ރާއްޖޭގެ ރަށްރަށުގައި ގެސްޓްހައުސް ހިންގޭނެ ގޮތް ހެދީ އެމްޑީޕީގެ ފުރަތަމަ ވެރިކަން، އައުމުގެ ކުރިންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއްޔެ ވިދާޅުވި ވާހަކަފުޅަށް އެމަނިކުފާނުގެ ވާދަވެރިން ރައްދު ދެމުންދަނިކޮށް، އެ ވާހަކަފުޅަށް ބާރުލިބޭ މަޖިލީހުގެ ޔައުމިއްޔާތަކެއް އާންމުވެއްޖެއެވެ.

ރައީސް ވިދާޅުވީ ގެސްޓްހައުސް ރަށްރަށުގައި ހިންގުމަށް ލާޒިމް ކުރާ ގަރާރެއް މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. “ވަތަންއެދޭ ގޮތަށް” ކޯލިޝަން ސަރުކާރަކާ އެކު، ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ނޮވެމްބަރު 11، 2008ގައެވެ.

“ތެދެއް، އަޅުގަނޑުމެންގެ ކުރީގެ ވެރިކަމުގެ ތެރޭގައި އެބަހުރި [ގެސްޓްހައުސް ވިޔަފާރިއަށް] މަސައްކަތްތަކެއް ކުރެވިފައި. އެހެންނަމަވެސް ކުރިން، ސަރުކާރުން އެ ނިންމާފައި އޮތް ނިންމުން ބަދަލުކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަން އައުމުގެ ކުރިން،” ރައީސް ސާލިހު ވިދާޅުވިއެވެ.

“އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މިތާ މިތިއްބެވީ، މޫސާ މަނިކު. އަބްދުﷲ ޝާހިދު، މާރިޔާ ދީދީ، އަޅުގަނޑު ހިތުން މަހްލޫފް ވެސް އެތާ އިންނަވާނެ. އަދި އަޅުގަނޑު ވެސް އެތާ އިންނަންޖެހުނު އެ ދުވަސްކޮޅު. އެކަން ވެގެންދިޔަ ގޮތް، އެތާނގެ ތެރޭގައި ބަހުސްތައް ދިޔަ ގޮތް، އެއް ފަހަރަށްވުރެ ގިނަ ފަހަރު އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން އަޅުގަނޑުމެން ފާސްކުރީ. އެހެންވީމަ ހަގީގަތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވަންވާނެ،” ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަ ކުރެއްވި ރައީސް ސާލިހު ވިދާޅުވިއެވެ.

[caption id="attachment_46684" align="alignnone" width="1024"] ކ. ގުރައިދޫ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ހުސައިން ހަސަން[/caption]

ރައީސްގެ އެ ވާހަކަތަކުގެ ހަގީގަތް އިތުރަށް ހާމަވެގެން ދިޔައީ މަޖިލީހުގެ އޭރުގެ ޔައުމިއްޔާތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެގޮތުން ގެސްޓު ހައުސްއާ ގުޅޭ ގޮތުން 2008 ވަނަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ގަރާރެއް ހުށަހެޅުއްވީ ދ. އަތޮޅު މެމްބަރު މުހައްމަދު ޝިހާބު ކަމަށް އެ ޔައުމިއްޔާތަކުން އެނގެއެވެ. އެ ގަރާރުގައި ޝިހާބު ވިދާޅުވެފައި ވަނީ ރާއްޖޭގެ ރަށްރަށުގައި ގެސްޓުހައުސް ވިޔަފާރި ކުރުމަށް ހުއްދަ ދެވިގެން ދިއުމަކީ އެ ރަށްތަކުގެ އިގްތިސާދަށް ދިރުން ލިބި ރައްޔިތުންގެ ތަނަވަސްކަން އިތުރުވެގެން ދާނެ ކަމެއް ކަމަށެވެ.

އެ ގަރާރަށް ވޯޓު ނެގިއިރު މަޖިލީހުގައި ތަޅުމުގައި 33 މެންބަރުން ތިއްބެވެ. އަދި އެ ގަރާރަށް 32 މެންބަރަކު ވޯޓު ދެއްވިކަން ވެސް ދައުރުވަމުން އަންނަ މަޖިލީހުގެ ޔައުމިއްޔާގައި ބުނެފައިވެއެވެ.

ގެސްޓުހައުސް ވިޔަފާރިއާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކައަށް ތާއީދު ކުރައްވާ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ގެސްޓު ހައުސްގެ ވިޔަފާރި ފައްޓަވައި ދެއްވި ފައުންޑަރަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް ދެއްކެން އުޅުނު ނަމަވެސް އެކަމެއް ނުވާނެ ކަމަށެވެ.

https://twitter.com/AndhunHussain/status/1617482194548842501?s=20&t=OvAJgQ_u8-F_dYcYrvf4IA

އަދި މަޖިލީހުގެ ޔައުމިއްޔާ އިން އެކަމުގެ ހެކި ފެންނަން އެބަހުރި ކަމަށާއި ރައީސް ސޯލިހުވެސް އޭރު ހުންނެވީ މަޖިލިސް މެންބަރެއްގެ ގޮތުގައި ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ.