ރާއްޖެ އަށް ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމަށާއި ކުރިޔަށް އޮތީ ދިވެހި ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިނަށް އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 2018ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ ސުލްހައާ އަމާންކަން ކުރިޔަށް ގެންދިއުމަށްޓަކައި ސަރުކާރުން ގެންނަން ފެށި ބަދަލަށް އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީއަކީ މުހިއްމު އިންތިހާބެއް ކަމަށެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރުން ރާއްޖެ އަށް ގެނެސްފައިވާ ހަމަޖެހުމާއި އަދި ރާއްޖޭގެ ރަށްތަކަށް މިހާރު ގެންނަމުންދާ ތަރައްގީ ކުރިޔަށް ގެންދަނީތޯ ނުވަތަ މަގުމަތިވެ މަޑުޖެހިފައި ތިބޭނީތޯ ސުވާލު ކުރައްވާފައެވެ. އެމްޑީޕީގެ ޕްރައިމަރީ އިން ނިންމަން ޖެހޭ ނިންމުންތަކަކީ އެއީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ދިވެހި ރައްޔިތުން އުޅެމުން ދިޔަ ބިރުވެރިކަމާއި ލިބެމުން ދިޔަ އަނިޔާތަކަށް އެނބުރިދާކަށް އެއްވެސް ރައްޔިތަކުން ބޭނުން ނުވާނެ ކަމަށެވެ.

"އެ ބިރުވެރިކަން ތަހައްމު ކުރާކަށެއް ބޭނުމެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ދިވެހިން ބޭނުންވަނީ ރަށްރަށަށް ބޭނުން ޖެހިފައި ހުރި އަސާސީ ހިދުމަތްތައް ފޯރުކޮށްދީ އަދި ރަށުގައި ހުރެގެން އާމްދަނީ ލިބޭނެ ގޮތްތައް ހަމަޖެހިގެން ދިއުމާއި ސިއްހީ ހިދުމަތާއި ދަރިންނަށް ތައުލީމު ލިބޭނެ ގޮތް ލިބިގެން ދިއުމަށް ކަމަށެވެ. ރައީސް ވިދާޅުވީ އެ އުއްމީދު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް މިއަދު ކުރާ ކަމަށެވެ.

"ރައްޔިތުންނަށް ޔަގީންކަން ލިބިއްޖެ މި ސަރުކާރުން ރަށްރަށުގެ ތަރައްގީ އަށްޓަކައި މަސައްކަތްތަކެއް ކުރާކަން. ތަފާތު ކުރުމެއް ނެތި އެ ރައްޔިތަކު ދިރިއުޅޭ ރަށަކުން އެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ފަށާ ބައެއް ތަންތަނުގައި މަސައްކަތްތައް ނިމި އަނެއްބައި ރަށްރަށުގައި ކުރިޔަށްދާކަން މިއީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފެންނަ މަންޒަރު،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ދަނގެއްޗަށް ބައެއް ވައުދުތައް ވަނީ ވެވަޑައިގެންފައެވެ. އެގޮތުން އެރަށަށް އިންޑަސްޓްރިއަލް ޒޯނެއް އިތުރު ކުރާނެ ކަމަށާއި ދެން އަންނަ ދައުރެއްގައި އެރަށުގެ ބިން ހިއްކާ މޫދަށް އެރޭ ސަރަހައްދެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ދަނގެތީގައި ވާހަކަ ދައްކަވަމުން، ރައީސް ވަނީ އދ. މަހިބަދޫގެ ބިން ހިއްކާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައެވެ.
"މިވަގުތު މަހިބަދޫގެ ރައްޔިތުން ބޭނުންވަނީ މިވަގުތަށް ހިއްކެން އޮތް ބައި، 8 ހެކްޓަރު ވަރު އުޅެނީ މިހާރު. އެ ބިން ހިއްކައި ރައްޔިތުންނަށް ބޭނުން ހިފޭނެ ގޮތް ހެދުން. މިހާރު ވާނީ އީއައިއޭ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި. އެކަން ނިމުމާއެކު މިއަހަރު ތެރޭގައި ތިބޭފުޅުން ބޭނުންވާ ގޮތަށް ބިން ހިއްކިގެންދާނެ،" ރައީސް ވިދާޅުވިއެވެ.