެނާ ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއު ކުރިއަށްދާއިރު ސަރުކާރުގެ އަމާޒަކީ ދައުރު ނިމޭއިރުގައި ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމެވެ. މަގު ހެދުމުގެ 36 މަޝްރޫއު އެކި ރަށްރަށުގައި ކުރިއަށްދާއިރު ބޯހިޔާވަހިކަމުގެ 16 ހާހަށްވުރެ ގިނަ ފްލެޓާއި ހައުސިން ޔުނިޓާ ގޯތި ދިނުމުގެ މަޝްރޫއު ކުރިއަށް އެބަދެއެވެ. މާލޭގައި 7000 އެއްހާ ފްލެޓް އަދި 5000 އަށްވުރެ ގިނަ ގޯތި ދިނުމުގެ މަޝްރޫއު ކުރިއަށްދާއިރު 357 ރަށެއްގައި އެޅި ފްލެޓްތައް ވަނީ މިހާރު ނިންމާ ހަވާލުކޮށްފައެވެ.
[caption id="attachment_46860" align="aligncenter" width="1024"] ޖަލްސާގައި އައްޑޫ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި[/caption]
އެއަށް ފަހު އެމަނިކުފާނު ސަޕޯޓަރުންނަށް ކުރެއްވީ ސުވާލެކެވެ.
"މިކަންތައްތައް (މަޝްރޫއު) އެކު ކުރިއަށް ދާނީތޯ؟ ނޫނިއްޔާ ދާ ގޮތަށް ގޮސް މަގުމަަތިވެ، ހުއްޓި ތިބޭނީތޯ ކުރަން އޮތް ސުވާލު" ރައީސް ވިދާޅުވި މާ ފަސޭހަކަމާ އެކު ކަންތައްތައް ކުރިއަށް ގެންދެވެނޭ ގޮތް އެބައޮތް ކަމަށެވެ.
ނަމަވެސް އެކަންތައް ބުރަވެގެންދާނީ މި ޕްރައިމަރީގައި އެމްޑީޕީ މެމްބަރުން ނިންމާ ނިންމުމުގެ މައްޗަށް ކަމަށެވެ. މީގެ ކުރީގެ ތަޖުރިބާތަކާއެކު ސަރުކާރެއް އެކުލަވާލުމަށްޓަކައި ކުރަން ޖެހޭ ކަންތައް ޕާޓީގެ މެމްބަރުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
[caption id="attachment_46861" align="aligncenter" width="1600"] އައްޑޫ ރައްޔިތުންނަކީ ވިސްނާފައި ސިޔާސީ ނިންމުން ނިންމާ ބައެއް ކަމަށް ރައީސް ވިދާޅުވީފޮޓޯ: ރައީސް ކެމްޕޭނު ޓީމް[/caption]
"އެހެންވީމަ އެ ހުރިހާ ކަމެއްގެ މައްޗަށް ވިސްނާ ވަޑައިގެން އެމްޑީޕީގެ ސަރުކާރެއް އެކުލަވާލުމަށް ލިބޭ ފުރުސަތު ގެއްލުވާނުލުމަށް ހުރިހާ ބޭފުޅުންނަށް އިލްތިމާސްކުރަން" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕްރައިމަރީން ކެނޑިޑޭޓަކު ހޮވުމަކުން އަދި ނުނިމެއެވެ. އަދި އިތުރު މަރުހަލަ ކަނޑަތު ކުރަން ޖެހޭއިރު އެ މަރުހަލާ ކަނޑަތު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައް ކުރެވޭނީ ކާކަށްތޯ ރައްޔިތުން ނިންމަން ޖެހޭ ކަމަށެވެ.
"ވޭތުވެދިޔަ ތަނުގައި އެތައް އަހަރެއްވަންދެން ކުރި މަސައްކަތް ގެއްލުވާނުލައި މި ކަމާއިގެން ކުރިއަށް ދިޔުމަށް. މި ދައްކަނީ އެއް އަހަރު ދެ އަހަރުގެ ވާހަކައެއް މީގެ 35 އަހަރު ކުރިން ރައްޔިތުންގެ ހައްގުގައި ފެށި ކަންތައްތކުގެ ވާހަކަ.... އައްޑޫގެ ރައްޔިތުންނަކީ ވިސްނާފައި ސިޔާސީ ކަންކަން ނިންމާ ބައެއް" ރައީސް ވިދަޅުވިއެވެ.