ކުރިއަށް އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަވެރި ފަރާތްތަކުން ވޯޓު ގަތުމަށް ރިޝްވަތު ބަހާނެ ކަމަށާއި އެ ފައިސާ ނެންގެވުމަށްފަހު، އެމަނިކުފާނަށް ދެއްވުމަށް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރިޝްވަތު ނެގުމަށް ނަޝީދު ބާރުއަޅުއްވައި ވާހަކަ ދެއްކެވީ "ރިޒުގުގައި އަތް އަޅަން" ބޭނުން ނުވާ ކަމަށް ވިދާޅުވަމުންނެވެ. މިއީ، މިހާ ފާޅުކަން ބޮޑުގޮތެއްގައި ރިޝްވަތު ނެގުމަށް ނަޝީދު ބާރު އެޅުއްވި ފުރަތަމަ ފަހަރެވެ. ރިޝްވަތު ނެގުމަށް އާންމުންނަށް ނަޝިދު އިލްތިމާސް ކުރެއްވީ އައްޑޫ ސިޓީ، މަރަދޫފޭދޫ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.
"އަޅުގަނޑަށް ފެންނަނީ އެ ފައިސާ ހިއްޕަވަން. ދެބައިކުޅަ އެއްބައިނަމަވެސް، ސެޕްޓެމްބަރު 9ގެ އިންތިހާބަށް [ރިޔާސީ އިންތިހާބަށް] އަޅުގަނޑުމެންނަށް އަލުން އަނބުރާ ދެއްވުން ވަރަށް ބޮޑަށް އެދެން. އަޅުގަނޑަށް [ދެއްވުމަށް]،" ނަޝީދު ވިދާޅުވިއެވެ.
"10،000 ދެއްވަން އުޅެންޏާ، ވިއްސޭ ވެސް ވިދާޅުވެ، އެ ވަރު ވެސް ނަންގަވާ،"
ރިޝްވަތުގެ ފައިސާ ނެންގެވުމަށްފަހު، އެ ފައިސާގެ ތެރެއިން ދެބައިކުޅަށް އެއްބައިވިޔަސް އެމަނިކުފާނަށް ދެއްވުމަށް ނަޝީދު އެދިވަޑައިގެންނެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހަރަދު ކުރެއްވުމަށެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީ ޕްރައިމަރީން އެމަނިކުފާނު މޮޅުވެއްޖެ ކަމަށާއި ދެން މަސައްކަތް ކުރަން އޮތީ ރިޔާސީ އިންތިހާބަށް ކަމަށެވެ.
"ދެން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މަތިންދާ ބޯޓެއްގެ ޓިކެޓެއްގެ ވެސް އަގު. ލޯންޗު ދަތުރެއްގެ ވެސް އަގު. އިންތިހާބުތަކަކީ ހަރަދު ހިނގާކަމެއް،" ނަޝީދު ވިދާޅުވިއެވެ.
"އެހެންވީމާ، މިފަހަރު ވަރަށް ރަނގަޅަށް މި ދިމާވީ އަޅުގަނޑުމެންނަށް. ޕްރައިމަރީން ދެ ކަމެއް ވެއްޖެ. އެއީ އަޅުގަނޑަށް ]ރިޔާސީ] ޓިކެޓް ލިބުމާއި ހަރަދު ވެސް ލިބުން."
ކަޅު ދަބަސް ހިފައިގެން ފައިސާ ބަހަން ރަށްރަށުގައި އުޅެނީ ކޮން ބައެއްކަން، އެ ރަށްރަށުގެ މީހުންނަށް އިނގޭނެ ކަމަށް ވިދާޅުވެ، ނަޝީދު ވިދާޅުވީ "އެކަމާ ކަންބޮޑުވެލައްވާނެ ކަމެއް ނެތް،" އެ ފައިސާ ނެންގެވުމަށް އެމްޑީޕީގެ އާންމު މެމްބަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ. ޕްރައިމަރީގައި 58،175 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.