ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހާއްސަ އިލްތިމާސެއް ކުރައްވައިފިއެވެ.
ޕްރައިމަރީ ކެމްޕެއިން ދަތުރުފުޅެއްގައި އދ. ދަނގެއްޗަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ސަރުކާރުން ރާއްޖެ އަށް ގެނެސްފައިވާ ހަމަޖެހުމާއި އަދި ރާއްޖޭގެ ރަށްތަކަށް މިހާރު ގެންނަމުންދާ ތަރައްގީ ކުރިޔަށް ގެންދަނީތޯ ނުވަތަ މަގުމަތިވެ މަޑުޖެހިފައި ތިބޭނީތޯ ސުވާލު ކުރައްވާފައެވެ. އެމްޑީޕީގެ ޕްރައިމަރީ އިން ނިންމަން ޖެހޭ ނިންމުންތަކަކީ އެއީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ޕްރައިމަރީގައި އެ ނިންމުންތައް ނިންމާއިރު ޕާޓީގައި ނޫޅޭ މެންބަރުންގެ ވެސް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެމްޑީޕީގެ މެންބަރުންނާއި އަދި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެމީހުންގެ ރައްޓެހި ރަހުމަތްތެރިންނަށް ވިސްނައި ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ދިވެހި ރައްޔިތުން އުޅެމުން ދިޔަ ބިރުވެރިކަމާއި ލިބެމުން ދިޔަ އަނިޔާތަކަށް އެނބުރިދާކަށް އެއްވެސް ރައްޔިތަކުން ބޭނުން ނުވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ޕްރައިމަރީ ނިމިގެންދާ ގޮތަކުން އަނެއްކާވެސް މަގުމަތިވާން ޖެހިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑު އެދެނީ ދަނގެތީ ދާއިރާގައިވެސް އަޅުގަނޑުމެން މިކުރާ ދަތުރުގައި ބައިވެރިވުމަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ދިވެހިން ބޭނުންވަނީ ރަށްރަށަށް ބޭނުން ޖެހިފައި ހުރި އަސާސީ ހިދުމަތްތައް ފޯރުކޮށްދީ އަދި ރަށުގައި ހުރެގެން އާމްދަނީ ލިބޭނެ ގޮތްތައް ހަމަޖެހިގެން ދިއުމާއި ސިއްހީ ހިދުމަތާއި ދަރިންނަށް ތައުލީމު ލިބޭނެ ގޮތް ލިބިގެން ދިއުމަށް ކަމަށެވެ. ރައީސް ވިދާޅުވީ އެ އުއްމީދު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް މިއަދު ކުރާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ރާއްޖޭގެ ރަށްތަކަށް ޕްރައިމަރީ ކެމްޕެއިނުގައި ކުރެއްވި ދަތުރުފުޅުގައި ތަފާތު ބޮޑުކޮށް ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.