ޔޫތް މިނިސްޓްރީން ނިމޭ މަޝްރޫއުތައް ގިނަވުމުން އެތަންތަން ހުޅުވުމަށް ބާއްވާ ރިބަން ކެނޑުމުގެ ރަސްމިއްޔާތުތަކަށް ދާން ގިނަ ފަހަރު ވަގުތު ނުލިބޭ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރި ކަންކަމުގެ ރިބަން ކަނޑާ ރަސްމިއްޔާތު ބާއްވަން ވެއްޖެނަމަ، މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ކޮންމެ ދުވަހަކު ޖެހޭނީ އެކަން ކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތޮއްޑޫގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގައި We ވިދާޅުވެފައެެވެ. ރައީސަށް ފަހު ޕޯޑިއަމަށް އަރައިވަޑައިގެންނެވި މަހުލޫފް ވިދާޅުވީ ރައީސް ވިދާޅުވި ގޮތަށް، ރިނބަން ކަނޑަން ދާން ޖެހޭ ރަށްތައް ގިނަކަމުންގޮސް އެކަން ކުރަން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ފޮނުވަން ޖެހޭ ކަމަށެވެ.
"ހަމައެކަނި އަޅުގަނޑުމެންގެ މިނިސްޓްރީން މިހާތަނަށް ކުރި މަސައްކަތުގައި އަޅުގަނޑަށް ޔަގީން އަޅުގަނޑަށް މި އުޅެނީ އެކަން (ރިބަން ކަނޑަން) ނުވެގެން. އެވަރަށް މި ސަރުކާރުގެ މަސައްކަތް އެބައޮތް. ރަށަކުން ޕްރޮޖެކްޓް ނިންމާފައި ދައުވަތު ދިނީމަ މިނިސްޓްރީން ސިޔާސީ މުވައްޒަފަކު ގޮސްފައި އެކަން އެބަކުރޭ" މިނިސްޓަރު ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ ތޮއްޑޫ ދާއިރާއަށް އެކަނި ބަލައިލިޔަސް ޔޫތް މިނިސްޓްރީން އެތައް މަޝްރޫއުއެއް މިހާރުވެސް ކުރިއަށް އެބަގެންދާ ކަމަށެވެ. ފުޓްބޯޅާ ދަނޑުތަކާއި ބެޑްމިންޓަން ކޯޓު އަދި ވޮލީކޯޓުގެ މަސައްކަތް ބައެއް ރަށްރަށުގައި ނިމިފައިވާއިރު އެހެން ރަށްރަށުގައި އެ މަޝްރޫއުތައް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
"މިއިން ކޮންމެ ތަނެއްގައި މި ރަށުގައިވެސް އިންޑޯ ބެޑްމިންޓަން ކޯޓެއް ހަދަން ކުރި މަސައްކަތް އުޅުނު ހާލު. އެގޮތް މިގޮތަށް ގޮސް ތިން ކޯޓުގެ ރަނގަޅު އިންޓަނޭޝަނަލް މުބާރާޓް ބޭއްވެ ފެސިލިޓީއެއް މި ހަދައިދެނީ. އައުޓްޑޯ ވޮލީ ކޯޓު އިއުލާންކޮށްދީފި. މި ދާއިރާގެ އެހެން ރަށްރަށުގައި ވެސް، ރަސްދޫގައި އޮތީ ނިމިފައި. ވޮލީ ކޯޓު ކައުންސިލާ ހަވާލުކޮށްފައި" އޭނާ ވިދާޅުވީ އެ ދާއިރާގެ ރަށްތަކުގެ ތެރެއިން ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދަނީ އުކުޅަހުގައި އަޅާ އިންޑޯ ސްޕޯޓް ކޮމްޕްލެކްސްގެ މަޝްރޫއު ކަމަށެވެ.
މިހާ ގިނަ އަދަދަކަށް ތަރައްގީގެ މަޝްރޫއުތަކެއް ނިންމަމުންދާއިރުގައި ސަރުކާރުން ކޮށްދިނީ ކޮންކަމެއްހޭ އެމްޑީޕީގެ ތެރެއިން ސުވާލު އުފެއްދުމަކީ އެއީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް މަހުލޫފް ގަބޫލެއް ނުކުރައްވައެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ތެރެއިން ބަޔަކު ނުވެއޭ ބުނީމަ މައްސަލައެއް. ޕީޕީއެމުންނާ އޮފަޒިޝަނުން އެ ވާހަކަ ދެއްކީމަ ގަބޫލުކޮށްފާނަން. އަޅުގަނޑުމެންގެ ތެރެއިން އެ ވާހަކަ ދެއްކިމާ ގޯސް" ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވި ގޮތުގައި އަމާޒަކީ އެމްޑީޕީގެ ޕްރައިމަރީގައި، ތޮއްޑޫ ދާއިރާއިން 60 އިންސައްތަ ރައީސަށް ހޯދުން ކަމަށެވެ.