ފޭދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ “ކިންގްސް ފޮރެކްސް ޓްރޭޑިން” ނަމަކަށް ކިޔާ ކުންފުނީގެ ބޭންކް އެކައުންޓުގައި ހުރި ފައިސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށާއި އެކަމުގެ ބަދަލު ހޯދުމަށް އެކުންފުންޏަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.
އަލްހާނުގެ މަސްހަލަތު އޮންނަ ކުންފުނީގެ ބޭންކް އެކައުންޓު ހިފެހެއްޓީ އެ ކުންފުނި މެދުވެރިކޮށް އާއްމުންގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ކުރިޔަށް ގެންދިއުމުންނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތަހުގީގެއް ހިންގައިފައެވެ. މީގެކުރިން ފުލުހުން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް “ޕޮންޒީ” ސްކީމަކާ އެއްގޮތްވާ ގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެކަމާއި ގުޅިގެން ފުލުހުން ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކުންފުނީގެ އެކައުންޓުތައް އެ މައްސަލާގައި ހިފެހެއްޓުމުން ބީއެމްއެލްއާ ދެކޮޅަށް އެ މައްސަލާގައި ދައުވާކުރީ އެކަން ބީއެމްއެލް އިން ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެކުންފުންޏަށް ބަދަލު ނަގައި ދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނީ މަނީ ލޯންޑަރިންގެ ގާނޫނުގެ ދަށުންވެސް ބޭންކް އެކައުންޓެއް ހިފެހެއްޓެން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ބޭންކުން އަމިއްލަ އަށް އެއްވެސް މީހެއްގެ އެކައުންޓެއް ހިފެހެއްޓުމުގެ ބާރެއް ލިބިގެން ނުވާ ކަމަށް ހުކުމްގައިވެއެވެ. އަދި ބޭންކުން އެކައުންޓު ހުޅުވާއިރު ވެފައިވާ އެއްބަސްވުމުގައި ވެސް ބޭންކަށް އޮންނަ ހަމައެކަނި އިހުތިޔާރަކީ ބޭންކަށް ވަންނަ ފައިސާ ބަލައިނުގަތުން ކަމަށެވެ. ބޭންކް އެކައުންޓު ހިފެހެއްޓުން ނޯންނަ ކަމަށާއި އެހެންކަމުން ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން އަލްހާނުގެ މަސްލަހަތު އޮންނަ ކުންފުނީގެ ބޭންކް އެކައުންޓު ހިފެހެއްޓި 14 ދުވަހަށް ބަދަލު ހޯދަން އެކުންފުންޏަށް ދައުވާ ކުރެވޭނެ ކަމަށް ހުކުމްގައިވެއެވެ.
މި މައްސަލާގައި އަލްހާނުގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުކޮށްފައެވެ. ނަމަވެސް އަލްހާން ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތަށް އިންކާރު ކޮށްފައެވެ.