ރާއްޖޭގެ ރަށްރަށުގައި ގެސްޓްހައުސް ހިންގޭނެ ގޮތް ހެދީ އެމްޑީޕީގެ ފުރަތަމަ ވެރިކަން، އައުމުގެ ކުރިންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކ. އަތޮޅަށް ފެއްޓެވި ޕްރައިމަރީ ދަތުރުފުޅުގައި އެ އަތޮޅު ގުރައިދޫއަށް ވަޑައިގެން، އެމްޑީޕީގެ މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގެސްޓްހައުސް ރަށްރަށުގައި ހިންގުމަށް ލާޒިމް ކުރާ ގަރާރެއް މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. "ވަތަންއެދޭ ގޮތަށް" ކޯލިޝަން ސަރުކާރަކާ އެކު، ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ނޮވެމްބަރު 11، 2008ގައެވެ.

"ތެދެއް، އަޅުގަނޑުމެންގެ ކުރީގެ ވެރިކަމުގެ ތެރޭގައި އެބަހުރި [ގެސްޓްހައުސް ވިޔަފާރިއަށް] މަސައްކަތްތަކެއް ކުރެވިފައި. އެހެންނަމަވެސް ކުރިން، ސަރުކާރުން އެ ނިންމާފައި އޮތް ނިންމުން ބަދަލުކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަން އައުމުގެ ކުރިން،" ރައީސް ސާލިހު ވިދާޅުވިއެވެ.

"އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މިތާ މިތިއްބެވީ، މޫސާ މަނިކު. އަބްދުﷲ ޝާހިދު، މާރިޔާ ދީދީ، އަޅުގަނޑު ހިތުން މަހްލޫފް ވެސް އެތާ އިންނަވާނެ. އަދި އަޅުގަނޑު ވެސް އެތާ އިންނަންޖެހުނު އެ ދުވަސްކޮޅު. އެކަން ވެގެންދިޔަ ގޮތް، އެތާނގެ ތެރޭގައި ބަހުސްތައް ދިޔަ ގޮތް، އެއް ފަހަރަށްވުރެ ގިނަ ފަހަރު އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން އަޅުގަނޑުމެން ފާސްކުރީ. އެހެންވީމަ ހަގީގަތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވަންވާނެ،" ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަ ކުރެއްވި ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަފުޅަށް ތާއިދުކޮށް، ރީކޯ މޫސާ މަނިކު ވިދާޅުވީ އެ މައްސަލަ އޭރު މަޖިލީހަށް އެންމެ ފުރަތަމަ ވެއްދީ އޭނާ އާއި ސެންކޯ ޝަރީފު ކަމަށެވެ. އެއަށްފަހު، ދެ ވަނަ ފަހަރަށް އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ދ. އަތޮޅު މެމްބަރު މުހައްމަދު ޝިހާބާއި ގދ. މެންބަރު އައްބާސް އިބްރާހިމުގެ ތާއިދާ އެކުގައި ކަމަށެވެ.

[caption id="attachment_46685" align="alignnone" width="1024"] ގުރައިދޫގައި މޫސަ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ހުސައިން ހަސަން[/caption]

"އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ، ގެސްޓްހައުސް ވެސް ކުރީ ތިމަންނައޭ. ގެދޮރުގެ ސިޔާސަތު، ހުރިހާ ކަމެއް ތިމަންނައޭ... ކޮންމެ ބަޔަކު ކޮށްފައި އޮތް މަސައްކަތެއްގެ ހައްގު އެބަޔަކަށް ލިބެންޖެހޭނެ،" ރީކޯ މޫސަ މަނިކު ވިދާޅުވިއެވެ.