ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑު ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މި ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ތުހުމަތު ކުރައްވައިފިއެވެ.

ޕްރައިމަރީގެ ކެމްޕެއިނުގައި އއ. މާޅޮހަށް ވަޑައިގެން އެރަށު އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ އިންތިހާބު އޮންނަ ދުވަސް ކުޑަތަންވެފައިވާއިރު ޕްރައިމަރީގެ ތެރޭގައި އެހެން ކުލަތަކެއް [ސިޔާސީ ޕާޓީތައް] ޖެހެމުން އަންނަ ކަމަށެވެ. އެކަމާއި ވިސްނަން ޖެހޭ ކަމަށާއި އެ ޕާޓީތަކުގެ ބޭނުމަކީ ކޮބައިކަން އެނގެން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ބައެއް ރަށްރަށުން އެ ކުލަތައް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރެއަށް ވަންނަން ފަށާފައިވާކަން ފެންނަމުން އަންނަ ކަމަށެވެ.

[caption id="attachment_46746" align="alignnone" width="2560"] ޕްރައިމަރީގެ ކެމްޕެއިނަށް އއ. އުކުޅަހަށް ރައީސް ސޯލިހު ވަޑައިގެން: ހަތާވީސް ފޮޓޯ / ހުސައިން ހަސަން[/caption]

"ސާފުކޮށް އެމްޑީޕީ އަށް ވެރިކަމުގައި ދެމިތިބެ އޮތްކަން އެނގޭތީ، އެކަމަށް ހުރަސް އަޅަން އޮތް ކަންކަން އެބޭފުޅުން އެ ކުރައްވަނީ. ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާވެސް އެބޭފުޅުންނަށް ވާދަ ކޮށްލެވެން އޮތީ މީގެތެރެއަށް ވަދެ މި ގަޑުބަޑު ކޮށްގެން ކަމަށް ފެންނާތީ އެބޭފުޅުން ނިކުމެ އެތިބީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ އަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާއި އެޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ އަބަދުވެސް ވާދަވެރި އިންތިހާބުތަކެއް ކަމަށެވެ. އެގޮތުން މި ޕްރައިމަރީ އަކީ ވެސް ވާދަވެރިވާނެ ޕްރައިމަރީއެއް ކަމަށާއި އެމްޑީޕީ އަކީ އަބަދުވެސް ނަމޫނާ ޕާޓީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

[caption id="attachment_46743" align="alignnone" width="2560"] ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އއ. އުކުޅަހުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އެމްޑީޕީ އަދި ރައީސް ސޯލިހަށް ތާއީދު ކުރާ މީހުންތަކެއް: ހަތާވީސް ފޮޓޯ / ހުސައިން ހަސަން[/caption]

"މި ޕްރައިމަރީވެސް ވެގެން ދާނެ ރާއްޖެ އަށް ނަމޫނާ އަކަށް. ދެން ހުރި ސިޔާސީ ޕާޓީތަކަށް ވެސް. އެހެންވީމާ މި ގަޑުބަޑުކޮށް، ކިރިޔާވެސް ފުރުސަތެއް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކޮށްލެވޭނެ ފުރުސަތެއް އޮތް ގޮތަށް އަނބުރާލުމަށްޓަކައި ކުރާ ކަމެއް މިއީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިއަދުވެސް މި ޕްރައިމަރީ ފަސޭހަކަމާއެކު އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށާއި އަދި ޕްރައިމަރީއާއެކު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުވެސް ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ ކެމްޕެއިނަށް ރައީސް އިއްޔެ ވަނީ ތިން ރަށަކަށް ވަޑައިގެންފައެވެ. އެއީ ކ. ގުރައިދޫ އާއި ކ. ކާށިދޫ އާއި އއ. ތޮއްޑޫއަށެވެ. މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ އއ. މާޅޮހަށެވެ. ދެން ވަޑައިގަންނަވާނީ އދ. އަތޮޅަށެވެ.

މި ރަށްތަކަށް ރައީސް ވަޑައިގަންނަވަނީ މޯލްޑިވިއަންގެ ސީޕްލޭނެއްގައެވެ.