މާލެ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމަށް ނިންމާ އިއްޔެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ އުސޫލުގައި “މާލެ ރައްޔިތުން” މާނަ ކޮށްފައިވާ އޮތް ގޮތާއި މެދު ނުރުހި، ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލުމުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު ގެޒެޓުކުރިއިރު އެ އުސޫލުގައި ގޯއްޗަށް އެދެވޭ ޝަރުތުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ވެސް އޮންނަނީ “މާލެ ރައްޔިތަކަށް” ވާން ޖެހޭނެ ކަމަށެވެ.
މާނަ ކުރުމުގެ މާއްދާގައި “މާލެ ރައްޔިތެއް” އެ އުސޫލުގައި މާނަ ކޮށްފައިވާ ގޮތް ހާމަ ކޮށްފައިވެއެވެ. ބުނެފައި ވަނީ “މާލޭގެ ރައްޔިތެއް” ކަމުގައި ބަލާނީ، އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ ފަރާތްތަކަށް ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހައިކޯޓަށް ވެސް އެ މައްސަލަ ހުށަހެޅުމުގައި އިސްކޮށް އުޅުއްވި ގާނޫނީ ވަކީލު ގާނޫނީ ވަކީލު ޝިހާދު އިބްރާހީމެވެ. އަދި ގާނޫނީ ވަކީލް ހަސަން ފަލާހުއެވެ.
ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން އެ ދެ ބޭފުޅުން ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
އުސޫލަށް ފަހުން ގެނައި ބަދަލު:
ގޯތި ދޫކުރުމުގެ އުސޫލު ގެޒެޓުކުރިއިރު އެ އުސޫލުގައި ގޯއްޗަށް އެދެވޭ ޝަރުތުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ވެސް އޮންނަނީ “މާލެ ރައްޔިތަކަށް” ވާން ޖެހޭނެ އޮތުމުން ގިނަ ބައެއްގެ ކަންބޮޑުވުން އޮތެވެ.
އެހެންކަމުން މިދިޔަ ސެޕްޓެމްބަރު މަހު އެ އުސޫލަށް އިސްލާހެއް ގެނެއެވެ.
އިސްލާހު ކޮށްފައިވާ އެ މާއްދާގައި ބުނެފައި ވަނީ ” މާލޭގެ ރައްޔިތެއް” ކަމުގައި ބަލާނީ، އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ މީހުން ކަމަށެވެ.
އެހެން ނަމަވެސް، އެ މީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތެއް ކަމަށް ވެފައި، ސަރުކާރުން ހިންގައިފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައަޅައިފައިވާ ގަވާއިދެއްގެ ސަބަބުން ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓަރީގައި ޖެހުމަށްފަހު، މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި އެ މީހަކު ރަޖިސްޓަރީވެފައި ވާނަމަ، އެފަދަ މީހުން ބަލާނީ މާލޭގެ ރައްޔިތުންގެ ގޮތުގައި ކަމަށް ވެސް އިސްލާހު ކޮށްފައިވާ އުސޫލުގައިވެއެވެ.